ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲގެ މައްޗަށް ކުރާ ތަހުގީގުގެ އަޑުއެހުން މާދަމާ ބާއްވަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.
އާދަމް މުހައްމަދުގެ މައްސަލައިގައި ދެ އަޑު އެހުމެއް ޖޭއެސްސީއިން މިހާތަނަށް ވަނީ ބާއްވާފަ އެވެ. ފުރަތަމަ އަޑުއެހުން ފެށުމާއެކު އާދަމް މުހައްމަދުގެ ގާނޫނީ ވަކީލަކަށް ޑރ. މުހައްމަދު ޖަމީލް އަހުމަދު ހަމަޖައްސަވާފައިވާތީ އެ އަޑުއެހުން ކުރިއަށް ނުގެންގޮސް ނިންމާލީ އެވެ،
މައްސަލަ ބަލާ ޖޭއެސްސީގެ ކޮމިޓީގެ ރިޔާސަތު ބެލެހެއްޓެވި މަސްތޫރު ހުސްނީ އެ ދުވަހު ވިދާޅުވީ ޖަމީލަކީ ސުޕްރީމް ކޯޓުން ބަލަމުންދާ މައްސަލައެއްގެ ހަސްމެއް ކަމަށެވެ. އެ ގޮތުން އާދަމް މުހައްމަދު ވެސް ހިމެނޭ ގޮތަށް ބައްލަވާ އެ މައްސަލައިގެ ހަސްމަކު ދިފާއީ ވަކީލެއްގެ ގޮތުގައި އައްޔަނު ކުރެއްވުމަކީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފު ކަމެއް ކަމަށް ކޮމިޓީއަށް ގަބޫލު ކުރެވޭ ކަމަށެވެ.
އޭގެ ފަހުން ބޭއްވި އަޑުއެހުމަށް އާދަމް މުހައްމަދު ވަޑައިގެންނެވީ ވަކީލަކާއެކު ނުލަ އެވެ. އަދި ވަކީލަކު ހަމަޖެއްސުމަށް އިތުރު ފުރުސަތެއް ދިނުމަށް އެދި ވަޑައިގެންނެވި އެވެ. އެ ދުވަހުގެ އަޑުއެހުން ނިންމާލީ މި މަހުގެ ފަސްވަނަ ދުވަހު އަޑުއެހުމެއް ބާއްވާނެކަން އިއުލާނު ކުރުމަށްފަހު އެވެ. އަދި އެއީ އާދަމް މުހައްމަދަށް ދެވޭނެ ފަހުގެ ފުރުސަތުކަމަށް ވެސް ޖޭއެސްސީން އެ ދުވަހު ވަނީ ކަނޑައަޅާފަ އެވެ.
ނަމަވެސް ފަނޑިޔާރު އާދަމް މުހައްމަދުގެ ތަހުގީގު އަޑުއެހުން އެ ފަހަރު ފަސްވީ އެވެ. ޖޭއެސްސީން އޭރު ބުނީ ތަހުގީގު އަޑުއެހުން ފަސްކުރީ ފަނޑިޔާރު އާދަމް މުހައްމަދު ރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގަތުމަށް ހަމަޖެހިފައި ވާތީ ކަމަށާ އެނބުރި ވަޑައިގެންނެވުމުން މައްސަލަ ކުރިއަށް ގެންދާނެ ކަމަށެވެ،
ޖޭއެސްސީން ބުނީ އާދަމް މުހައްމަދުގެ މައްސަލައިގެ އަޑުއެހުން މާދާމާ ބާއްވަނީ މެންދުރު ފަހު 3:00 ޖަހާއިރު އެވެ. އާންމުކޮށް ހުޅުވާލައިގެން ބާއްވާ އަޑުއެހުން އޮންނާނީ ޕޯސްޓް ބިލްޑިންގުގެ ހަވަނަ ފަންގިފިލާގަ އެވެ.
