ފަނޑިޔާރު އާދަމް މުހައްމަދު

"ފަނޑިޔާރު ކަމުން ވަކިކުރަން ހުށައެޅީ ގާނޫނާ ޚިލާފަށް"

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ފަނޑިޔާރުކަމުން ވަކި ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައި ވަނީ އުސޫލުތަކުގެ ބޭރުން ކަމަށް ވިދާޅުވެ ފަނޑިޔާރު އާދަމް މުހައްމަދު ކަމާބެހޭ ފަރާތްތަކަށް ސިޓީއެއް ފޮނުއްވައިފި އެވެ.

ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އެ ސިޓީ ފޮނުވާފައި ވަނީ ޖޭއެސްސީ އަށާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީއަށެވެ.

އަވަސްއަށް އެ ސިޓީގެ ކޮޕީއެއް ލިބިފައިވާއިރު އެ ސިޓީގައި އާދަމް މުހައްމަދު ވިދާޅުވެފައި ވަނީ ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް ބަލައިފިނަމަ ޖޭއެސްސީގެ ގާނޫނުގެ 30 ވަނަ މާއްދާގެ (ހ) ގައި ބުނާ ގޮތުން ތަހުގީގު ކުރެވުނު މައްސަލައިގެ ރިޕޯޓް އެ ފަނޑިޔާރަކަށް ފޮނުވާ، އެ ރިޕޯޓް ފަނޑިޔާރަށް ލިބޭތާ ހަތް ދުވަހުގެ ތެރޭގައި، ރިޕޯޓާއި ގުޅޭ ގޮތުން ކޮމިޝަނަށް ހުށައަޅަން ބޭނުންވާ ކަންތައްތަކާއި، އެ މައްސަލަ ނިންމުމުގައި ޖޭއެސްސީން ރިއާޔަތް ކޮށްދިނުމަށް އެދޭ ކަންކަން ބަޔާންކޮށް ލިޔުމުން ހުށައެޅުމުގެ ފުރުސަތު މައްސަލަ ރައްދުވާ ފަނޑިޔާރަށް ލިބިގެންވާކަން ސާފުކޮށް ބަޔާން ކޮށްފައިވާ ކަމަށެވެ.

އާދަމް މުހައްމަދުގެ ސިޓީގައި ސުޕްރީމް ކޯޓްގެ ފަނޑިޔާރު ކަމުން ވަކި ކުރަން ޖޭއެސްސީން ނިންމިކަން އެނގިވަޑައިގެންނެވީ މީޑިއާއިން ކަމަށާ މިއަދާއި ހަމައަށް ވެސް ކޮމިޝަނުން ނިންމި ކަމަށް ބުނާ ނިންމުމާއި ގުޅޭ ރިޕޯޓް ވެސް ލިބިވަޑައިގެންފައި ނުވާ ކަމަށެވެ. އަދި ޖޭއެސްސީން ބަލާފައި ވަނީ އެ މަނިކުފާނާއި ގުޅޭ ކޮން މައްސަލައެއް ކަމެއްވެސް ނޭނގޭ ކަމަށެވެ.

މީގެ އިތުރުން އެ ރިޕޯޓް ލިބި ވަޑައިގެންފައި ނުވާއިރު، އެ ރިޕޯޓް މަޖިލީހަށް ފޮނުވާ، މަޖިލީހުން ގޮތްތަކެއް ނިންމި ކަމަށް ބުނާ ޚަބަރުތައް ވެސް ލިބިފައިވަނީ މީޑިއާއިން ކަމަށް ވިދާޅުވިއެވެ.

އެހެން ކަމުން ފަނޑިޔާރުކަމުން ވަކިކުރުމަށް ޖޭއެސްސީން ނިންމާފައިވާނަމަ އަދި ކޮމިޝަންގެ ނިންމުން ރަނގަޅު ކަމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ނިންމާފައިވާނަމަ، އަދި އެ ނިންމުމާއި އެއްގޮތަށް މަޖިލީހުގައި ވޯޓަށް އަހާ ފަނޑިޔާރު ކަމުން ވަކިކޮށްފިނަމަ އެ ހުރިހާ ނިންމުން ވާނީ ޖޭއެސްސީގެ ގާނޫނުގެ 30 ވަނަ މާއްދާއިން ފަނޑިޔާރުންނަށް ލިބިދޭ ހައްގުތަކުން މަހުރޫމްކޮށް ނިންމާފައިވާ ނިންމުންތަކެއް ކަމަށް އާދަމް މުހައްމަދު ސިޓީގައި ވިދާޅުވެފައި ވެއެވެ.

އާދަމް މުހައްމަދު ވަނީ އެކަން ޖޭއެސްސީ އަށާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީގެ ސަމާލު ކަމަށް ގެނެސް، އެ ކަންބޮޑުވުންތަކާއި ގުޅޭގޮތުން ލިޔުމުން ޖަވާބެއް ދެއްވުމަށް ވެސް އެދިވަޑައިގެންފަ އެވެ.

އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި އާދަމް މުހައްމަދު ފަނޑިޔާރުކަމުން ވަކި ކުރަން ޖޭއެސްސީ އިން ހުށަހަޅާފައިވާ މައްސަލާގައި އެ ދެ ފަނޑިޔާރުން ވަކި ކުރަން ފެންނަކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ނިންމާފައި ވަނީ މިމަހުގެ 14 ވަނަ ދުވަހުއެވެ.

ދެ މައްސަލައެއްގެ ގޮތުގައި ޖޭއެސްސީން ފޮނުވާފައިވާ މައްސަލަތައް މަޖިލީހުން ކޮމިޓީއަށް ފޮނުވާފައިވާނީ ވެސް އެދުވަހު އެވެ. ހަމަ އެދުވަހުގެ މެންދުރު އެ ކޮމިޓީގެ ބައްދަލުވުމެއް ބާއްވާ އެ ނިންމުން ވަނީ ނިންމާފަ އެވެ.

މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީގެ އެ ނިންމުމާއި ގުޅޭ ރިޕޯޓަށް މިއަދު މަޖިލީހުގައި ވޯޓަށް އަހާނެ އެވެ. އަދި އެމްޑީީޕީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން އެ ދެ ބޭފުޅުން ފަނޑިޔާރުކަމުން ވަކިކުރުމަށް ނިންމާނެ ކަމަށް ބެލެވެއެވެ.