މާބަނޑު ދުވަސްވަރު ހޯމޯން-ޑިސްރަޕްޓިން ކެމިކަލްސްގެ އަސަރު ކުރާ މީހުންނަށް ލިބޭ ދަރިންގެ އައިކިއު ލެވެލް ދަށްވެދާނެ ކަމުގެ އިންޒާރު ސައިންސްވެރިން ދީފި އެވެ. އެންޑޮކްރައިން އުފެއްދުމަށް ހުރަސްތައް ކުރިމަތިކުރުވާ ކެމިކަލްސްތަކުގެ އަސަރު ފުރަތަމަ ޓްރައިމިސްޓާގައި ކޮށްފިނަމަ ބަނޑުގައި އޮންނަ ދަރިފުޅު އުފަންވެ އުމުރުން ހަތް އަހަރު ވާއިރު އައިކިއު ލެވެލް އަށް ދަށްވުން އެކަށީގެންވެ އެވެ.
އެމެރިކާ އާއި ސްވިޑްންގެ ޔުނިވަސިޓީތަކަކުން ހޯދި މި ހޯދުމަށް ސްވިޑްންގެ 716 މާބަނޑު މީހެއްގެ ފުރަތަމަ ޓްރައިމިސްޓާގައި ކުޑަކަމުދާ އެއްޗިއްސާއި ލޭގައި 26 ކެމިކަލެއް ހުރި މިންވަރު ހޯދި އެވެ.
ސައިންސްވެރިންގެ މި ހޯދުމުގައި ބިސްފެނޯލް އޭ (ބީޕީއޭ) ހުރި މިންވަރާއި ޕެސްޓިސައިޑްސް އާއި ފެލޭޓްސް ހުރި މިންވަރު ވެސް ބެލި އެވެ. މިއީ ކާނާ ރައްކާ ކުރާ ޕްލާސްޓިކް ކޮންޓެއިނާ އާއި ފެން އަޅާ ޕްލާސްޓިކް ކޮންޓެއިނާ އަދި ފަނިފަކުސާ މަރަން ބޭނުންކުރާ ޕްރޮޑަކްޓްސްތަކުން ފެންނަ ކެމިކަލްސް ތަކެވެ. އަދި މިއީ ކޮންމެ ދުވަހަކު އާންމުކޮށް މީހުން ބޭނުންކޮށް އުޅޭ ބާވަތްތަކެވެ. މީގެން ބައެއް ކެމިކަލް ތަކަކީ އިންސާނާގެ އެންޑޮކްރައިން ސިސްޓަމްއަށް މައްސަލަތައް ކުރިމަތިކުރުވާ އެއްޗިއްސެވެ. އަދި މީގެން ހޯމޯންގެ މަސައްކަތްތަކަށްވެސް ހުރަސް އަޅަ އެވެ.
މި ހުރިހާ އަންހެނުން ފުރަތަމަ ޓެސްޓްކުރީ ބަލިވެ އިނދެ ފުރަތަމަ ޓްރައިމިސްޓާގަ އެވެ. އަދި އެ މީހުން ވިހޭ ދަރިންނަށް ހަތް އަހަރު ވުމުން ދެ ވަނަ މި ކުދިންގެ ޓެސްޓްތަކެއް ހަދާފައި ވެއެވެ.
މި ހޯދުން ޝާއިއުކޮށްފައިވަނީ ޖާނަލް އޮފް އެންވަޔަރަންމަންޓް އިންޓަނޭޝަނަލް ގައެވެ. މި ހޯދުމުގެ ނަތީޖާ ދެއްކި ގޮތުން ފުރަތަމަ ޓްރައިމިސްޓާގައި ހަށިގަނޑުގައި ކެމިކަލްސް ގިނައިން ހުރި މައިންނަށް ލިބުނު ދަރިންނަށް ހަތް އަހަރު ފުރުނުއިރު ކެމިކަލް ހުރި ނިސްބަތުން އެކުދިންގެ އައިކިއު ލެވެލް ދަށްވެފައި ވެއެވެ.
މި އަސަރުތައް އަންހެން ކުދިންނަށް ވުރެ ފިރިހެން ކުދިންނަށް މާ ބޮޑަށް ކުރާ ކަން ވެސް މި ހޯދުމުން ފާހަގަ ވެފައި ވެއެވެ. ފިރިހެންކުދިންގެ އައިކިއުލެވެލް އަންހެން ކުދިންނަށް ވުރެ ދެ ޕޮއިންޓް ދަށެވެ.
ޕްލާސްޓިކްގެ އިތުރުން އަންހެނުން ޒީނަތްތެރި ކަމަށް ބޭނުންކުރާ ކޮސްމެޓިކްސް އަކީ ވެސް ވަރަށް ގިނަ ވައްތަރުތަކުގެ ކެމިކަލްތައް އެކުލެވޭ އެއްޗިއްސަށް ވާތީ މާބަނޑު ދުވަސްވަރު ވީވަރަކުން ކޮސްމެޓިކްސް ބޭނުންކުރުން ވެސް މަދުކުރަން ޖެހޭކަން މި ހޯދުމުގައި ފާހަގަކޮށްފައި ވެއެވެ.