މިދިޔަ ހަފުތާ ބަންދުގައި ހޮލީވުޑުން ނެރުނު ފިލްމުތަކަށް ބަލާއިރު "ސްޓްރެއިޓް އައުޓަ ކޮމްޕްޓޮން" އަކީ އެންމެ މަޝްހޫރު އަދި ބެލުންތެރިންގެ މެދުގައި އެންމެ ބޮޑު މަގްބޫލުކަމެއް ހޯދި ފިލްމެވެ.
ފިލްމަށް ލިބެމުންދާ އާދަޔާހިލާފު ތަރުހީބާ އެކު މިހާރު ވެސް ފިލްމު ވަނީ ބޮކްސް އޮފީހުގައި އޭގެ ބަޖެޓް ކަޑައްތުކޮށްފަ އެވެ. ޖުމްލަ 29 މިލިއަން ޑޮލަރު ހޭދަކޮށްފައިވާ މި ފިލްމަށް ވަނީ މިހާރު 60 މިލިއަން ޑޮލަރު ލިބިފަ އެވެ.
މި ފިލްމަކީ 90ގެ އަހަރުތަކުގައި އެމެރިކާގައި ބޮޑު މަޝްހޫރުކަމެއް ހޯދި އަދި ބޮޑު މައްސަލައަކަށްވި ހިޕް ހޮޕް ގްރޫޕެއް ކަމަށްވާ ނިގާސް ވިތު އެޓިޓިއުޑްސް ނުވަތަ އެން ޑަބްލިއު އޭގެ ވާހަކަ އެވެ. ގޭންގްސްޓާ ރެޕްގައި އެފަދަ ދެ ވަނައެއް ނެތް ގްރޫޕެއްގެ ގޮތުގައި މަޝްހޫރުކަން ހޯދި މި ގްރޫޕަކީ މިއުޒިކް އިންޑަސްޓްރީގައި މިހާރު ނުފޫޒުގަދަކޮށްފައިވާ ޑޮކްޓަ ޑްރޭ އުފެދިގެން އައި ގްރޫޕެކެވެ.
އޭނާއާ އެކު މި ގްރޫޕަށް ދެން ނިސްބަތް ވަނީ ރެޕާ އައިސް ކިއުބް އާއި އީޒީ އީ އަދި ޑީޖޭ ޔެއްލާ އާއި އެމްސީ ރެން އެވެ.
މި ގްރޫޕަކީ ހިޕްހޮޕްގެ ދުނިޔެ އަށް އިންގިލާބެއް ގެނައި މިއުޒިކް ގްރޫޕެކެވެ. އެގޮތުން އެ އިންގިލާބުގައި އެންމެ ބޮޑު ރޯލެއް ކުޅުނު އެމީހުންގެ ލަވަތަކުގެ ލިރިކްސްތަކުގެ މައްސަލަ އެމެރިކާގައި ބޮޑުވެ ފުލުހުންނާއި މި ބޭންޑާ ދެމެދު ހިނގި ކުރިމަތިލުންތައް ވެސް ފާހަގަކޮށްލެވެ އެވެ.
ފިލްމުގައި އައިސް ކިއުބްގެ ރޯލު ކުޅެފައި ވަނީ އޯޝެއާ ޖެކްސަން އެވެ. ކޯރޭއި ހޯކިންސް ޑޮކްޓަ ޑްރޭގެ ރޯލު ކުޅެފައިވާއިރު ބޭންޑްގެ އެންމެ މަޝްހޫރު އަދި އެންމެ ނުފޫޒުގަދަ މެމްބަރު ކަމުގައިވާ އީޒީ އީގެ ރޯލު ކުޅެފައި ވަނީ ޖޭސަން މިޗެލް އެވެ. ގޭންގްސްޓާ ރެޕްގެ ގޯޑް ފާދާގެ ގޮތުގައި މަޝްހޫރުވި އީޒީ އީ ވަނީ އެއިޑްސް ޖެހިގެން 1995 ވަނަ އަހަރު މަރުވެފަ އެވެ.
މި ފިލްމަކީ އެމެރިކާ ގައި އޮތް ނަސްލީ ތަފާތުކުރުމުގެ މައްސަލަ އަށް ނިކަން ބޮޑަށް އަލިއަޅުވާފައިވާ ފިލްމެކެވެ.
ފިލްމުގެ މަގްބޫލުކަން ބޮޑުވުމުގެ ފަހަތުގައި މި ސަބަބު ހިމެނެ އެވެ. މި ދުވަސްވަރަކީ އެމެރިކާގެ ފާގަސަންގައި ފުލުހުންގެ އަނިޔާވެރިކަން ބޮޑުވެ ނަސްލީތަފާތުކުރުމުގެ މައްސަލަތައް ބޮޑުވެފައިވާ ދުވަސްވަރަކަށްވާތީ ބައެއް މީހުން ބުނަނީ މިއީ މިފަދަ ފިލްމެއް ނެރެން އެންމެ މުސާނަބު ވަގުތު ވެސް ކަމަށެވެ.