ލައިފްސްޓައިލް

އަންހެނުންނަށް ހާއްސަ ޕްރޮޑަކްޓްތަކުން ލިބޭ ގެއްލުން!

އަންހެނުންގެ ސާފުތާހިރު ކަމަށް ޚާއްސަކޮށްފައި ހުންނަ ތަފާތު ބާވަތްތައް މިހާރު ވަރަށް ގިނައިން ބާޒާރަށް ނެރެފައި ވެއެވެ. އަދި ވަރަށް ގިނަ އަންހެނުން މި ތަކެތީގެ ބޭނުން ވެސް ކުރެ އެވެ. ނަމަވެސް އެ އެއްޗެތީގެ ބޭނުން ހަގީގަތުގައި ވެސް އޮތްތޯ އާއި އޭގެން ލިބެނީ ކިހާ ވަރެއްގެ ފައިދާއެއްތޯ ވިސްނާލީމު ހެއްޔެވެ؟ ޖަވާބު މިއޮތީ އެވެ.

އަންހެނުންނަށް ޚާއްސަކޮށް ސާފުތާހިރުވުމަށް ބޭނުން ކުރަން ތައްޔާރުކޮށްފައި ހުންނަ ތަކެތީގެ ތެރޭގައި އެކަނބަލުންގެ ނާޒުކު ގުނަވަންތައް ސާފުކުރަން ތައްޔާރުކޮށްފައި ހުންނަ ސްޕްރޭ އާއި ލޯޝަން އަދި ފުށް ފަދަ ތަކެތި ހިމެނެ އެވެ. އަދި ވެޓް ޓިޝޫ އާއި މި ނޫން ވެސް ބައެއް ތަކެތި ވެސް މިކަމަށް ޚާއްސަކޮށް އުފައްދާފައި ހުރެ އެވެ.

ނަމަވެސް މިފަދަ ތަކެތީގައި ވޮލަޓައިލް އޯގަނިކް ކަމްޕައުންޑްސް (ވީއޯސީސް) ވަރަށް މަތީ މިންވަރަކަށް އެކުލެވިފައި ވެއެވެ. އަދި މި ތަކެތި ބޭނުންކުރާ މިހުންގެ ލެޔަށް މީގެ ނޭދެވޭ އަސަރު ކުރާ ކަމަށް ޖާނަލް އޮފް ވިމެންސް ހެލްތީގައި ޝާއިއުކޮށްފައިވާ އާ ހޯދުމެއްގައި ބުނެފައި ވެއެވެ.

އަންހެނުން ބޭނުންކުރާ ޓެމްޕަންސް، ސެނިޓަރީ ނެޕްކިންސް، ސްޕްރޭ، ވައިޕްސް އަދި އެނޫންވެސް ބާވަތްތަކުގައި ވީއޯސީ އަސަރު ހުންނަ މިންވަރު ދެނެގަތުމަށް ހޯދި ހޯދުމުން އެނގުނު ގޮތުގައި މިފަދަ ތަކެތި ބޭނުންކުރާ މީހުންގެ ލޭގައި ޑައިކްލޯރޯބެންޒީން (ޑީއެސްބީ) ހުންނަ މިންވަރު އިތުރެވެ.

އެހެންކަމުން މިފަދަ ތަކެތި މާގިނައިން ބޭނުން ކުރުމަކީ އެހާ ރަނގަޅު ކަމެއް ނޫންކަމަށް އަންހެނުންގެ ޚާއްސަ ޑޮކްޓަރުން ލަފާ ދެއްވަ އެވެ. ޚާއްސަކޮށް މާބަނޑު މީހުން މިފަދަ ތަކެތި ވީވަރަކުން ބޭނުން ނުކުރުމަށް ޑޮކްޓަރުން އިރުޝާދު ދެއްވަ އެވެ.