އެމްޑީޕީގެ އާންމު މެންބަރުންގެ ވަރަށް ގިނަ ޝަކުވާތައް އެބަހުރި ކަމަށާ ޕާޓީއާއި އާންމު މެންބަރުންގެ މެދުގައި ވަރަށް ބޮޑު ދުރުކަމެއް އެބައޮތް ކަމަށް އެމްޑީޕީގެ ނާއިބް ރައީސް ކަމަށް ވާދަކުރައްވާ ހިތަދޫ އުުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
އަސްލަމްގެ ކެންޕެއިން ފެށުމަށް މިހާރު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަސްލަމް ވިދާޅުވީ އެމްޑީޕީގެ މެންބަރުންގެ ވަރަށް ބޮޑު ކަންބޮޑުވުންތަކެއް އެބައޮތް ކަމަށާ އެ މެންބަރުން ތިބީ ވަރަށް ބޮޑު އުދާސްތަކެއްގެ ތެރޭގައި ކަމަށެވެ.
އަސްލަމް ވިދާޅުވީ ޕާޓީއާއި އާންމު މެންބަރުންގެ މެދުގައި ވަރަށް ބޮޑު ދުރުކަމެއް އެބައޮތް ކަމަށެވެ. އެހެންކަމުން އެ ދުރުކަން ގާތްކޮށްދޭން ބޭނުންވާ ކަމަށެވެ.
"މެންބަރުންގެ ޝަކުވާތައްވެސް ވަރަށް ގިނަ. މެންބަރުންގެ ކަންބޮޑުވުންތައްވެސް ވަރަށް ގިނަ. ހަގީގަތުގަވެސް އުދާސްތައް އިންތިހާއަށް ގިނަވެފައި މި އޮތީ. އަޅުގަނޑުމެން މިކަމުން އަރައިގަންނަން ޖެހޭ." އަސްލަމް ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވީ އެކަމަށް ހައްލު ހޯދުމަށް އަހަރު އެއް ފަހަރަކު ޕާޓީގެ ކޮންގްރެސްއެއް ބޭއްވުމަށް ހުށައަޅުއްވާ ކަމަށް ކަމަށެވެ. އަދި އެ ކޮންގްރެސްގެ ސަބަބުން މެންބަރުންގެ ހުންނަ ކަންބޮޑުވުންތަކަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށެވެ. އަސްލަމް ވިދާޅުވީ ނާއިބް ރައީސް ކަމުގެ މަގާމަށް ވަޑައިގަތުމަށްފަހު އެކަމަށް ވަރަށް ބޮޑަށް ބާރުލާ މަސައްކަޔް ކުރައްވާނެ ކަމަށެވެ.
އަސްލަމްއާއި މި އިންތިޚާބުގައި ވާދަކުރަނީ މިވަގުތުވެސް އެމްޑީޕީގެ ނާއިބް ރައީސަކަށް ހުންނެވި މުހައްމަދު ޝިފާޒެވެ.
އަސްލަމްގެ ވާދަވެރިން އޭނާއަށް އަމާޒުކުރަމުންދާ ފާޑުކިޔުންތަކަށްވެސް މިރޭ އަސްލަމް ވަނީ ރައްދު ދެއްވާފައެވެ. އަސްލަމް ވިދާޅުވީ އޭނާ ޕާޓީގެ އިސް މަގާމުތަކަށް ކުރިމަތިލައްވަނީ އަބަދުވެސް ސަރުކާރުގައި އެޕާޓީ އޮންނަ ވަގުތު ކަމަށް ބުނެ ވާދަވެރިން ފާޑުކިޔަމުންދާ ކަމަށެވެ. ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށާ މިއީ ޕާޓީގެ ނާއިބް ރައީސް ކަމަށް ކުރިމަތިލައްވާ ފުރަތަމަ ފަހަރު ނޫން ކަމަށެވެ.
އަސްލަމް ވިދާޅުވީ ސިޔާސީ މައިދާން މާނުރައްކާތެރި ދުވަސްވަރުވެސް އެޕާޓީގެ ނާއިބް ރައީސް ކަމަށް ކުރިމަތިލައްވާފައިވާނެ ކަމަށެވެ.
އެމްޑީޕީގެ ކުރިމަގަށް ކުރައްވާ އުންމީދާއި ގުޅޭގޮތުން އަސްލަމް ވިދާޅުވީ މާލެ، ހުޅުމާލެ، ވިލިމާލެ އެމްޑީޕީގެ ހެޑްކުއާޓަރުތައް ހުންނަން ޖެހޭ ކަމަށާ ރާއްޖޭގެ ކޮންމެ ރަށެއްގައި އެމްޑީޕީގެ އަމިއްލަ ބިމެއްގައި ހަރުގެއެއް ހުންނަން ޖެހޭ ކަމަށެވެ.