ވާހަކަ

ދާނޭހެ ޔާދުން ހިތާއޭ

(10 ނޮވެމްބަރ 2019 އާ ގުޅޭ)

ކަންބޮޑުވެފައި ހޭޒަލްއާ ދިމާއަށް ލިއަމް ބަލާލިއެވެ. މޫނުގައި ދެއަތް އަޅައިގެން ލިއަމްއަށް ފުރަގަސް ދީގެން ހުރެ ހޭޒަލް ރޮނީއެވެ. އޭނާއަށް ގިސްލެވެނީއެވެ. ކުށްވެރިކަމުގެ އިޙްސާސް ލިއަމްގެ ނަފްސު ވަށާލިއެވެ.

"ޒެއްލު..." ލިއަމް މަޑުމަޑުން ގޮވާލިއެވެ.

"އަހަރެން ކިހިނެއް އިތުބާރުކުރާނީ... އިނދެގެން މިހާ ދުވަސްވީއިރު ލިއަމްގެ ކަންކަމާ ސުވާލުނުކޮށް ދޫކޮށްލީ އެކަމުން ލިއަމް ނާޖާއިޒް ފައިދާގަނޑެއް ނަގާފާނެކަމަކަށްނޫން، ލިއަމްއާ ވަކިވާންޖެހޭ ފަދަކަމެއް މެދުވެރިވެދާނޭ ދުވަހަކުވެސް ހިޔެއްނުކުރަން، އެކަމަކު އިތުބާރުނުކުރެވޭ މީހަކާއެކު ދިރިއުޅޭނީ ކިހިނެއް؟ އެހާ މުޑުދާރު ފާފާތަކަށް އަރައިގަންނަހިތްވާ މީހެއްގެ ގާތުން ލިބޭނީ ކޮން އުފަލެއް؟..." ގިސްގެ އަޑާއެކު ހުއްޓި ހުއްޓިފައި ހޭޒަލް ވާހަކަދެއްކިއެވެ.

"ޒެއްލުއަށް ތިހާ ޔަގީން ތިވަނީ ކޮންކަމެއް ފެނިގެންތަ؟ ކާކުތަ ތިކަހަލަ ވާހަކަތަކެއް ޒެއްލު ގާތު ދެއްކީ... ހުވާ މިކުރީ، އެމީހަކު ރީތިގޮތަކަށް ފިލުވާލާނަން" ލިއަމް ރުޅިގަދަވެގެން ދަތްކުނޑިވިކާލިއެވެ.

"ބުނި މީހަކު މުހިންމެއްނޫން... ލިއަމް ގޮތް ގޮތަށް ނޫޅޭނަމަކާ މީހުންނަކަށް ނުފެންނާނެ" ހޭޒަލްއަށް ވަކިން ބޮޑަށް ރޮވުނެވެ. އޭނާ ދެއަތުން ދެ ލޮލާއި ކޯތާފަތް ފުހެނީއެވެ. ކޮޅަށް ހުންނާނޭ ވަރު ނެތިގެން ތަޅުންމައްޗަށް ހޭޒަލް ތިރިވިއެވެ.

"މީހަކު ދޭތެރެޖައްސަން ދެއްކި ވާހަކައަކަށް ވެސް ވެދާނު" ވިސްނަން އިނދެފައި ލިއަމް ބުނެލިއެވެ. ހޭޒަލް އަނގަޔަކުން ނުބުންޏެވެ. ކަރުނުން ފުރި ރަތްވެފައިވާ ހޭޒަލްގެ ދެ ލޯ ލިއަމްއާ އަމާޒުވިއެވެ. އޭނާ ލިއަމް ދައްކާ ވާހަކައެއް ޤަބޫލުކުރާކަށް ބޭނުމެއްނޫނޭ ބުނާ ކަހަލައެވެ. ލިއަމްއަށް ނިތްކުރީގައި ކަނާއަތްތިލަ ހިންގާލެވުނެވެ. އިނގިލިތަކުގެ ކޮޅުން ނިތުގެ މެދުގައި ޖައްސާ އޮބާލެވުނެވެ. އިތުރަށް ބުނާނޭ އެއްޗެއް ލިއަމްއަކަށް ނުވިސްނުނެވެ. ހޭޒަލް ގާތު ހުއްޓާލާށެ ބުނަން ވެސް ލިއަމް ބޭނުމެވެ. އަނެއްކޮޅުން އޭނާއަށް ވެސް އޮތީ ކުށްކުރެވިފައެވެ. ހޭޒަލް ގާތުގައި އެއިން ކަމަކަށް އެއްބަސްވާކަށް ލިއަމް ބޭނުމެއްނޫނެވެ.

