އަބްދުﷲ ޝާހިދު

ޝާހިދު މޮރޮކޯއަށް

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރަސްމީ ދަތުރުފުޅެއްގައި މޮރޮކޯއަށް ފުރާވަޑައިގެންފި އެވެ.

މިއީ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރަކު މޮރޮކޯއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

ޝާހިދުގެ މި ދަތުރުފުޅުގައި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ބެހޭ ގޮތުން މޮރޮކޯގެ ފޮރިން މިނިސްޓަރާއި އަދި މޮރޮކޯ ސަރުކާރުގެ އިސްވެރިންނާއެކު މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މިނިސްޓަރު ޝާހިދު މޮރޮކޯއަށް ކުރައްވާ ރަސްމީ ދަތުފުޅުގެ ތެރެއިން ދިވެހިރާއްޖެއާއި މޮރޮކޯއާއިއެކު ގުޅުން ބަދަހިކުރުމަށް ބައެއް އެއްބަސްވުންތަކުގައި ސޮއިކުރުމަށްވެސް ހަމަޖެހިފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

މިނިސްޓަރު ޝާހިދު މޮރޮކޯއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި، އެމަނިކުފާނުގެ އަރިހުގައި ސްޓޭޓް މިނިސްޓަރ އަހްމަދު ޚަލީލް، ދިވެހިރާއްޖެއިން ޔުނައިޓެޑް އަރަބް އެމިރޭޓްސްއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ހުސެއިން ނިޔާޒް އާއި އެޑިޝަނަލް ސެކްރެޓަރީ އަހްމަދު ޝިއާންގެ އިތުރުން އެސިސްޓަންޓް ޑިރެކްޓަރު މުއުމިނާ އިބްރާހިމް ބައިވެރިވެ ވަޑައިގަންނަވައެވެ.

ދިވެހިރާއްޖެއާއި މޮރޮކޯއާއި ދެމެދު ސިޔާސީ ގުޅުން ގާއިމްކުރީ 4 ފެބްރުއަރީ 1988 ގައެވެ.