އަންނަ އަހަރަށް ދައުލަތުން ލަފާ ކުރާ 37.5 ބިލިއަން ރުފިޔާގެ ބަޖެޓަށް ބަހުސް ކުރުމުގެ ފުރުސަތު އެއްވެސް މެންބަރަކަށް ގެއްލެން ބޭނުންފުޅު ނުވާ ކަމަށާއި އެހެންކަމުން މެންބަރުން ގޭގައި ތިއްބެވިޔަސް ބަހުސަށް މަޖިލީހަށް ގެންނަން މަސައްކަތް ކުރައްވާނެ ކަމަށް މަޖލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އަންނަ އަހަރުގެ ބަޖެޓަށް ބަހުސް ކުރަން ފަށާފަ އެވެ. މަޖިލީހުގެ އާންމު ކޮމިޓީން ކަނޑައެޅި ގޮތުގައި މަޖިލީހުގެ ޖަލްސާގައި ބަހުސް ކުރުމަށް ކޮންމެ މެންބަރަކަށް ލިބިވަޑައިގަންނަވާނީ 15 މިނެޓެވެ. މަޖިލީހުގައި ތިއްބަވާ 87 މެންބަރުން ބަހުސް ކުރައްވާނަމަ، އެއީ ޖުމުލަ 21 ގަޑިއިރެވެ.
ބަޖެޓްގެ ބަހުސް ކުރިއަށް ގެންދިއުމުގެ ގޮތުން ރޭގަނޑު ވެސް މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދާނެ ކަމަށް ބެލެވެ އެވެ. މިއަދުގެ ޖަލްސާ ވެސް ހަވީރު ފަހެއް ޖަހަން ދެން ކުރިއަށް ދާނެ އެވެ. އާންމު ގޮތެއްގައި މަޖިލީހުގެ ޖަލްސާތައް ކުރިއަށް ދަނީ މެންދުރުފަހު 2:30 ވަން ދެނެވެ.
މިއަަދުގެ ޖަލްސާގައި ބަހުސް ކުރަން ފުރުސަތު ހުޅުވާލުމުގެ ކުރިން ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ބަޖެޓަށް ބަހުސް ކުރަން ފުރުސަތު އެދިވަޑައިގަންނަވާނަމަ، އެ ފުރުސަތު ލިބި ބަހުސް ކުރުމަށް ފަހު ތަޅުން ދޫކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ ބަޖެޓް ބަހުސްގައި ހުރިހާ މެންބަރުންނަށް ފުރުސަތު ލިބި ބަހުސް ކުރައްވަން އެމަނިކުފާނު ބޭނުންފުޅުވާ ކަމަށެވެ. އެހެންކަމުން ފުރުސަތު އެދިވަޑައިގަތުމަށްފަހު، ތަޅުން ދޫކޮށްވަޑައިގެންފިނަމަ އެ ފުރުސަތު ލިބޭ ވަގުތު ގާތްވުމުން އެ މެންބަރަކަށް އެންގުމަށް މަޖިލީހުގެ ސާޖެންޓް އޮފް އާމްސްއަށް ރައީސް ނަޝީދު އެންގެވި އެވެ.
"އަޅުގަނޑު ސާޖެންޓް އޮފް އާމްސް ބޭނުން ކުރައްވައިގެން، އެ ބޭފުޅާއަށް ދަންނަވައިގެން ތިޔަ އިއްޒަތްތެރި މެންބަރުން ގޭގައި ތިއްބެވިޔަސް ފުރުސަތު ޖެހޭ ގަޑިއަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި ތަނަށް ތި ބޭފުޅުން ގެންނާނަން. ގޭގައި ތިއްބެވިޔަސް،" ރައީސް ނަޝީދު ވިދާޅުވި އެވެ.
އޭގެ އިތުރަށް އެމަނިކުފާނު ވިދާޅުވީ އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓަކީ ލާމަރުކަޒީ އުސޫލުން ފުރިހަމައަށް ހިންގުމުގެ ވިސްނުމުގައި އޮތް ބަޖެޓެކެވެ. ކައުންސިލްތަކަށް މީގެ ކުރިން ސަރުކާާރުން ދޭ ބްލޮކް ގްރާންޓަށްވުރެ އެތައް ގުނައަށް އިތުރު ފައިސާ ހިމެނިފަިއވާކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ އެ ބަޖެޓަކީ ރާއްޖެ ބަދަލު ކުރާނެ ބަޖެޓެއް ކަމަށެވެ.