އެތައް އިރަކު ރުއިމަށްފަހު ހޭޒަލް ކޮޅަށް ތެދުވިއެވެ. ދެ ލޯ ފުހެލި ގޮތަށް އޭނާ ލިއަމްއާ ކުރިމަތިލިއެވެ. ހަރަކާތްތައް ހުރި ގޮތުން އޭނާ ކޮންމެވެސް ގޮތެއް ނިންމައިފި ކަހަލައެވެ. ލިއަމްއަށް އިސްއުފުލާލައި ހޭޒަލްއާ ނަޒަރު ސީދާކޮށްލާކަށް ނުކެރުނެވެ. އިރުކޮޅަކު ލިއަމްއަށް ބަލަން ހޭޒަލް މަޑުކޮށްލުމުން ވެސް ލިއަމްގެ ހަރަކާތައް ބަދަލެއް ނައެވެ.

"އަހަރެން ދާން މިދަނީ..." ހޭޒަލްއަށް ޖުމްލަ ފުރިހަމަ ނުކުރެވެނީސް ލިއަމް ވާހަކަދެއްކިއެވެ.

"ކޮންތާކަށް؟" ލިއަމް އެއްސެވެ.

"އަހަރެންގެ ޢާއިލާ ގާތަށް، ދެން އެހެންކޮންތަނެއް އަހަރެން ދާން އޮތީ... އަހަރެމެން ދެ މީހުން ކިހިނެއް ދެން އެކީގަ އުޅޭނީ" ގިނައިރު ރުއިމުގެ ސަބަބުން ހޭޒަލްގެ އަޑުވަނީ ކުރެހިފައެވެ. ލިއަމްއަށް ހޭޒަލް ދެއްކި ވާހަކަ ބަލައިނުގަނެވުނެވެ. އޭނާ އިންތަނުން ވަގުތުން ތެދުވެއްޖެއެވެ. ހަލުވިކޮށް ހޭޒަލްގެ ގާތަށް އައެވެ.

"ކަމޯން ޒެއްލު... ޑޯންޓް ބީ ލައިކް ދިސް.... ކީއްވެތަ އަހަރެމެންނަށް ނޫޅެވެންވީ، އަހަރެން ޒެއްލުއަށް ދެރަވާނޭ އެއްވެސް ކަމެއްނުކުރަމޭ، ޒެއްލުގެ ލޮލުން ދުށީންތަ އަހަރެން ވިޔާނުދާ ޢަމަލެއް ކުރަނިކޮށް، ޕްލީޒް... އަހަރެމެން ދެ މީހުން ވަކިވާ ވާހަކަނުދައްކާ، އަހަރެން ބޭނުމެއްނޫން ޒެއްލު ދޫކޮށްލާކަށް، އައި ލަވް ޔޫ... އައި ރިއަލީ ލަވް ޔޫ، ޕްލީޒް ޒެއްލު، އައި ލަވް ޔޫ ސޯ މަޗް، ތިއުޅެނީ ހަޤީޤަތެއްނެތް ވާހަކަތަކެއް އަޑުއިވިގެން، ޒެއްލުއަށްވުރެ އެއްވެސް ކަމެއް އަހަންނަށް މުހިންމެއްނޫން، ނޮޓް އީވަން އޮފީސް... ޔޫ އާ މައި އެވްރިތިންގް، ޒެއްލުއަށް ވުރެ އެއްވެސް ކަމެއް މުހިންމެއްނޫން، ޕްލީޒް... އަހަރެން ދޫކޮށްލާފަ ދާ ޚިޔާލުނުކުރޭ، އަހަރެން ކިހިނެއް އުޅޭނީ ޒެއްލުއާ ނުލާ... އަހަންނަކަށް ނޫޅެވޭނެ، ޒެއްލުއަށް ކެތްވާނެތަ އަހަންނާނުލާ... އަހަރެންދެކެ އެވަރަށް ލޯބިނުވަނީތަ؟" ހޭޒަލް ދާން އުޅުމުން ލިއަމް ދުވަހަކުވެސް ބިރުނުގަންނަ ވަރަށް ބިރުގަތެވެ. އޭނާގެ މުޅި ދުނިޔެ އެނބުރިގަތް ކަހަލައެވެ. ހޭޒަލްއާ ވަކިވުމުގެ ވިސްނުމެއް ދުވަހަކުވެސް އޭނާ ނުގެންގުޅެއެވެ.

"ހުރިހާކަމެއް ކުރިއިރު ލިއަމް ހިތަށް ނޭރިތަ އަހަރެން ހިނގައިދާނެޔޭ، ލިއަމް ކުރާކަމެއް އަހަރެންގެ ދެ ލޮލަށް ނުފެނުނަސް އަހަންނަށް އެނގެނީ ލިއަމް ބަދަލުވެއްޖެކަން، ލިއަމްގެ ގާތުގައި އުޅޭ މީހުންނާ މެދު ވެސް ސުވާލު އުފެދޭ، އެކުގައި ރަނގަޅު ބަޔަކު އުޅޭނަމަ ނުބައި ފާފަތަކަށް އަރައިނުގަނެވޭނެ، އެ ފާފަތައްކޮށްފައި އެއީ މާ މޮޅުކަމަކަށް ހަދައި އެ ވާހަކަތަކެއް ދައްކައެއް ވެސް ނުހަދާނެ، އަހަރެންގެ ވާހަކަ ވެސް ލިއަމް މީހުންނާ ޚިއްޞާ ނުކުރާކަމެއްނޭނގެ..."

"ހޭޒަލް!... ޔޫ އާ މައި ވައިފް، އަހަރެން މޮޔަވެގެންތަ މިއުޅެނީ، އަނބިމީހާގެ ވާހަކަ އެހެންމީހުން ގާތު ދައްކަންވީ ކީއްކުރަން" ހޭޒަލްގެ ވާހަކަ މެދުކަނޑާލަމުން ލިއަމް އޭނާގެ ނަމުން ގޮވާލީ ނިކަން ބާރަށެވެ.

ހޭޒަލް ސިހުނެވެ. ލިއަމް މިނޫނީ އެހާ ބާރަށް ހޭޒަލްއާ ދިމާއަށް ހަޅޭލަވައި ނުގަނެވެ. ވަގުތުކޮޅަކަށް ލިއަމްއަށް ބަލަން ހުރެފައި ހޭޒަލް ހަލުވިކޮށް ހިނގައިގަތީ ކޮޓަރިއާ ދިމާއަށެވެ. ހައިރާންކަން ވެރިވި ލިއަމް ވެސް ހޭޒަލްގެ ފަހަތުން އައެވެ. ކޮޓަރިއަށް ވަން ގޮތަށް ހޭޒަލް ވަނީ ފާޚާނާއަށެވެ. ގިނައިރެއްނުވެ އޭނާ ނުކުތް ގޮތުން ލިއަމްއަށް ޔަގީންވީ ހޭޒަލް އެ ނިކުތީ ވުޟޫކޮށްގެން ކަމެވެ. ހާސްކަން ލިއަމްއަށް ލިބިގެން ދިޔައެވެ. އޭނާއަށް ހިންދިރުވާލެވުމާއެކު ހޭޒަލްއާ އަވަސްއަވަހަށް ސުވާލުކުރަން ފެށިއެވެ. އޭނާ ކުރަން އެ އުޅެނީ ކޮންކަމެއްތޯއެވެ. ނަމަވެސް އަނގައިން ބުނުމެއްނެތި ހޭޒަލް ހަތިމު ނެގިއެވެ. ލިއަމްއަށް ހަތިމު ދިއްކޮށްލުމުން އޭނާ ޖެހުނީ ފަހަތަށެވެ. ހޭޒަލްއާ ދިމާއަށް ކީއްކުރަންތޯ ތިއުޅެނީ އަނެއްކާ ވެސް ލިއަމް އެއްސެވެ.

"ހިލޭ އަންހެނުންނާ އެއްވެސް ގުޅުމެއްނުބާއްވަންކަމާއި، ވިއްކާ އަންހެނުންގެ ގާތަށް ނުދާކަމާއި މަސާޖު ކުރާ ތަންތަނަށް ނުދާކަމާއި، އަހަންނަށް ދުވަހަކުވެސް ބޭވަފާރާތެރިނުވަންކަމަށް ﷲ ގަންދީ ހަތިމުގައި އަތްލާ ހުވާކުރޭ" ހޭޒަލް ބުންޏެވެ.

