މީގެ ކުރިން ގިނަ ބަޔަކު ހީކުރަނީ އާތުރައިޓިސް ނުވަތަ ރާއްޖެ ބައްޔަކީ އުމުރުން ދުވަސްވުމުން ޖެހޭ ބައްޔެއް ކަމަށެވެ. ނަމަވެސް މި ޒަމާނުގައި އާތުރައިޓިސް ޖެހިގެން އެ ވޭނުގައި އުޅޭ ޒުވާނުން މަދެއް ނޫނެވެ.
އިނގިރޭސި ވިލާތުގެ ނެޝަނަލް ހެލްތު ސާވިސްގެ ހިސާބުތަކަށް ބަލާއިރު އެ ގައުމުތަކުގައި އެކަނިވެސް ކޮންމެ އަހަރަކު 15،000 ކުދިންނާއި ޒުވާނުންނަށް މި ބަލި ޖެހެ އެވެ. މިއީ އެންމެ ޅަ ގްރޫޕަށް ޖެހޭ މިންވަރު ކަމުން 20 އަހަރާއި 30 އަހަރާ ދެމެދުގެ މީހުންގެ ތެރޭގައި ވެސް މި ބަލި ޖެހިފައިވާ ގިނަ އަދަދެއްގެ މީހުން ތިބޭނެކަން ޔަގީނެވެ.
ފިނި މޫސުން ގިނަ ދުވަސްތަކަކަށް ދެމިގެންދާ ގައުމުތަކުގައި ދިރިއުޅޭ މީހުންނަށް އާތުރައިޓިސްގެ ސަބަބުން ގިނަ ދުވަސްތަކަކު ވަރުގަދަ ވޭނެއްގައި އުޅެން ޖެހެ އެވެ. ސަބަބަކީ ފިނި މޫސުމުގައި އާތުރައިޓިސްގެ މައްސަލަތައް އިތުރުވާތީ އެވެ.
އާތުރައިޓިސް ޖެހިފައިވާ ބައެއް ޒުވާނުން އެމީހުންގެ ވާހަކަތައް ހިއްސާ ކުރި އެވެ. އެތަނުން އެކަކީ އިނގިރޭސި ވިލާތަށް އުފަން ހޭލޭ ވުޑްލޭންޑް ކިޔާ 27 އަހަރުގެ ޒުވާން ޓީޗަރެކެވެ. އޭނާއަށް އާތުރައިޓިސް ޖެހުނީ އުމުރުން އެންމެ ތިން އަހަރުގަ އެވެ.
ހޭލޭގެ ކަކޫ ދުޅަވެގެން އެންމެ ފުރަތަމަ ޑޮކްޓަރަށް ދެއްކުމުން އެއީ ތަނެއްގައި ޖެހިގެން ދުޅަވެފައި ހުރި ތަނެއް ކަމަށް ޑޮކްޓަރު ބުންޏެވެ. ނަމަވެސް އޭގެ އަހަރެއް ފަހުން އެއީ އާތުރައިޓިސްކަން ޔަގީންވީއިރު ބަލި ހުރީ ހަށިގަނޑުގެ އެހެން ބައިތަކަށް ވެސް ފެތުރިފަ އެވެ.
އިނގިރޭސި ވިލާތުގެ ނޫހަކަށް ހޭލޭ ކިޔައިދިން ގޮތުގައި އޭނާއަށް އާތުރައިޓިސް ޖެހުނުކަން އެނގުނީ 1994 ވަނަ އަހަރު އެވެ. އެ ދުވަސްވަރު ގިނަ މީހުންނަށް ގަބޫލު ކުރެވިފައި އޮންނަނީ އާތުރައިޓިސް ކުޑަކުދިންނަށް ނުޖެހޭނެ ކަމަށެވެ. ނަމަވެސް އޭނާ އަށް ދެއްކުނު ސްޕެޝަލިސްޓުގެ މޮޅުކަމުން އޭނާގެ އާތުރައިޓިސް އެންމެ ތިން އަހަރުގައި ވެސް ދެނެގަނެވި ފަރުވާ ކުރަން ފެށުނީ އެވެ. ނަމަވެސް އޭރުވެސް އޭނާގެ ކަކުލުން އެހެން ހިސާބުތަކަށް ވެސް އާތުރައިޓިސް ވަނީ ފެތުރިފައި ކަމަށް ހޭލޭ ކިޔައިދިނެވެ.
