މޯލްޑިވސް ބްރޯޑްކާސްޓިން ކޮމިޝަން

ބްރޯޑްކޮމްގެ ލިސްޓުގައި މަރީ އާއި އަނާ

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ހުސްވެފައިވާ ދެ މަގާމަށް ކުރިމަތިލި ބޭފުޅުންގެ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެ މަގާމަށް އައްޔަން ކުރުމުގައި އިސްކަން ދެއްވާ ތަރުތީބާއެކު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ ވަނީ ރައީސް ސޯލިހް ފޮނުއްވި ސިޓީ ތަޅުމަށް އިއްވައިފަ އެވެ. ސިޓީގައިވާ ގޮތުން ރައީސް ދެއްވި ތަރުތީބުގައި އެންމެ ފުރަތަމަ އޮތީ ޓީވީއެމްގައި ކުރިން މަސައްކަތް ކުރެއްވި މަރިޔަމް ވަހީދާގެ ނަމެވެ. ދެން އޮތީ ވީޓީވީގެ ޕްރެޒެންޓަރު އަދި ނޫސްވެރިޔާ އައިމިނަތު އަމީނާ (އަނާ) ގެ ނަމެވެ.

މަރިޔަމް ވަހީދާއާއި އަނާއާއެކު ބްރޯކޮމްއަށް ކުރިމަތިލެއްވީ ހަ ބޭފުޅެކެވެ. އެ ހަ ބޭފުޅުންގެ ނަން ދިރާސާ ކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ވަނީ ފޮނުވައިފަ އެވެ.

ރާއްޖޭގައި ހުންނަ ސްވިޑެންގެ އޮނަރަރީ ކޮންސުންގެ މަގާމުގައި ވެސް ހުންނެވި މަރީއަކީ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ ވެސް ބޯޑު މެންބަރެކެވެ. ޓީވީއެމްގައި ގިނަ ދުވަސްތަކެއް ވަން ދެން މަސައްކަތް ކުރެއްވި މަރީ ވަނީ މީގެ ކުރިން ވެސް ބްރޯޑްކޮމްއަށް ކުރިމަތިލައްވައިފަ އެވެ. އެ ފަހަރު އޭނާގެ ނަމެއް އޭރު ފާހެއް ނުވި އެވެ.

ލިސްޓުގެ ދެވަނާގައިވާ އަނާއަކީ ވީމީޑިއާގައި ސީނިއާ އެޑިޓަރެއްގެ މަގާމު އަދާ ކުރައްވަމުން ގެންދަވާ ނޫސްވެރިޔެކެވެ. އޭނާ ވަނީ މިދިޔަ އަހަރު ބްރޯޑްކާސްޓް ދާއިރާގައި އިޖުތިމާއީ ދާއިރާ ކަވަރު ކުރާ އެންމެ މޮޅު ނޫސްވެރިޔާގެ އެވޯޑް ހާސިލުކޮށްފަ އެވެ. މީގެ ކުރިން ވެސް ނޫސްވެރިކަމުގެ ދާއިރާގައި އެވޯޑްތަކެއް ހާސިލު ކުރެއްވި އެވެ.

ބްރޯޑްކޮމްއަށް ކުރިމަތިލި މީހުން

  • މަރިޔަމް ވަހީދާ، ގ. ހިލްމަން
  • އައިމިނަތު އަމީނާ، ހަނދުވަރީގެ، ލ. ކުނަހަންދޫ
  • އިމްރާނާ ބިންތް އަބްދުﷲ، މ. ކަރޭޖް
  • އައިޝަތު ދިޔާނާ ތޯހިރް، ސެވަންސްޓާ، ސ. ހިތަދޫ
  • ހަސަން އިރުފާން، މ. ބޮޑުމަގުގެ
  • ޑރ. އިބްރާހިމް ޝިޔާމް، މ. ކަށިވާވިލު

ބްރޯޑްކޮމްގެ ދެ މަގާމެއް ހުސްވީ އެ ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ޝަހީބު އިސްތިއުފާ ދެއްވުމުންނާއި އެ ކޮމިޝަންގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ފާތިމަތު ޒައިނާ ކޮމިޝަނުން ވަކި ކުރަން މަޖިލީހުން ފާސްކުރުމުންނެވެ.

ނަވަރާވަނަ ރައްޔިތުންގެ މަޖިލިސް ފެށުމާއެކު، މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް އެންމެ ފުރަތަމަ ހާޒިރު ކުރި ކޮމިޝަންތަކުގެ ތެރޭގައި ބްރޯޑްކޮމް ހިމެނެ އެވެ. އެ ކޮމިޓީގައި، މީގެ ކުރިން އޮތް ހިޔާލު ފާޅު ކުރުމާއި އަބުރު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން އިންސާފުން ބޭރުން ވަކި ޓީވީ ސްޓޭޝަންތަކަށް އަމާޒުކޮށް ފިޔަވަޅު އެޅި ކަމަށް ބްރޯޑްކޮމްގެ މެންބަރުން އެއްބަސްވި އެވެ.

އެހެންކަމުން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަކިވަކި މެންބަރުންގެ މައްސަލަތައް ބަލަން ފެށުމުން އެ ކޮމިޝަންގެ މެންބަރު ކަމުން އިސްމާއީލް ސޮފްވާން އާއި ހަސަން ނަބާހު އިސްތިއުފާ ދެއްވި އެވެ. އެ ދެ މަގާމަށް ކުރިމަތިލި 36 ބޭފުޅުންނާ އިންޓަވިއު ކުރުމުގެ މަސައްކަތް ކޮމިޓީން ދަނީ ކުރަމުންނެވެ.