"ތީ ބޮޑުވަރު ޒެއްލު" ލިއަމް ބުންޏެވެ.

"ނުކުރެވެންޏާ އަހަރެން ދާން ދޫކޮށްލާ، އަހަރެން މި ހަތިމުގަ އަތްލައިގެން ހުރެ ހުވާކޮށްފާނަން އަހަރެން ލިއަމްއަށް ބޭވަފަވާތެރިއެއްނުވަންކަން، ލިއަމްއާ ކައިވެނި ކުރިފަހުން ހިލޭ ފިރިހެނެއްގެ ގައިގާ ބީހިފައެއްނުވާނެ، އަހަރެން ފޯނުން ވާހަކަދައްކާނަމަ އެއީ ކާކުކަން ލިއަމްއަށް ވެސް އެނގޭނެ، އަހަރެންގެ ފޯނާއި ފޭސްބުކްއާއި ދެން ވެސް އަހަރެން ވަންނަ އެއްޗަކަށް ލިއަމްއަށް ވަދެވޭނެ، ހުރިހާ އެއްޗެއްގެ ޕާސްވޯޑް ހުންނާނެ ލިއަމް އަތުގަ... އަހަރެން ސިއްރުކުރާނެ އެއްވެސް ކަމެއްނެތް ލިއަމްއަކަށް" ހޭޒަލް ބުންޏެވެ. ލިއަމް އިސްޖަހާލިއެވެ. އިރުކޮޅަކު ހުރުމަށްފަހު އޭނާ ފިނިނޭވާއެއް ދޫކޮށްލުމަށްފަހު އިސްއުފުލައި ހޭޒަލްއަށް ބަލާލައި ވާހަކަދެއްކިއެވެ.

"އައި އޭމް ސޮރީ" ލިއަމް މަޑުމަޑުން ބުންޏެވެ.

"ކޮންކަމަކަށް؟ އެ ހުރިހާކަމެއް ކުރެވުނީމަތަ؟" ހޭޒަލް އެއްސެވެ.

"ޕްލީޒް ޒެއްލު، ކާމް ޑައުން... އަހަރެން ދައްކާ ވާހަކަ ރުޅިނައިސް އަޑުއަހާބަލަ، އަހަރެން ހަތިމުގަ އަތްލާ ހުވާކޮށްފާނަން އަހަރެން ހޭޒަލްއާ ވަކިވާން ބޭނުންނުވާކަން، އަހަރެން ހޭޒަލްދެކެ ލޯބިވާކަން... ޕްލީޒް... ތި ހަތިމު ބާއްވާފަ އާދެބަލަ މިތާ އިށީންނަން، އަހަރެން ހުރިހާ ވާހަކައެއް ޒެއްލުއަށް ކިޔައިދޭނަން، ޕްލީޒް، ޕްލީޒް... ވަކިވުމުގެ ވާހަކަ ނުދައްކާ" ލިއަމް އައިސް އެނދުގެ އަރިމަތީ އިށީނެވެ.

"ހުވާނުކުރެވުނުއިރު ލިއަމް ދައްކާ ވާހަކަ އަހަރެން ޤަބޫލުކުރާނީ ކިހިނެއް؟" ހޭޒަލް މާޔޫސްކަމާއެކު ބުންޏެވެ. ލިއަމް އިށީނދެފައި ވެސް ތެދުވީއެވެ. އޭނާ ގޮސް ފާޚާނާއަށް ވަނެވެ. އެތަނުގައި ވަގުތުކޮޅެއް ވިއެވެ. ދެން ނުކުތްގޮތަށް އައިސް ހޭޒަލްގެ ކުރިމަތީ ހުއްޓިއްޖެއެވެ. ހަތިމުގައި އަތްލައި ހުވާކުރިއެވެ.

