ލައިފްސްޓައިލް

ކްލާހަށް ބަލަން ހުރި ފަގީރު ކުއްޖާ ސްކޫލަށް

މީގެ ދުވަސްކޮޅެއް ކުރިން ސޯޝަލް މީޑިއާގައި ވައިރަލްވި ފޮޓޯއަކުން ވަރަށް ގިނަ ބަޔެއްގެ ހިތަށް ފުން އަސަރުތަކެއް ކުރި އެވެ. އެ ފޮޓޯގައި ފެންނަނީ ކްލާހެއްގެ ތެރޭގައި ކުދިންތަކެއް ކިޔަވަން ތިބޭ ތަނެވެ. އަދި ކްލާހުން ބޭރުގައި ސިއްރު ސިއްރުން ކުލާހުގެ ތެރެއަށް ބަލަހައްޓައިގެން ވަރަށް ބަނޑުހައިވެފައި ހުރި ކުޑަ އަންހެންކުއްޖެއް ހުއްޓަ އެވެ. އޭނާގެ އަތުގައި ސަލާން ޖަހަން ގެންގުޅޭ ބޯތައްޓެއް ވެސް އޮތެވެ.

އިންޑިއާގެ ހައިދަރުއާބާދުގައި ދިރިއުޅޭ މި އަންހެންކުއްޖާ އަކީ ފަގީރުކަމުން އެއްގޮތަކަށް ވެސް ސްކޫލަށް ދިއުމުގެ ފުރުސަތު ނުލިބި ވާ ކުއްޖެކެވެ. ނަމަވެސް ކުއްޖާގެ ފޮޓޯ ވައިރަލް ވުމާ ގުޅިގެން ގިނަ ބަޔަކު ކުއްޖާއަށް އެހީތެރިވެ މިހާރު އޭނާއަށް އެ ސްކޫލްގައި ކިޔެވުމުގެ ފުރުސަތު ވަނީ ލިބިފަ އެވެ.

ހަގީގަތުގައި ފޮޓޯއިން ފެންނަ މަންޒަރާއި މިކުއްޖާގެ ހަގީގަތް ކުޑަކޮށް ތަފާތެވެ. މި ކުއްޖާ ކްލާސް ތެރެއަށް ސިއްރު ސިއްރުން ބަލަން ހުރީ ކިޔަވާހިތްވާ ވަރަށް ވުރެ ބޮޑަށް ބަނޑުހައިވެގެންނެވެ. އެ ސްކޫލަށްދާ ކުދިންނަށް މެންދުރުގެ ކެއުން ހިލޭ ލިބެ އެވެ. އޭނާ އެ ސްކޫލަށް ކިޔަވަން ދާން ބޭނުންވީ ކޮންމެ ދުވަހަކުވެސް ހިލޭ ކާން ލިބޭނެތީ އެވެ.

ޓެލުގޫ ނޫހެއްގައި މި ކުއްޖާގެ ފޮޓޯ ޝާއިއުކުރީ "ބަނޑުހައިވެފައިވާ ބެލުމެއް" މި ސުރުހީގެ ދަށުންނެވެ.

ދިވްޔާ ނަމަކަށް ކިޔާ މި ކުއްޖާ ކޮންމެ ދުވަހަކުވެސް އެ ސްކޫލް ދޮށަށް ގޮސް ކްލާސް ތެރެއަށް ސިއްރުން ބަލަން ހުރެ އެވެ. އެ ސްކޫލްގައި މެންދުރުކެއުމަށް ބަހާ ކާނާގެ ތެރެއިން އެތިކޮޅެއް ބާކީވޭތޯ އެވެ. އޭގެން ބާކީވާ އެތިކޮޅެއް އޭނާއަށް ކާލަން ލިބޭތޯ އެވެ.

ދިވްޔާ އަކީ ކުނިއުކާ މީހަކާއި ކުނި ކަހާ މީހެއްގެ އަންހެން ދަރިފުޅެކެވެ، ދިވްޔާ އާއި އޭނާގެ މައިންބަފައިން ދިރިއުޅެނީ އެންމެ ފަގީރުން އުޅޭ ހިސާބުގަނޑުގެ ކުޑަ ޖިފުޓިގަނޑެއްގަ އެވެ. މި ދެމަފިރިންނަށް ލިބޭ އާމްދަނީ މަދުކަމުން ގިނަ ފަހަރަށް މި މީހުން ތިބެން ޖެހެނީ އެއްޗެއް ނުކައި ބަނޑަށެވެ.

ދިވްޔާގެ ފޮޓޯ ފެނިފައި ވަރަށް ގިނަ އެންޖީއޯ ތަކުގެ ސަމާލުކަން ވެސް އޭނާއަށް ލިބުނެވެ. އަދި ދިވްޔާއަށް ކިޔެވޭނެ އިންތިޒާމް ހަމަޖައްސަން ބަޔަކު އިސްނަގައި މަސައްކަތް ފެށި އެވެ. އެ މަސައްކަތުގައި އިސްކޮށް އުޅުނީ އެމްވީ ފައުންޑޭޝަން ކިޔާ އެންޖީއޯއެއްގެ އިސް މީހެއް ކަމަށްވާ ވެންކަޓު ރެޑީ އެވެ.

ރެޑީ ފަހުން އިންސްޓަގްރާމް ކުރި ޕޯސްޓެއްގައި ދިވްޔާ އޭނާގެ މައިންބަފައިންނާއެކު ސްކޫލަށް ދަނިކޮށް ނަގާފައިވާ ފޮޓޯއެއް ޝެއާ ކޮށްފައި ވެއެވެ. މި ފޮޓޯގައި ދިވްޔާ ހުންނަނީ މުޅިން އާ ޔުނިފޯމެއްގަ އެވެ. ރެޑީ ލިޔެފައިވާ ގޮތުގައި މިހާރު ދިވްޔާއަށް ކިޔެވުމުގެ އިތުރުން ކޮންމެ ދުވަހަކުވެސް މެންދުރު ކެއުމުގެ ފުރުސަތު ވެސް ލިބޭނެ އެވ