ބޮލީވުޑް

ރައްޓެހިވެގެން އުޅޭ ކަމަށް ޕުލްކިތާއި ކީރްތީ އެއްބަސްވެއްޖެ

މިދިޔަ އަހަރު ރިލީޒްކުރި "ވީރޭ ދީ ވެޑިން" ގައި އެކުގައި މަސައްކަތް ކުރި ފަހުން ޕުލްކިތު ސަމްރާޓު އާއި ކީރްތީ ކަރްބަންޑާގެ ލޯބީގެ ވާހަކަތައް މީޑިއާގައި ދެކެވެމުން އައިސްފައި ވެއެވެ. މިހާތަނަށް އައިއިރު ވެސް މި ދެ ތަރިން އެމީހުންގެ ގުޅުމާ މެދު ވަކި އެއްޗެކޭ ބުނެފައެއް ނުވެ އެވެ.

ޕުލްކިތު އާއި ކީރްތީ ކުޅެފައިވާ އާ ފިލްމެއް ކަމަށްވާ "ޕާގަލްޕަންތީ" ރިލީޒްވާން މިހާރު ވަނީ ކައިރިވެފަ އެވެ. އަދި އެ ދެ ތަރިން ދަނީ ފިލްމުގެ ޕްރޮމޯޝަން މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން މިދިޔަ ހަފުތާގައި އޮތް ފިލްމު ޕްރޮމޯޓްކުރުމުގެ އިވެންޓެއްގައި ޕުލްކިތު ވަނީ ކީރްތީ އާއި އޭނާގެ ގުޅުމަކީ ހަގީގަތެއް ކަމަށް އެއްބަސްވެފަ އެވެ.

ޕުލްކިތު ބުނި ގޮތުގައި އޭނާއާ އެހެން މީހަކާ އަޅުވާ ކިޔެން ބޭނުންވާނަމަ އެ މީހަކީ ކީރްތީ އެވެ. އަދި އެފަދަ ވާހަކައެއް ބަޔަކު ދައްކާނަމަ އެއީ ދޮގެއް ނޫނެވެ. ހަގީގަތެކެވެ.

ޕުލްކިތު އާއި ކީރްތީގެ ލޯބީގެ ވާހަކަތައް ދެކެވެން ފެށުމުން ގިނަ ބަޔަކު ހީކުރީ މިއީ އެ ދެ ތަރިންގެ ފިލްމުތަކެއް ރިލީޒްވާން ހުރުމުން އެ ފިލްމުތައް އިޝްތިހާރު ކުރުމަށް ދައްކާ ވާހަކަތަކެއް ކަމަށެވެ. "ޕާގަލްޕަންތީ" ގެ ފަހުން ޑައިރެކްޓަރު ބިޖޯއީ ނަމްބިއާގެ "ޓާއިޝް" ކިޔާ ފިލްމެއްގައި ވެސް މި ދެ އެކްޓަރުން ވަނީ ބައިވެރިވެފަ އެވެ.

ޕުލްކިތު ބުނި ގޮތުގައި އެމީހުންގެ ލޯބީގެ ވާހަކައަކީ ފިލްމުތައް އިޝްތިހާރު ކުރަން ދޮގު ހަދައިގެން ދައްކާ ވާހަކައެއް ނޫނެވެ. ހަގިގަތުގައި ވެސް އެމީހުންގެ މެދުގައި ސީރިއަސް ގުޅުމެއް އެބައޮތެވެ.

"މިއީ ވަރަށް ޕާސަނަލް ކަމެއް. މީހުން ހީކޮށްފާނެ މީ ފޭކެކޭ. ނަމަވެސް އެއީ ހަގީގަތެއް ނޫން. އަހަރެން މިހާރު ވެސް މި މަސައްކަތްކުރަނީ ކީރްތީ އަހަރެންގެ ޖާދޫގައި ޖެއްސޭނެ ގޮތްތަކެއް ހޯދަން،" ޕުލްކިތު ބުންޏެވެ.

ޖަވާބުގައި ކީރްތީ ބުނީ އޭނާ ހުރީ އޭނާ ހުރީ ވަރަށް ފުރިހަމައަށް ޖާދޫގައި ޖެހިފައި ކަމަށެވެ. ޕުލްކިތު މީގެ ކުރިން ވަނީ ކައިވެންޏެއް ކޮށްފަ އެވެ. އޭނާ ކައިވެނިކުރީ ސަލްމާން ޚާންގެ ކޮއްކޮއެއް ގޮތަށް ދެކިގެން ކޮންމެ އަހަރަކު އަތުގައި ރާކީ ބަންނަ ޝްވޭތާ ރޮހިރާ އާއެވެ. ނަމަވެސް މީގެ އަހަރު ތަކެއް ކުރިން ޝްވޭތާ އާއި ޕުލްކިތު ވަނީ ވަރިވެފަ އެވެ. އެ ދުވަސްވަރު ވާހަކަ ދެކެވުނީ ޕުލްކިތު އާއި ޔަމީ ގޯތަމް ރައްޓެހި ވެގެން އުޅޭ ވާހަކަ އެވެ. ނަމަވެސް މި ދެ ތަރިން އެކަމަށް ވަނީ އިންކާރު ކޮށްފަ އެވެ.

ޕުލްކިތު ބުނި ގޮތުގައި ޝްވޭތާ ވަރިކުރުމަށްފަހު އޭނާގެ ދިރިއުޅުން ހަމައަކަށް އެޅުނީ ކީރްތީގެ ސަބަބުންނެވެ. ކީރްތީގެ ރަނގަޅުކަމަށް ތައުރީފު ކުރަމުން ޕުލްކިތު ބުނީ އޭނާ ކީރްތީ އާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ވާހަކަ ހާމަކުރާކަށް އެއްގޮތަކަށް ވެސް ލަދެއް ނުގަންނަ ކަމަށެވެ.

ކީރްތީ ވެސް ޕުލްކިތު ދެއްކި ވާހަކައަށް އެއްބަސްވި އެވެ. އަދި ޕުލްކިތު އާ އޮންނަ ލޯބީގެ ގުޅުން ފޮރުވަން މަސައްކަތް ނުކުރާކަމަށް ބުންޏެވެ. ކީރްތީ ބުނީ މާޒީގައި އޭނާއަށް ވެސް ވަރަށް ހިތި ތަޖުރިބާތަކެއް ކުރެވިފައިވާ ކަމަށާއި ޕުލްކިތު އާ ގުޅި އަލުން އާ ދިރިއުޅުމެއް ލިބިފައިވާ ކަމަށެވެ.