ލައިފްސްޓައިލް

ވާލޯބި ހަނދާން ކޮށްދޭން ފޮތެއް ލިޔެފި

އެމެރިކާގެ މިޗިގަންގައި ދިރިއުޅޭ 38 އަހަރުގެ ސްޓީވަން ކާޓޯ އޭނާގެ އަންހެނުންނަށް ޚާއްސަކޮށް ފޮތެއް ލިޔެފި އެވެ. ފޮތުގެ ނަމަކީ "ބަޓް އައި ނޯ އައި ލަވް ޔޫ" އެވެ. މި ފޮތް އޭނާ ނެރެފައި ވަނީ އެ ދެމަފިރިންގެ ކައިވެންޏަށް ހަތަރު އަހަރު ފުރުނު ދުވަހާ ދިމާކޮށެވެ.

ސްޓީވަންގެ އަންހެނުން ކެމްރޭ އަށް ޚާއްސަކޮށް އޭނާއަށް ފޮތެއް ލިޔަން ޖެހުނީ އެ ދެ މީހުންގެ ހަޔާތުގެ އެއްވެސް ވާހަކައެއް އަންހެނުން ހަނދާން ނެތީމަ އެވެ. އެމީހުންގެ ފުރަތަމަ ދަރިފުޅު ވިހެއުމުގެ ތެރޭގައި ލިބުނު ގެއްލުމެއްގައި އޭނާގެ އަންހެނުން ކެމްރޭގެ ހަނދާންތައް ވަނީ މުޅިން ގެއްލިފަ އެވެ.

ވިހެއުމުގެ ތެރޭގައި ސިކުނޑިއަށް ގެއްލުންވެ ކޯމާގައި ބާއްވާފައި އޮންނަތާ ގިނަ ދުވަސް ތަކަކަށްފަހު ހޭ އެރިއިރު ކެމްރޭ އަށް އޭނާގެ ހަޔާތުގައި ހިނގާފައިވާ އެއްވެސް ކަމެއް ހަނދާނެއް ނެތެވެ. އެންމެ ކުޑަމިނުން އޭނާ ވިހޭ ދަރިފުޅުގެ ހަނދާނެއް ވެސް އޭނާގެ ނެތެވެ. އެހެންވެ ކެމްރޭ ހޮސްޕިޓަލުން ދޫކޮށްލުމުން ދިޔައީ އޭނާގެ މައިންބަފައިންގެ ގެއަށެވެ. އެމީހުންގެ ދަރިފުޅު ބޭބީ ގެވިން ބަލަނީ ސްޓީވަންގެ އަމިއްލަ ގޭގައި ސްޓީވަން އެކަނި މާއެކަންޏެވެ.

ބަލިވެ އިނދެ 33 ހަފުތާ ވީއިރުވެސް ކެމްރޭ އަށް އެއްވެސް ކަހަލަ އުނދަގުލެއް ނުވެ އެވެ. ނަމަވެސް ބަނޑަށް 33 ހަފުތާ ވީ ފަހުން ކުއްލިއަކަށް އެއް ދުވަހު ކަރުތެރެ ދުޅަވެ ނޭވާ ލާން އުނދަގޫވީ އެވެ. އަދި ފިޓް ޖެހި އަނގައިން ފޮނު ނުކުމެ އޭނާގެ ހާލު ގޯސްވި އެވެ. ހޮސްޕިޓަލަށް ގެންދިއުމާއެކު ޑޮކްޓަރުން ވަނީ ސިޒޭރިއަން ހަދައިގެން ކެމްރޭގެ ބަނޑުގައި އޮތް ދަރިފުޅު ނަގާފަ އެވެ. އެހެންވެ ކުޑަކުޑަ ގެވިން އުފަންވީއިރު އޭނާގެ ބަރުދަނުގައި ހުރީ އެންމެ ހަތަރު ޕައުންޑެވެ.

