އަޖޭ ދޭވްގަން

އަޖޭގެ 100 ވަނަ ފާހަގަ ކުރާނީ "ތަންހާޖީ" އިން

އަޖޭ ދޭވްގަންގެ އާ ފިލްމު "ތަންހާޖީ: ދި އަންސަންގް ވޮރިއާ" ގައި އަޖޭ ފެނިގެން ދާނީ ވަރަށް ވަރުގަދަ ހަނގުރާމަވެރިއެއްގެ ރޯލުންނެވެ. މި ފިލްމު ޚާއްސަ ވަނީ އަޖޭގެ ކެރެކްޓާގެ ސަބަބުން އެކަންޏެއް ނޫނެވެ. މި ފިލްމަކީ އަޖޭ ކުޅޭ 100 ވަނަ ފިލްމެވެ. އެހެންވެ މި ފިލްމު ޚާއްސަ ގޮތެއްގައި ފާހަގަ ކުރަން އަޖޭ ބޭނުންވެ އެވެ.

ގާތްގަނޑަކަށް ތިރީހަކަށް އަހަރަށް ދެމިގެން ގޮސްފައިވާ އަޖޭގެ ކެރިއަރުގައި އޭނާ ކުޅެފައިވާ ފިލްމުތަކާއި ހޯދާފައިވާ ކާމިޔާބީތައް ފާހަގަ ކުރުމުގެ ގޮތުން އަޖޭގެ އަނބިމީހާ އަދި މަޝްހޫރު ފިލްމީ ބަތަލާ ކާޖޮލް ވަނީ ޚާއްސަ ވީޑީއޯއެއް ސޯޝަލް މީޑީއާގައި ޕޯސްޓްކޮށްފަ އެވެ. މި ވީޑިއޯގައި އަޖޭ މިހާތަނަށް ކުޅެފައިވާ 99 ފިލްމުގެ ތަންތަންކޮޅު ހިމަނާފައި ވެއެވެ. މި ވީޑިއޯގައި އަޖޭގެ ތަފާތު ޖަޒުބާތުތައް ވަރަށް ރީތިކޮށް އަތުރާލައި ހިމަނާފައި ވެއެވެ. ލޯތްބާއި ކެކުޅުން، ހުނުމާއި، މަޖާކުރުން، އެކި މުނާސަބަތުތައް އަދި ހުވަފެންތަކާއި ގަބޫލުކުރާ ގަބޫލު ކުރުންތައް ވަރަށް ރީއްޗަށް ގެނެސްދީފައި ވެއެވެ.

ޝާހްރުކް ޚާން ފަދަ ވަރަށް ގިނަ އެކްޓަރުން ވެސް ވަނީ ކާޖޮލްގެ ވީޑިއޯއަށް ކޮމެންޓްކޮށް އަޖޭއަށް މަރުހަބާ ކިޔާފަ އެވެ.
އަޖޭގެ 100 ވަނަ ފިލްމު "ތަންހާޖީ" ޑައިރެކްޓްކުރަނީ އޯމް ރައުތު އެވެ. މި ފިލްމު ޕްރޮޑިއުސްކުރަނީ އަޖޭ އާއި ބޫޝަން ކުމާރު އަދި ކިޝަން ކުމާރެވެ.

ކުރިން ހަމަޖެހިފައި އޮތީ މި ފިލްމު މިއަހަރު ރިލީޒްކުރާ ގޮތަށެވެ. ނަމަވެސް މިހާރު މި ފިލްމު ރިލިޒްކުރަން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ 10 ވަނަ ދުވަހު އެވެ.

އަޖޭގެ އިތުރުން މި ފިލްމުގައި ސައިފް އަލީ ޚާން ވެސް ރޯލެއް އަދާ ކުރެ އެވެ. މިއީ މީގެ 12 އަހަރު ކުރިން ރިލީޒްކުރި "އޯމްކާރާ" ގައި އެކުގައި މަސައްކަތް ކުރި ފަހުން ސައިފް އާއި އަޖޭ އެކުގައި ކުޅޭ ފުރަތަމަ ފިލްމެވެ. މި ފިލްމުގައި ސައިފް ކުޅެނީ ވަރަށް ނުލަފާ މީހެއް ކަމަށްވާ އުދޭ ބަން ގެ ރޯލެވެ. ކާޖޮލް ވެސް ފިލްމުގައި ބައިވެރިވެ އެވެ.