ރައީސް މުހައްމަދު ނަޝީދު

ތިލަފަތް ހަމަ ބަޖެޓެއް ފާސް ކުރަން ޖެހޭ: ނަޝީދު

އަންނަ އަހަރަށް ތިލަފަތް ހަމަ ބަޖެޓެއް ފާސް ކުރަން ޖެހޭ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން ރައީސް ނަޝީދު މިއަދު ވިދާޅުވީ މިދިޔަ އަހަރާއި މިއަހަރު މި ދަނީ ދައުލަތަށް މާބޮޑު އާމްދަނީއެއް ނުލިބި ކަމަށެވެ. އަދި ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާއަތު ވަރަށް ބޮޑަށް ދަށަށް ގޮސް އެ ސިނާއަތުންނާއި އާންމު ޖީއެސްޓީ އާއި ވިޔަފާރީގެ ފައިދާއިން ލިބޭ އާމްދަނީ ވެސް ވަރަށް ބޮޑުތަން ދަށްވެފައިވާ ކަަމަށެވެ.

"ކުލިތައް ސަރުކާރުން ދިޔައީ ފަސް ކުުރަމުން. އަދި އެހެންވެސް ކިތަންމެ ލުޔެއް ވިޔަފާރިތަަކަސް ދިޔައީ ދެމުން. މިއަދު އެހެންވީމާ ދައުލަތުގެ ބަޖެޓު ވަރަށް ބޮޑަށް ދަރަނިވެރި ވާނެ. ކުރިއަށް އޮތް އަހަރު އަޅުގަނޑުމެންގެ މަސްއޫލިއްޔަތެއް އެއީ އެ ބަޖެޓު ބެލެންސް ކުރުމަށް ސަރުކާރަށް މަސައްކަތް ކޮށްދިނުން." ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ ރަށްރަށުގެ ތަރައްގީއަށް އުމްރާނީ މަސައްކަތްތައް ބޭނުންވާ ކަމަށް އެމަނިކުފާނު ވެސް ގަބޫލު ކުރައްވާ ކަމަަށާއި އެހެން ނަަމަވެސް ދެމެހެއްޓެނިވަ ބަޖެޓުގެ ސިޔާސަތެއް މާ ބޭނުންތެރި ކަމަަށެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ 2008 ވަަނަ އަހަރުގެ ކުރިން ދައުލަތުގެ އާމްދަނީއަކީ ހަތަރު ބިލިއަން ރުފިޔާ ކަމަށާއި އޭރު ލިބޭ އަމްދަނީން އަހަރަކު ހެދެމުން ދިޔައީ އެންމެ ބަނދަރެއް ކަމަށެވެ. އެހެންވެ ރާއްޖޭގެ އުމްރާނީ މަސައްކަތްތަކުގެ ސްޕީޑް ހުރީ ވަރަށް ލަސްކޮށް ކަމަށެވެ.

"އަޅުގަނޑުމެންނަށް މިހާރު އެ ބާރު ކުރެވޭ. އެހެން ނަމަވެސް ވަރަށް ބޮޑު ދަރަނީގެ ބުރައިިގައި އެކަމަށް އިއްޒަތްތެރި މެމްބަރުން ވިސްނާނެކަމީ އަޅުގަނޑު ހިތުގައި ޝައްކު އުފެދޭނެކަމެއް ނޫން" ނަޝީދު ވިދާޅުވި އެވެ.

ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުގެ ގޮތުގައި މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން ނިންމާފައި ވަނީ 37 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް އެ ބަޖެޓް އަދި މަޖިލީހަށް ހުށަހަޅާފައެއް ނުވެ އެވެ. މި އަހަރަށް ސަރުކާރުން ކަނޑައެޅީ 34.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.