ހޭލޭ ބުނި ގޮތުގައި ސްކޫލަށް ދިޔަ ދުވަސްވަރު އޭނާއަށް އަހަރަކު ސްކޫލަށް ދެވެނީ އެންމެ 40 ޕަސެންޓް ދުވަހު އެވެ. އާތުރައިޓިސްގެ ސަބަބުން ތަންތަނުގައި ރިއްސާވަރުންނެވެ. އަދި ކަކުލުގައި ރިއްސާވަރުން ނުހިނގިގެން ފުރޮޅުލީ ގޮނޑީގައި ވެސް އޭނާ ދުވަސްކޮޅަކު އުޅުނު ކަމަށް ހޭލޭ ބުންޏެވެ.
ޝީލޯ އިލިއަޓް އަކީ ވެސް އަތުރައިޓިސްގެ ވޭނުގައި އުޅޭ ޒުވާނެކެވެ. އޭނާއަށް 2013 ގައި އާތުރައިޓިސް ހުރިކަން އެނގުނުއިރު އުމުރަކީ 23 އަހަރެވެ. އޭނާ ޑޮކްޓަރަށް ދެއްކީ ވަރަށް ބޮޑަށް ގައިގަ ރިއްސާތީ އެވެ. ރިއްސާވަރުން ހިނގާބިނގާވާން އުނދަގޫވެ އަތް އުފުލާލަން ވެސް ދަތިވި އެވެ. ޑޮކްޓަރަށް ދައްކައި ލޭގެ ޓެސްޓްތައް ހަދައިގެން އާތުރައިޓިސްކަން ޔަގީންވި އެވެ.
ޝީލޯ ބުނި ގޮތުގައި އޭނާއަށް ވަޒީފާއެއްގައި ވެސް މާ ގިނަ ދުވަހު ނޫޅެވެނީ އާތުރައިޓިސްގެ ސަބަބުން ވަޒީފާއަށް ގަވާއިދުން ނުދެވޭތީ އެވެ. ބައެއް ފަހަރު ނުހިނގިގެން ދަނޑިގަނޑު ޖަހައިގެން ވެސް އުޅެން ޖެހޭ ކަމަށް އޭނާ ބުންޏެވެ.
ޕެއިޖޭ ކެލްވާޓް އަކީ 27 އަހަރުގެ ޒުވާނެކެވެ. އޭނާއަށް ޖެހިފައިވަނީ އެންޓެރޯޕެތިކް އާތުރައިޓިސް އެވެ. މި ބަލީގައި އެންމެ ބޮޑަށް އަސަރުކުރަނީ ހުޅުތަކުގެ ވަށައިގެން ހުންނަ މަޑު ޓިޝޫ ތަކަށާއި މަޑު ކަށިތަކަށެވެ.
ޕެއިޖޭ ބުނި ގޮތުގައި އާތުރައިޓިސް އަކީ ލޮލަށް ނުފެންނަ ނަމަވެސް ވޭން ހުރި ބައްޔެކެވެ. އެހެންވެ މި ބަލި ހުންނަ މީހުން އުފުލަން ޖެހޭ ތަކުލީފާއި އަޅާ ވޭން އެހެން މީހުންނަށް ބަލައިގަންނަން އުނދަގޫވެ އެވެ. ކޮންމެ ދުވަހަކު އާދަކޮށް ކުރަން ޖެހޭ މަސައްކަތްތައް ވެސް އާތުރައިޓިސްގެ ވޭން ހުންނަ އިރު ކުރަން އުނދަގޫކަން އޭނާ ފާހަގަ ކުރި އެވެ.
"އަހަރެންގެ އާތުރައިޓިސް ހުންނަކަން އެނގުނު ފަހުން ވެސް މީހުން ބުނޭ ތީ މާ ޅަ އުމުރެކޭ އާތުރައިޓިސް ޖެހޭ ވަރަށް ވުރެ. ހަގީގަތުގައި މި އޮޓޯ-އިމިއުން ޑިޒީޒް އަކީ ކޮންމެ އުމުރެއްގެ ކޮންމެ މީހަކަށް ވެސް ޖެހިދާނެ ބައްޔެއް،" ޕެއިޖޭ ބުންޏެވެ.
މިހާރަށް ވުރެ ބޮޑަށް މި ބަލީގެ ހޭލުންތެރިކަން މީހުންނަށް ލިބުމަށް ޕެއިޖޭ ބޭނުންވެ އެވެ. ސަބަބަކީ ބޭރުގައި އުޅޭއިރު ހުސް ގޮނޑިއެއް ނެތިގެން ތަނެއްގައި ނީށީނދެ ގިނައިރު ކޮޅަށް ހުންނަން ޖެހުނަސް އޭނާގެ ބަލި ފެންނަން ނުހުންނާތީ އިށީންނާނެ ގޮނޑިއެއް ވެސް މީހަކު ނުދައްކަ އެވެ.