ފިޓްޖެހުމުގެ އިތުރުން ކެމްރޭއަށް ސްޓްރޯކް ޖެހި ސިކުނޑީގެ ދެ ފަރާތަށް ގެއްލުންވުމުގެ ނަތީޖާއެއްގެ ގޮތުން ހުރިހާ ހަނދާންތަކެއް ކެމްރޭގެ ދިޔައީ އެވެ. މިހާރު އޭނާގެ ކުރީގެ އަދި ފަހުގެ ވެސް އެއްވެސް ހަނދާނެއް ނެތެވެ.
ކެމްރޭ މިހާރު ގެންދަނީ ފިރިމީހާ އޭނާއަށް ޚާއްސަކޮށް ލިޔުނު ފޮތް ކިޔަމުންނެވެ. އެ ވާހަކަތައް ކިޔާފައި އޭނާ އުފާވީ ނަމަވެސް އެއީ ހަގީގަތުގައި ވީ ކަންތައްތައް ކަމަކަށް އޭނާގެ ހަނދާނަކަށް ނާދެ އެވެ.

މިހާރު ކެމްރޭ ވަނީ ފިރިމީހާގެ ގެޔަށް ބަދަލުވެ އާއްމުކޮށް އެމީހުން ކުރިން އުޅުނު ދިރިއުޅުން އުޅެވޭތޯ މަސައްކަތް ކުރަމުންނެވެ. މަޑުމަޑުން ނަމަވެސް ހަނދާންތައް އެނބުރި އަންނާނެކަމުގެ އުންމީދުގަ އެވެ.

"ގުޑް މޯނިން އެމެރިކާ" ޝޯގައި ވާހަކަ ދައްކަމުން ސްޓީވް ބުނީ އޭނާއަށް އަލަށް ދެ ކުދިން ލިބިގެން އުޅޭ ކަހަލަ ތަޖުރިބާތަކެއް ކުރެވޭ ކަމަށެވެ.

ކެމްރޭ ހޮސްޕިޓަލުގައި މަސް ދުވަހު އޮތުމަށްފަހު މައިންބަފައިންނާއެކު ވެސް އެތައް މަހެއް ހޭދަކުރި އެވެ. މުޅިން ފަސޭހަވަންދެނެވެ. ނަމަވެސް އެ ދުވަސްތަކުގައި ވެސް ސްޓީވަން އާއި ގެވިން ވަރަށް ގިނައިން ކެމްރޭ އަށް ޒިޔާރަތްކޮށް އޭނާއާއެކު ވަގުތު ހޭދަކުރި އެވެ.

"ކެމްރޭގެ ހަނދާންތައް ދިޔަ ފަހުން ދިމާވި ކަމެއް ވަރަށް ބޮޑަށް އަހަރެންގެ ހަނދާނުގައި ހަރުލާފައި އެބަހުރި. އެ ރޭ އަހަރެމެން ދެ މީހުން ސޯފާގައި އިށީނދެގެން ތިއްބާ ކެމްރޭ އަހަރެން ކައިރީ ބުނި އަހަރެން ކަލޭ މަތިން ހަނދާނެއް ނެތޭ. އެކަމަކު އަހަރެންނަށް އެނގެޔޭ އަހަރެން ކަލޭ ދެކެ ވަރަށް ލޯބިވާކަން،" ކެމްރޭ އާއެކު ހޭދަކުރި އެފަދަ އެއް ރެއެއް ހަނދާން ކުރަމުން ސްޓީވަން ބުންޏެވެ.

ކެމްރޭގެ މި ވާހަކަކޮޅުން ސްޓީވަން އަށް އިތުރު ހިތްވަރެއް ލިބި އޭނަގެ އަންހެނުންގެ ހަނދާންތައް އަނބުރާ ލިބޭތޯ މަސައްކަތްކުރުމަށް އަޒުމު ކަނޑައެޅި އެވެ. އަންހެނުންނަށް ޚާއްސަކޮށް ފޮތެއް ލިޔަން ފެށީ އެ ރޭގެ ހާދިސާއަށް ފަހުގަ އެވެ.

ކެމްރޭ ބުނި ގޮތުގައި ސްޓީވަން އާއި ގެވިން ފެންނަ ކޮންމެ ފަހަރަކު އޭނާގެ މޫނުމައްޗަށް ވަރަށް ބޮޑު ހިނިތުންވުމެއް ވެރިވެ އެވެ. އެމީހުންގެ ހަނދާންތައް ނެތަސް އެއީ އޭނާގެ ހަޔާތުގައި ވަރަށް މުހިއްމު ބައެއްކަން އޭނާއަށް ޔަގީންވަނީ އެ ސަބަބާ ހުރެ އެވެ.