ހަބަރު

ކާށިދޫން މަޖިލީހަށް ބަގީޗާ ގަސްތަކެއް ހަދިޔާކޮށްފި

ގަސް އިންދުމާއި ދަނޑުވެރިކަން ފުޅާ ދާއިރާއެއްގައި ކުރާ ކ. ކާށިދޫން ރައްޔިތުންގެ މަޖިލީހަށް މިއަދު ބަގީޗާ ގަސްތަކެއް ހަދިޔާ ކޮށްފި އެވެ.

މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު ވަނީ ކާށިދޫ ރައްޔިތުންގެ ފަރާތުން ބަގީޗާ ގަސްތަކެއް މަޖިލީހަށް ހަދިޔާ ކުރައްވާ އެވެ. އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ގަސްތަކާ ހަވާލުވެވަޑައިގެން މަޖިލީހުގެ އިދާރާގައި ބަގީޗާ ގަސްތައް ބަހައްޓަވާފަ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރައީސް ނަޝީދު ވަނީ ކާށިދޫއަކީ ގަސް އިންދުމުގައި ވަރަށް ކުރީގައި އުޅުއްވައި ރަށެއްކަން ފާހަގަ ކުރައްވައި އެ ރަށުގެ ރައްޔިތުން މަޖިލީހަށް އެކަށީގެންވާ އަދަދެއްގެ ބަގީޗާ ގަސް ހަދިޔާ ކުރުމުން ޝުކުރު އަދާ ކުރައްވާފަ އެވެ.

"ކާށިދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު އަބްދުﷲ ޖާބިރަށް ޝުކުރު ދަންނަވަން. އެއީ ކާށިދޫ ރައްޔިތުން ކުރާ މަސައްކަތް ކަމަށްވާ ބަގީޗާ ގަސް މި މަޖިލީހަށް ހަދިޔާ ކުރައްވާފައި. ވަރަށް އެކަށީގެންވާ އަދަދެއްގެ ބަގީޗާ ގަސް ހަދިޔާކޮށްފައި. އެހެންކަމުން ކާށިދޫ ރައްޔިތުންނަށް ވެސް ޝުކުރު އަދާ ކުރަން" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރާއްޖޭގައި ބިން ހިއްކައިގެން ހަދާ ރިސޯޓްތައް ފެހި ކުރުމަށްޓަކައި ރަށްރަށުން ރުއްގަސްތައް ގެންދާތީ ތިމާވެއްޓަށް ލޯބި ކުރާ ފަރާތްތަކުން ކަންބޮޑުވުން އުފުލަމުންދާތީ މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވަނީ އެ ކަމަށް ވެސް އިޝާރާތް ކުރައްވައިފަ އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އެ ކަމަށް މިހާރަށްވުރެ ސިދާ ގަވާއިދެއް ބޭނުންވެ އެވެ.

"އަޅުގަނޑަށް ފެންނަ ފެނުމުގައި މި ކަމުގައި ސާދާ ގަވައިދުތަކެއް، އުސޫލުތަކެއް އެބަވާންޖެހޭ، ރުއްގަހުގެ މަތިވަރު މި ވަނީ ވަރަށް ބޮޑަށް ގޯސްވެފައި، ރާއްޖޭގައި މި ވަނީ އާ ރުއްގަސްތައް އަލުން ޖަހާން ޖެހިފައި،" ރައީސް ނަޝީދު ވިދާޅުވި އެވެ.