މާބަނޑު ދުވަސްވަރަކީ އަންހެނެއްގެ ހަޔާތުގައި އަންނާނެ އެންމެ އުފާވެރި އަދި އެންމެ ހިތްހަމަޖެހޭ ދުވަސްތަކެވެ. ކައިވެންޏަށް ފަހު ގިނަ މީހުން ދަރިއަކު ލިބޭނެ ދުވަހަކަށް ކެތްތެރިކަމެއް ނެތި އިންތިޒާރު ކުރެ އެވެ. ބަލިވެ އިނދެއްޖެ ކަމަށް ބައެއް ފަހަރަށް ޝައްކު ވިޔަސް ޓެސްޓްކުރަން ހޮސްޕިޓަލަށް ދާން ލަދުން ބައެއް މީހުން އުޅެ އެވެ. އަދި ފާމަސީން ޕްރެގްނަންސީ ކިޓް ގަނެގެން ޗެކް ކުރަން ވެސް ޖެހިލުންވާ މީހުން އުޅެ އެވެ.
މިފަދަ މީހުންނަށް ބަލިވެ އިންތޯ ނޫންތޯ ބަލަން ގޭގައި ވެސް މިހާރު ޓެސްޓް ކޮށްލެވެ އެވެ. ގޭގައި އާއްމުކޮށް ބޭނުންކުރާ ބައެއް އެއްޗެތި ބޭނުން ކޮށްގެންނެވެ. ޓައިމްސް އޮފް އިންޑިއާގައިވާ މި އާޓިކަލްގައި މި ޓެސްޓްތައް ކުރާނެ ގޮތް ވަރަށް ތަފްސީލުކޮށް ލިޔެފައި ވެއެވެ.
އެގޮތުން ހެދިދާނެ އެއް ޓެސްޓަކީ ސައިބޯނި ޓެސްޓެވެ. މިކަމަށް ބޭނުންވަނީ ސޯޕް ބާ ނުވަތަ ހަރުކޮށް ހުންނަ ސައިބޯންޏެކެވެ. ވަކި ސައިޒެއް ވަކި ކުލައެއް އަދި ވަކި ވަހެއް ދުވުމަކުން މައްސަލައެއް ނެތެވެ. ސާފުކޮށްފައިވާ ބޯތައްޓެއްގެ ތެރޭގައި ސައިބޯނި ބާއްވާފައި އެންމެ ހެދުނުގެ ޔޫރީން ސާމްޕަލަކުން އެތިކޮޅެއް ސައިބޯނި މައްޗަށް އޮއްސާލާށެވެ. ސައިބޯނިން ބޮކި އަރާ ފޮނު ހިލޭ ގޮތް ވާނަމަ ބަނޑުބޮޑީ ކަމަށް ވެދާނެ އެވެ. ސައިބޯންޏަށް އެއްވެސް ކަހަލަ ގޮތެއް ނުވާނަމަ ބަނޑުބޮޑީ ނޫންކަމަށް ވުން އެކަށީގެންވެ އެވެ.
ދެ ވަނަ ގޮތަކީ މަސްޓަޑް ޕައުޑާ ޕްރެގްނަންސީ ޓެސްޓެވެ. މަސްޓަޑް އަކީ ޕީރިއަޑް ވުން ފަސޭހަކޮށްދޭ އެއްޗެކެވެ. ބާތުޓަބަށް ހޫނުފެން އަޅާފައި ބައި ޖޯޑެއްހާ މަސްޓަޑް ޕައުޑަރު އަޅާށެވެ. އަދި ބާތްޓަބްގައި މި ފެންގަނޑު ތެރޭގައި 20 ނުވަތަ 25 މިނިޓް ވަންދެން އިންނާށެވެ. އަދި ތިން ދުވަސް ވަންދެން އިންތިޒާރު ކުރާށެވެ. ތިން ދުވަސް ތެރޭ ގުދުރަތީ ގޮތުން ޕީރިއަޑް ވެއްޖެނަމަ ބަނޑު ބޮޑު ނުވަނީ އެވެ. ނުވެއްޖެނަމަ ބަނޑުބޮޑީ ކަމަށް ބެލިދާނެ އެވެ.
ހަކުރުން ވެސް ޕްރެގްނަންސީ ޓެސްޓް ކުރެވެ އެވެ. ސާފު ބޯތައްޓަކަށް ހަކުރު ސަމުސަލެއް އަޅާށެވެ. އެންމެ ހެނދުނާ ނަގާފައިވާ ޔޫރިން ސާމްޕަލް އިން އެތިކޮޅެއް ހަކުރުކޮޅު މައްޗަށް އަޅާށެވެ. ދެން ބަލަން ހުންނާށެވެ. މާބަނޑު އަންހެނުންގެ ކުޑަކަމުދާއެއްޗެތީގައި ހުންނަ އެޗްސީޖީ ކިޔާ ހޯމޯންއެއްގެ ސަބަބުން ހަކުރުކޮޅު ނުވިރި ހުންނާނެ އެވެ. އެހެންވީމާ ހަކުރު ވިރިއްޖެނަމަ ބަނޑު ބޮޑު ނޫން ކަމަށް ބެލިދާނެ އެވެ. ހަކުރުތައް އެއްވެ އެކުލަވާގޮތް ވާނަމަ ބަނޑުބޮޑީ ކަމަށް ވެދާނެ އެވެ.
ދަތްއުނގުޅާ ބޭހުން ވެސް ޕްރެގްނަންސީ ޓެސްޓް ކުރެވެ އެވެ. މިކަމަށް ރަނގަޅީ ހުދު ކުލައިގައި ހުންނަ ދަތްއުނގުޅާ ބޭހެވެ. ސާފު ބޯތައްޓަކަށް ދެ ސަމުސަލެއްހާ ދަތްއުނގުޅާ ބޭސް އަޅާށެވެ. އަދި ޔޫރިން ސާމްޕަލް މި ދަތްއުނގުޅާ ބޭސްތަކުގެ މައްޗަށް އޮއްސާލާށެވެ. އެއްވެސް އަސަރެއް ނުފެނިއްޖެނަމަ ބަނޑުބޮޑު ނޫނީ ކަމަށް ވުން އެކަށީގެން ވެއެވެ. ދަތްއުނގުޅާ ބޭސްތަކަށް ނޫކުލަ އެރުން ނުވަތަ ފޮނުގަނޑަކަށް ބަދަލުވެއްޖެނަމަ އެއީ ބަނޑުބޮޑުކަމުގެ ހެއްކެއް ކަމަށް ބެލިދާނެ އެވެ.