ޖޭއެސްސީއިން ބަލަން ނިންމާފައިވަނީ ސުޕްރީމް ކޯޓުން އިހުތިސޯސުން ބޭރު ކޮށްފައިވާ ކަންކަން ބެލުމަށް އެ ކޮމިޝަނުން އެކުލަވާލި ކޮމެޓީގެ ރިޕޯޓްގައި ހިމެނޭ މައްސަލަތެކެވެ. ޖޭއެސްސީއިން އެގޮތަށް ނިންމުމުގައި ސައުތު އެފްރިކާގެ ރިޓަޔާޑް ޖަސްޓިސް ޔޮހާން ކްރީގްލާ މަސައްކަތް ފުރިހަމަ ކުރުމަށްފަހު ހުށަހަޅާފައިވާ "އެސެސްމެންޓް އޮފް ދަ ޖަސްޓިސް ސެކްޓަރ ރިފޯމް ޕްރޮޕޯޒަލްސް" ރިޕޯޓްގައި ފާހަގަ ކޮށްފައިވާ ނުކުތާތަކަށް ރިއާޔަތް ކޮށްގެން ކަމަށް ކޮމިޝަނުން ބުންޏެވެ. އޭނާ ވަނީ އެ ރިޕޯޓްގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކި ކުރަން ލަފާ ދެއްވާފަ އެވެ.
ޖޭއެސްސީއިން ސުޕްރީމް ކޯޓާ ގުޅޭ ގޮތުން ތައްޔާރުކުރި ރިޕޯޓް އާންމުކޮށް ރައްޔިތުންގެ މަޖިލީހަށް ހިއްސާ ކޮށްފައިވެ އެވެ. އެ ރިޕޯޓްގައިވާ ގޮތުން 17 މައްސަލައެއް ފާހަގަ ކޮށްފައިވެ އެވެ. އޭގެ ތެރެއިން ބަލަނީ 15 މައްސަލައެއް ކަމަށްވެ އެވެ.
މި މައްސަލަތައް ބަލައި ތަހުގީގު ކުރުމަށް އުއްތަމަ ފަނޑިޔާރަށް ވެސް ޖޭއެސްސީއިން ހާޒިރުވުމުގެ ޗިޓް ފޮނުވި އެވެ. ނަމަވެސް އުއްތަމަ ފަނޑިޔާރު ވަނީ އެކަމާ ދެކޮޅު ހައްދަވާފައި ޖޭއެސްސީއާ ދެކޮޅަށް ނޫސް ބަޔާނެއް ނެރުއްވާފަ އެވެ. ޖޭއެސްސީއިން އުޅެނީ ޝަރުއީ ދާއިރާ ވަކި ބައެއްގެ ކޮންޓްރޯލްގެ ދަށަށް ގެންދަން ކަމަށް ވިދާޅުވެފައިވެ އެވެ. އަދި ސުޕްރީމް ކޯޓުގެ ހުކުމްތަކާ ގުޅޭ މައްސަލަތައް ޖޭއެސްސީއަަށް ނުބެލޭނެ ކަމަށް ވެސް ބަޔާނުގައި ވިދާޅުވެފައިވެ އެވެ. އެ ބަޔާން އުއްތަމަ ފަނޑިޔާރު ނެރުއްވައި ހަގީގަތް އޮޅުވާލަން މަސައްކަތް ކުރައްވާފައިވާ ކަމަަށް ބުނެ ޖޭއެސްސީއިން ވަނީ ވަކި ސުލޫކީ މައްސަލައެއް ބަލަން ނިންމާފަ އެވެ.
މީގެ ކުރިން ޖޭއެސްސީއިން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ ހުންނެވި އަބްދުﷲ ދީދީގެ މައްސަލައެއް ބަލައި އޭނާ ވަކި ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހާފަ އެވެ. އަދި އޭނާ ވަނީ ފަނޑިޔާރު ކަމުން ވަކިކޮށްފަ އެވެ. އޭނާގެ މައްސަލަ ވެސް ޖޭއެސްސީއިން ކުރިއަށް ގެންދިޔައީ އާންމުކޮށް ހުޅުވާލައިގެނެވެ.
އޭގެ އިތުރުން އުއްތަމަ ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ، ޖޭއެސްސީގެ ރައީސްކަން ވެސް ކުރައްވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އާދަމް މުހައްމަދުގެ މައްސަލައެއް ބެލުމަށްފަހު އެ ތިން ފަނޑިޔާރުންނަށް ނަސޭހަތް ދިނުމަށް ވެސް ޖޭއެސްސީއިން ވަނީ ނިންމާފަ އެވެ. ނަމަވެސް އުއްތަމަ ފަނޑިޔާރު އެ ނަސޭހަތުގެ ލިޔުމާ ވެސް ހަވާލުވެވަޑައެއް ނުގެންނެވި އެވެ.