ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދުގެ ސުލޫކީ މައްސަލައިގެ އަޑުއެހުމަށް ހާޒިރުވާން އުޒުރުވެރިވާތީ މިއަދަށް ތާވަލުކުރި އަޑުއެހުން ވެސް ކެންސަލްކޮށްފި އެވެ.
އާދަމް މުހައްމަދުގެ މައްސަލައިގައި ދެ އަޑު އެހުމެއް ޖޭއެސްސީއިން މިހާތަނަށް ވަނީ ބާއްވާފަ އެވެ. ފުރަތަމަ އަޑުއެހުން ފެށުމާއެކު އާދަމް މުހައްމަދުގެ ގާނޫނީ ވަކީލަކަށް ޑރ. މުހައްމަދު ޖަމީލް އަހުމަދު ހަމަޖައްސަވާފައިވާތީ އެ އަޑުއެހުން ކުރިއަށް ނުގެންގޮސް ނިންމާލީ އެވެ.
މައްސަލަ ބަލާ ޖޭއެސްސީގެ ކޮމިޓީގެ ރިޔާސަތު ބެލެހެއްޓެވި މަސްތޫރު ހުސްނީ އެ ދުވަހު ވިދާޅުވީ ޖަމީލަކީ ސުޕްރީމް ކޯޓުން ބަލަމުންދާ މައްސަލައެއްގެ ހަސްމެއް ކަމަށެވެ. އެ ގޮތުން އާދަމް މުހައްމަދު ވެސް ހިމެނޭ ގޮތަށް ބައްލަވާ އެ މައްސަލައިގެ ހަސްމަކު ދިފާއީ ވަކީލެއްގެ ގޮތުގައި އައްޔަނު ކުރެއްވުމަކީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފު ކަމެއް ކަމަށް ކޮމިޓީއަށް ގަބޫލު ކުރެވޭ ކަމަށެވެ.
އޭގެ ފަހުން ބޭއްވި އަޑުއެހުމަށް އާދަމް މުހައްމަދު ވަޑައިގެންނެވީ ވަކީލަކާއެކު ނުލަ އެވެ. އަދި ވަކީލަކު ހަމަޖެއްސުމަށް އިތުރު ފުރުސަތެއް ދިނުމަށް އެދި ވަޑައިގެންނެވި އެވެ. އެ ދުވަހުގެ އަޑުއެހުން ނިންމާލީ މި މަހުގެ ފަސްވަނަ ދުވަހު އަޑުއެހުމެއް ބާއްވާނެކަން އިއުލާނު ކުރުމަށްފަހު އެވެ. އަދި އެއީ އާދަމް މުހައްމަދަށް ދެވޭނެ ފަހުގެ ފުރުސަތު ކަމަށް ވެސް ޖޭއެސްސީން އެ ދުވަހު ވަނީ ކަނޑައަޅާފަ އެވެ.
ނަމަވެސް ފަނޑިޔާރު އާދަމް މުހައްމަދުގެ ތަހުގީގު އަޑުއެހުން އެ ފަހަރު ފަސްވީ އެވެ. ޖޭއެސްސީން އޭރު ބުނީ ތަހުގީގު އަޑުއެހުން ފަސްކުރީ ފަނޑިޔާރު އާދަމް މުހައްމަދު ރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގަތުމަށް ހަމަޖެހިފައި ވާތީ ކަމަށާއި އެނބުރި ވަޑައިގެންނެވުމުން މައްސަލަ ކުރިއަށް ގެންދާނެ ކަމަށެވެ.
މިއަދުގެ މެންދުރުފަހަށް އަޑުއެހުން ތާވަލުކުރުމަށްފަހު، އެ އަޑުއެހުމަށް ހާޒިރުވެވެން ނެތް ކަމަށް ފަނޑިޔާރު އަންގާފައިވާތީ މިހާރު ވަނީ އަޑުއެހުން ކެންސަލްކޮށްފަ އެވެ. ފަނޑިޔާރު އަޑުއެހުމަށް ހާޒިރުވާން އުޒުރުވެރިވި ސަބަބު ޖޭއެސްސީއިން ނުބުނެ އެވެ.
ޖޭއެސްސީއިން ބަލަން ނިންމާފައިވަނީ ސުޕްރީމް ކޯޓުން އިހުތިސޯސުން ބޭރު ކޮށްފައިވާ ކަންކަން ބެލުމަށް އެ ކޮމިޝަނުން އެކުލަވާލި ކޮމެޓީގެ ރިޕޯޓްގައި ހިމެނޭ މައްސަލަތެކެވެ. ޖޭއެސްސީއިން އެގޮތަށް ނިންމުމުގައި ސައުތު އެފްރިކާގެ ރިޓަޔާޑް ޖަސްޓިސް ޔޮހާން ކްރީގްލާ މަސައްކަތް ފުރިހަމަ ކުރުމަށްފަހު ހުށަހަޅާފައިވާ "އެސެސްމެންޓް އޮފް ދަ ޖަސްޓިސް ސެކްޓަރ ރިފޯމް ޕްރޮޕޯޒަލްސް" ރިޕޯޓްގައި ފާހަގަ ކޮށްފައިވާ ނުކުތާތަކަށް ރިއާޔަތް ކޮށްގެން ކަމަށް ކޮމިޝަނުން ބުންޏެވެ. އޭނާ ވަނީ އެ ރިޕޯޓްގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކި ކުރަން ލަފާ ދެއްވާފަ އެވެ.
ޖޭއެސްސީއިން ސުޕްރީމް ކޯޓާ ގުޅޭ ގޮތުން ތައްޔާރުކުރި ރިޕޯޓް އާންމުކޮށް ރައްޔިތުންގެ މަޖިލީހަށް ހިއްސާ ކޮށްފައިވެ އެވެ. އެ ރިޕޯޓްގައިވާ ގޮތުން 17 މައްސަލައެއް ފާހަގަ ކޮށްފައިވެ އެވެ. އޭގެ ތެރެއިން ބަލަނީ 15 މައްސަލައެއް ކަމަށްވެ އެވެ.