"ހޭޒަލްއަށް އޮޅުވާލުމުގެ ނިޔަތުގައި އެއްވެސް ކަމެއްނުކުރަން، އަހަރެން އަބަދުވެސް އެންމެ ލޯބިވާ މީހާ ތީ، ހޭޒަލް ނޫން އަންހެނަކު އަހަރެންގެ ދިރިއުޅުމަކަށް ނާންނާނެ، ހޭޒަލް ވާނީ އަހަރެންގެ އަނބިމީހާއަށް، ނައު އެންޑް ފޮރެވާ... އަހަރެން އެއްބަސްވަން އަހަރެން ކުރާ ހުރިހާކަމެއް ހޭޒަލް ގާތު ނުބުނަންކަމަށް، އެކަމުން ހޭޒަލްއަށް ކުރާނޭ އަސަރު އެނގޭތީ ނުބުނަނީ... އަހަރެން އުޅޭ ދާއިރާގެ ގޮތުން އެކަހަލަ ސިއްރު ކަންކަން ކުރަންޖެހޭ، އެ ހުރިހާކަމެއްގެ ވާހަކަ ދެއްކުމުން ހޭޒަލް ޝައްކުކުރާނޭކަން އެނގޭތީ ނުދައްކާ ހުރީ... އޮފީހުގައި އުޅެފައި ގެއަށް އައިސް އަލުން އެތަނުގެ ވާހަކަތައް ދައްކާކަށް އަހަރެން ބޭނުމެއްނޫން، އިޓް ގިވްސް މީ ހެޑޭކް... ހޭޒަލްއާއެކު ހޭދަކުރާ ވަގުތަކީ ސްޓްރެސް ފުރީ ވަގުތަކަށް ހަދަން އަހަރެން އިސްކަންދެނީ، އެއީ އަހަރެމެން ދެ މީހުންގެ ވަގުތުކޮޅެއް، އަހަރެން އެރޭ ފޯނުކުރިން... އެކަމަކު އެއީ އޮފީހުގެ ކަމަކާ ގުޅިގެން އިންފޯ ހޯދަލަން ކުރިކަމެއް، ބައެއްމީހުންނަކީ ދަންވަރަށް އެކްޓިވޭޓްވާ ބައެއް، ތަންތަނަށް ނުގޮސް މީހުންނާ ބައްދަލުނުކޮށް މަޢުލޫމާތެއް ނުލިބޭނެ، އެކަމަކު ކަޑަކަމެއް ނުކުރަން... ބަޓް އައި ސުވެއާރ، އޭގެ ފަހުން އެކަހަލަ މީހަކަށް ގުޅާފައެއްނޯންނާނެ... އަހަރެން ކީއްކުރަން ހޭޒަލްގެ އިތުބާރުގެއްލޭވަރުކަމެއް ކުރަންވީ، އަހަރެން ހެޕީއޭ ހޭޒަލްއާއެކު... ހޭޒަލްއާ ނުލާ އަހަރެންގެ ދިރިއުޅުން ފުރިހަމައެއްނުވާނެ، ތި ހީކުރާކަހަލަ ނުބައިކަމެއް ނުކުރަމޭ" ލިއަމްގެ ނަޒަރު ހުރީ ހޭޒަލްއާ އަމާޒުވެފައެވެ. އޭނާގެ ސީރިއަސްކަން އެ މޫނާއި އަޑުން ހޭޒަލްއަށް ނަގައިގަނެވުނެވެ. ފިނިނޭވާއަކާއެކު ހޭޒަލް ނަޒަރުވަކިކޮށްލައި އިސްޖަހާލިއެވެ. ހަތިމު ލިއަމްގެ އަތާ ދުރަށް ލުމާއެކު އެ ގެން ގޮސް އިހު އޮތްތަނުގައި ހޭޒަލް ބާއްވައިފިއެވެ. އޭނާއަށް އެއްޗެއް ބުނަން ނޭނގިފައި ހުއްޓާ އަނެއްކާ ވެސް ލިއަމް ވާހަކަދެއްކިއެވެ. އޭނާ އައިސް ހޭޒަލްގެ އަތުގައި ހިފާލިއެވެ.

