ރައީސް މުހައްމަދު ނަޝީދު

ސިޔާސީ މަގާމުުތައް ގިނައެއް ނޫން: ނަޝީދު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ސިޔާސީ މަގާމުތައް ގިނަ ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ މިއަދުގެ ބަޖެޓް ބަހުސްގައި، އަންނަ އަހަރު ސަރުކާރުން ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓުގައި ޖުމްލަ 785 ސިޔާސީ މަގާމަކަށް 331 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހިމަނާފައިވާތީ ބައެއް މެންބަރުން ކަންބޮޑުވުން ފާޅު ކުރުމާއި ގުޅިގެންނެވެ.

ނަޝީދު ވިދާޅުވީ ސިޔާސީ މަގާމުތަކުގެ އަދަދަކީ 785 ނަމަވެސް އެ އަދަދު ހަމަވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ހުރިހާ މުވައްޒިފުން ހިމަނައިގެން ކަމަށެވެ. ރައީސް އޮފީހުގައި ތިއްބަވާ ހުރިހާ މުވައްޒިފުންނަކީ ވެސް ސިޔާސީ މަގާމުތަކުގައި ތިއްބި މުވައްޒިފުން ކަމަށް ނަޝީދު ވިދާޅުވި އެވެ. އެހެންކަމުން ހަގީގީ ސިޔާސީ މަގާމުތަކުގެ އަދަދު 400 ވުރެ މަދު ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑު ސާފުކޮށް އަރުވާނަން.. ސިޔާސީ މަގާމުތަކުގެ އަދަދަކީ 785. އެއީ ރައީސް އޮފީހުގައި ތިއްބެވި ހުރިހާ ސްޓާފުންނާއެކު. ރައީސް އޮފީހުގެ ސްޓާފުންނަކީ ސިވިލްސާވިސްގެ މެންބަރުންނެއް ނޫން. އެހެންވީމާ ހަގީގަތުގައި ސިޔާސީ މަގާމުތަކުގައި 400 އެއްހާ މީހުންވެސް ނުމެ އުޅޭ. އަދި ބަޖެޓުން ތިޔަ ބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ ސިޔާސީ މަގާމުތަކަށް ޖުމްލަ އެއީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ހުރިހާ ބޭފުޅުންނާއެކުގަދާ އަދަދު ފެނިވަޑައިގަންނަވާނެ. އަދި މީގެ ކުރިން ހުރި އަދަދުވެސް ބަޖެޓުން ފެނިވަޑައިގަންނަވާނެ. އެހެންކަމުން ބޭފުޅުންނަށް ލިބިފައިވާ މައުލޫމާތު އެއީ ކުށޭ ނުވަތަ ނޫންތޯއޭ އެހެން ވިދާޅުވުން ބުއްދިވެރިއެއް ނޫން. ސައްހަ މައުލޫމާތު ބަޖެޓްގައި އެބަ ހިމެނޭ." ރައީސް ނަޝީދު ވިދާޅުވި އެވެ.

މިދިޔަ ޖުލައި މަހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައިވަނީ ކުރީ ސަރުކާރުގެ ސިޔާސީ މަގާމުތަކަށް ވުރެ މި ސަރުކާރުގެ ސިޔާސީ މަގާމުތައް އިތުރު ނުވާނެ ކަމަށެވެ. އެ ދުވަހާ ހަމައަށް އެމަނިކުފާނުގެ ސަރުކާރުގައި ސިޔާސީ މަގާމުތަކުގައި ތިއްބެވީ 334 ބޭފުޅުން ކަމަށާއި، ކުރީގެ ސަރުކާރުގައި 450 އަށް ވުރެ ގިނަ ބޭފުޅުން ސިޔާސީ މަގާމުތަކުގައި ތިއްބެވި ކަމަށް ރައީސް ސޯލިހު ވަނީ ހާމަކުރައްވައިފަ އެވެ.

ނަމަވެސް، ޖުލައި މަހުގެ ފަހުން ވެސް ގިނަ ބޭފުޅުންތަކެއް އެކި އެކި ސިޔާސީ މަގާމުތަކަށް އައްޔަނުކުރައްވާފައިވާއިރު، އަންނަ އަހަރަށް ކަނޑައަޅާފައިވާ ސިޔާސީ މަގާމުތަކުގެ އަދަދު އޭގެ ދެގުނައަށް އަރާނެ އެވެ.

ސަރުކާރުން މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ބަޖެޓުގައިވާ ގޮތުން، އަންނަ އަހަރު ސިޔާސީ މަގާމްތައް އެންމެ ގިނައީ ރައީސް އޮފީހުގަ އެވެ. އެ އޮފީހުގައި، އަންނަ އަހަރަށް ލަފާކޮށްފައިވާ ސިޔާސީ މަގާމްތަކުގެ އަދަދަކީ 377 އެވެ. މި މަގާމްތަކުގެ މުސާރައިގެ ގޮތުގައި، 94.2 މިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ.

ސިޔާސީ މަގާމްތައް ދެން އެންމެ ގިނައީ ހެލްތު މިނިސްޓްރީގަ އެވެ. އެ މިނިސްޓްރީގައި 109 މަގާމަކަށް 27 މިލިއަން ރުފިޔާ ބަޖެޓްކޮށްފައިވެ އެވެ. ފޮރިން މިނިސްޓްރީގެ 86 ސިޔާސީ މަގާމަކަށް 129 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.

ޔޫތު މިނިސްޓްރީގެ 28 ސިޔާސީ މަގާމަކަށް 6.8 މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ.