ސަރުކާރުގެ މުޅި ފޯކަސް އޮތީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހައްޔަރުކޮށް ޖަލަށް ލުމަށް ކަމަށާ މި މަހުގެ 17 ވަނަ ދުވަހަށް ރައީސް ޔާމީންގެ ޝަރީއަތް ތާވަލް ކުރުމަކީ އިއްތިފާގެއް ނޫން ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފި އެވެ.
ޕީޕީއެމް / ޕީއެންސީން ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރައީސް ޔާމީންގެ ޝަރީއަތަށް ސަރުކާރުން ވަރަށް ބޮޑަށް ނުފޫޒު ފޯރުވާފައިވާ ކަމަށެވެ. އަދި ރައީސް ޔާމީން ޖަލަށްލާނެ ކަމުގެ ޔަގީންކަން ބޭނުންތޯ ސުވާލުކޮށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ޓްވިޓާގައި ޕޯލެއް ކުރިއަށް ގެންދިއުމާއި، ގާޒީންނަށް ގުޅާ ވާހަކަ ދެއްކެވި ކަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު އިއުތިރާފުވެ ވަޑައިގަތުމަކީ އެކަމަށް ބާރު ލިބޭ ކަންކަން ކަމަށެވެ.
"މަހުލޫފް އެކަން ކޮށްފައިވަނީ ސީދާ ރައީސް ސޯލިހުގެ އެންގެވުމުގެ މަތިން ކަމަށް އަޅުގަނޑުމެން ގަބޫލު ކުރަނީ. އެެހެން ނޫންނަމަ ރައީސް ސޯލިހްގެ ވަޒީރުންގެ މަޖިލީހުގެ މެންބަރަކު އެފަދަ ކަމެއް ޓްވިޓާގައި ކުރަމުން ގެންދާއިރު އެކަންކަން ހުއްޓުވަން ޖެހޭނެ. އެކަން ނުހުއްޓުވުމުގެ މާނައަކީ ރައީސް ވިދާޅުވެގެން ކުރައްވާ ކަމެއްކަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސަރުކާރުގެ މުޅި ފޯކަސް އޮތީ ރައީސް ޔާމީން ހައްޔަރު ކުރުމަށާ ރައީސް ޔާމީން ހައްޔަރުކޮށް ޖަލަށްލުމަކީ މި ސަރުކާރުން ވެފައިވާ ސިޔާސީ ވައުދެއް ކަމަށެވެ. އަދި 17 ނޮވެންބަރަށް ޝަރީއަތް ތާވަލް ކުރުމަކީ އިއްތިފާގެއް ނޫން ކަމަށާ އެ ދުވަހު ރައީސް ޔާމީނަށް ހުކުމްކޮށް އުފާ ފާޅުކުރުން ކުރިއަށް ގެންދިއުމަށް ސަރުކާރަށް ތާއީދުކުރާ ބަޔަކު ތިބީ ތައްޔާރު ވެގެން ކަމަށެވެ. ނޮވެންބަރު މަހުގެ 17 ވަނަ ދުވަހަކީ ރައީސް ޔާމީންގެ ވެރިކަން ނިމި، ރައީސް ސޯލިހުގެ ވެރިކަން ފެށުނުތާ އަހަރު ފުރޭ ދުވަހެވެ.
ރައީސް ޔާމީންގެ މައްޗަށް އުފުލިފައިވަނީ ސިޔާސީ ދައުވާއެއް ކަމަށް ތަކުރާރުކޮށް ވިދާޅުވެ އަބްދުއްރަހީމް ވިދާޅުވީ އެކަމާއި ދެކޮޅަށް އަޑު އުފުލުމަށް ބާއްވާ އެއްވުމެއް މިރޭ ޕީޕީއެމް އޮފީސް ކުރިމަތީ އޮންނާނެ ކަމަށެވެ.
"މިހާރު މި އޮތީ މަގުމައްޗަށް ނުކުންނަން ޖެހިފައި. ޖުޑިޝަރީ ފުނޑާލާއިރު ބަލަހައްޓައިގެން ނުތިބޭނަން. ކުރަންޖެހުނު ކޮންމެ ކަމެއް ކުރާނަން. ދިވެހި ގައުމު ދެކެ ލޯބިވާ ހުރިހާ އެންމެން އެބަޖެހޭ މިއަދު މަގުމައްޗަށް ނުކުންނަން. މަގުމައްޗަށް ނިކުމެ މި ސަރުކާރު ނިންމަން މަސައްކަތް ކުރަން އެބަޖެހޭ"