"އައި އޭމް ސޮރީ... ޒެއްލުއަށް އަހަރެންގެ ހުރިހާ އެއްޗެއް ދައްކާނަން، އެއްވެސް ކަމެއް ދެން ސިއްރެއްނުކުރާނަން... ޕްލީޒް ޑޯންޓް ލީވް މީ، އަހަންނަށް... މި ރިލޭޝަންޝިޕަށް އަދި ފުރުޞަތުދީ، އައި ޕްރޮމިސް، ދެން އެއްވެސް ކަމެއް ޒެއްލުއަށް ސިއްރެއްނުކުރާނަން" ލިއަމް އާދޭހުގެ ރާގުގައި ބުންޏެވެ. ފިރިމީހާ ހުވާކޮށް ފުރުޞަތަކަށް އެދުމުން އެ ފުރުޞަތު ނުދޭހާ ހޭޒަލްގެ ހިތް ހަރެއްނޫނެވެ.

"އަހަރެންގެ އިތުބާރު ލިއަމްއަށް ހޯދޭނެތަ؟" ހޭޒަލް އެއްސެވެ.

"ހޯދާނަން... ކޮންމެގޮތަކުން ވިޔަސް..." ލިއަމް ނިކަން އަވަހަށް ބުންޏެވެ.

"ފޯނު އަހަރެން ބެލިޔަސް އެންމެ ރަނގަޅުތަ؟" ހޭޒަލް އެއްސެވެ. ލިއަމްގެ ފުށުން ޖެހިލުންވުމެއް ފާޅުވިއެވެ. އެހެންނަމަވެސް އޭނާ އާނއެކޭ ބުންޏެވެ. ޖީބުގައި އޮތް ފޯނު ނަގައި ހޭޒަލްއަށް ދިއްކޮށްލިއެވެ.

"މިއިން ކޮންމެ އެއްޗެއް ބެލިޔަސް އެންމެ ރަނގަޅުތަ؟" ލިއަމް ބޯޖަހާލިއެވެ.

ލިއަމްގެ ފޯނު ހިފައިގެން ހޭޒަލް އައިސް އެނދުގައި އިށީނެވެ. އޭނާގެ ގާތުގައި ލިއަމް އިށީނެވެ. ފޯނު ހުޅުވަން ހޭޒަލްއަށް އެނގޭކަމަކަށް އޭނާ ނުހެދިއެވެ. ލިއަމް ގާތު ޕާސްކޯޑު ބުނުމަށް ހޭޒަލް އެދުމުން އޭނާ ބުނެދިނެވެ. ލިއަމްގެ ފޯނު ބެލިއިރު އެއްވެސް އެއްޗެއް ބަދަލުކޮށްފައެއްނުވެއެވެ. އެކި އެއްޗިއްސަ ވަންނަމުން ގޮސް ލިއަމް ދައްކާފައި ހުރި ވާހަކަތައް ހޭޒަލް ދެއްކިއެވެ. ލިއަމް އިސްޖަހާލި ނަމަވެސް އޭނާ ހޭޒަލް ގާތު އެކަމާ ވާހަކަދެއްކިއެވެ.

"އޮފީހަށް މަޢުލޫމާތު ހޯދަންވެގެން، އެމީހުން ވާހަކަދައްކާ ގޮތަށް ވާހަކަދައްކައިގެންތާ ޤަބޫލުކުރެވޭނީ... އަހަންނަށް ލިބިފަ ހުންނަ މަޢުލޫމާތުގެ އެހީގަ އެގޮތަށް ވާހަކަދައްކަނީ، އެއީ އަހަރެން އެމީހުން ގާތަށް ގޮސްގެންނެއްނޫން، އެކިމީހުން ދައްކާ ވާހަކަތަކަށް ބޭސްކޮށް އަހަރެން ވެސް ވާހަކަދައްކާފައި ހުންނާނީ" ލިއަމް ބުންޏެވެ.

"ދެން ކީއްވެ އަނބިމީހާ ޤަބޫލުނުވާނޭ ކިޔާފައި އެއޮތީ" ހޭޒަލް އެއްސެވެ.

"އަހަރެން މީހަކާ އިނދެގެން އުޅޭއިރު އަނތްބަކު ނެތެކޭ ނުބުނެވޭނެއެއްނު، އެހެންބުނެފިނަމަ ޒެއްލު ވަރިވާނެއެއްނު، އެހެންވެ ވައިފް ހުރެޔޭ ބުނީ، އެމީހުންގެ ވާހަކައިގެތެރެއަށް ނުވައްދަން ވައިފް ޤަބޫލެއްނޫނޭ ބުނަނީ... ޒެއްލު ޕްލީޒް، ބިލީވްމީ... އަހަރެން ކަޑަކަމެއްނުކުރަމޭ، އެކަހަލަ މީހުން ކައިރީ އެއްޗެކޭ ބުނާއިރަށް އަހާނެ ކަލޭ ދިޔައިންތޯ، އެހެންވެއޭ އަހަރެން ބުނެފަ އެހުރީ އާނއެކޭ، އެއީ އަހަރެން އެކަންކަން ކޮށްގެންނެއްނޫނޭ... އިންފޯ ހޯދަންވެގެން މީސްމީހުންނާ ވާހަކަދައްކަނީ، އަހަރެން ޒެއްލުއަށް ބިޓްރޭއެއް ނުކުރާނެއެއްނު" ލިއަމް ތެދުވެ ހޭޒަލްގެ ކުރިމަތީ ކުޑަކަކޫ ޖެހިއެވެ. ހޭޒަލްގެ ދެ ކަކުލުގައި އަތްބާއްވާލައި އޭނާއަށް ކަމެއްކުރެވިފައިވާނަމަ މަޢާފުކޮށްދިނުމަށް އެދުނެވެ. ދެމީހުން ވަކިވާ ޚިޔާލު ހޭޒަލް ނުގެންގުޅުމަށް ލިއަމް އާދޭސްކުރިއެވެ. ﷲއަށް ޓަކައި ލިއަމްއަށް އިތުބާރުކުރުމަށް އޭނާ އެދުނެވެ.

ހޭޒަލްއަށް އަދިވެސް ލިއަމްގެ ވާހަކަ ޤަބޫލުކުރަން އުނދަގުލީއެވެ. ދެކޮޅު ނުޖެހޭ ކަންކަން ހުރިހެން ހީވަނީއެވެ. އެހެންވިޔަސް އޭނާ ލިއަމްއަށް ފުރުޞަތެއްދޭން ނިންމިއެވެ. ﷲއަށް ޓަކައެވެ. ލިއަމްގެ އުޅުމަށް ހޭޒަލް ހުންނާނީ ފާރަވެރިވެއެވެ. އަންނަ ކިތަންމެ ކުޑަ ބަދަލަކަށް ވެސް ސަމާލުކަން ހޭޒަލް ދޭނެއެވެ. އެހެންވިޔަސް އޭނާއަށް ދުވަސްކޮޅެއް ބޭނުންވެއެވެ. ލިއަމްއާ ގާތްވުން ފަސޭހަނުވީމައެވެ. ލިއަމް ދައްކާފައި ހުރި ވާހަކަތައް ފެނި ހޭޒަލްއަށް މާބޮޑަށް އަސަރުކުރީއެވެ.

"ﷲއަށް ޓަކައި ލިއަމް އަހަރެންގެ ގާތުން ފުރުޞަތަކަށް ތިއެދުނީ، ލިއަމްގެ ޢަމަލުތައް ވެސް ﷲ އެންގެވި އިމުން ބޭރުނުކުރާތި، އެކަލާނގެ ސިއްރުތައް މޮޅަށް ދެނެވޮޑިގެންވޭ، ކުށްފާފައިން ފޮރުވިފައިވާ ނަފްސަށް ވެސް ތަޢުބާވުންވޭ، ކައިވެންޏެއް ރޫޅާލުމަށްވުރެ އެ ކައިވެނީގެ މަތީ ދެމި ހުރެވޭތޯ މަސައްކަތްކުރުން އޮވޭ، އެކަމަކު އޭގެ މާނައަކީ ހުރިހާ އަނިޔާއަކަށް ކެތްކުރުމެއްނޫން، އަހަރެންގެ ނަފްސުގެ ކެތްތެރިކަން ކޮޅުންލާނޭ ދުވަހެއް އަތުވެދާނެކަން ލިއަމް ދަންނާތި، ފާފަވެރިއަކާއެކު އުޅުމަށްވުރެ އެކަނި އުޅުން މާ ރަނގަޅު... އޮޅުވާލައި ދޮގުހަދާ މީހާގެ މަކަރުވެރިކަން އަބަދަށް ފޮރުވިފައެއްނޯންނާނެ... އަހަންނަށް ކަންކަން ސިއްރުކުރުމުގެ ކުރީން ލިއަމް ވިސްނާތި" ހޭޒަލް ބުންޏެވެ.

(ނުނިމޭ)