ކުޅިވަރު

ޔޫރަޕްގެ ހުނަރު އޮތުމަކީ ހާއްސަކަމެއް ނޫން

ފިލިޕީންސްގެ ގިނަ ކުޅުންތެރިންނަކީ ޔޫރަޕްގެ ލޭހުރި ކުޅުންތެރިން ކަމަށް ނުބުނެވޭނެ ކަމަށާއި އެ ކުޅުންތެރިން ފިލިޕީންސް ޓީމަށް ކުޅެނީ އެއީ އެ ކުޅުންތެރިންގެ އާއިލީ ގޮތުން ފިލިޕީންސަށް ނިސްބަތް ވުމުން ވުމުން ކަމަށް ފިލިޕީންސްގެ ކޯޗް ސްކޮޓް ޖޯސެފް ކޫޕާ ބުނެފި އެވެ.

ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ރާއްޖެއާ ދެކޮޅަށް ނުކުތުމުގެ ކުރިން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ކޫޕާ ބުނީ ބައެއް ފަރާތްތަކުން ފިލިޕީންސްުން ނެޗްރަލައިޒް ކޮށްފައިވާ ކަމަށް ވާހަކަ ދައްކާ ކަމަށާއި އެހެންނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށެވެ. ޔޫރަޕްގެ ބެކް ގުރައުންޑުން އައި ނަމަވެސް އެ ކުޅުންތެރިން ފިލިޕީންސަށް ކުޅެނީ އެ ކުޅުންތެރިންގެ މައިންބަފައިން ނިސްބާތްވާ ގައުމަކީ ފިލިޕީންސް ކަމަށް ވެފައި އެ ގައުމާ މެދު އޮންނަ ލޯބިން ކަމަށެވެ.

އޭނާ ބުނީ، ޔޫރަޕްގެ ފުޓްބޯޅައިގެ ބެކްގުރައުންޑުން އައުމުން ހިތަށް ލިބޭ ހިތްހަމަޖެހުމެއް ފިޔަވައި އެހެން އެޑްވާންޓޭޖެއް ނޯންނަ ކަމަށާއި އޭޝިއާގެ ލީގަކުން އައި ނަމަވެސް މެޗަށް ނުކުންނާނީ ދެ ޓީމު އެއް ދަނޑަކަށް ކަމަށެވެ.

"މި ކުޅުންތެރިން ފަހްރުވެރިވެލާފަ ބުނާނެ ތިމަންނަމެން މިއީ ފިލިޕީނޯ އޭ، އެހެންވެ އެ ކުޅުންތެރިން ފިލިޕީންސްގެ ގައުމީ ޓީމަށް އެ ކުޅެނީ،" ކޫޕާ ބުންޏެވެ. "ޔޫރަޕްގެ ފުޓްބޯޅައިގެ ބެކުގުރައުންޑުން އައިމަ ކުޅުންތެރިންނަށް ޕާސަނަލީ ލިބޭ ހިތްހަމަޖެހުމެއް އޮވެދާނެ، އެހެންވިޔަސް މާދަމާ އަހަރެމެންވެސް މި ދަނޑުގައި [ގަލޮޅު ދަނޑު] ގައި ނުކުންނާނީ ދެ ޓީމު."

އޭނާ ބުނީ ޔޫރަޕްގައި ކުޅުނަސް އޭޝިއާގައި ކުޅުނަސް އެކި ކުޅުންތެރިންނަށް ލިބޭނީ އެކި ކަހަލަ ތަޖުރިބާ ކަމަށެވެ. އޭޝިއާގެ ފުޓްބޯޅައިގެ ބެކުގުރައުންޑުން އައިސްގެ ރަނގަޅު ތަޖުރިބާއަކަށް އެކަން ވެދާނެ ކަމަށް ކުރިން ތައިލެންޑް ލީގްގައިވެސް މަސައްކަތް ކުރި ކޫޕާ ބުންޏެވެ.

ފިލިޕީންސް ޓީމުގެ ހެޑް ކޯޗްގެ ގޮތުގައި ލިސްޓްކޮށްފައި ވަނީ ސާބިއާގެ ގޯރާން މިލޮޔެވިޗެވެ. އޭނާގެ އެހީތެރިންގެ ގޮތުގައި މަސައްކަތް ކުރަނީ ހެޒިއާޑަން ރަމަޑާނީ، ގޯލްކީޕިން ކޯޗް މިލޯސް ސިމިޗް އާއި ކޫޕާ އެވެ. ރާއްޖޭގެ ޓީމާ ބެހޭގޮތުން ކޫޕާ ބުނީ، ވޭތުވެދިޔަ އެއް އަހަރު ތެރޭ ރާއްޖެއިން ރަނގަޅު ނަތީޖާތަކެއް ނެރެފައިވާ ވުމަކީ ފާހަގަ ކުރައްޖެހޭ ކަމެއް ކަމަށެވެ. އުގޮތުން ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުގައި އިންޑިއާ ބަލި ކުރުމާއި، ކޮލިފިކޭޝަންގެ ފުރަތަމަ މެޗުގައި ގުއާމް އާއި ދެކޮޅަށް ކުޅޭ މެޗު އަދި ސީރިއާގައި ކުޅުނު މެޗުގައި ރާއްޖޭގެ ޓީމުން ދެއްކި ކުޅުން ކޫޕާ ފާހަގަ ކުރި އެވެ.

އެ ޓީމުގެ ކެޕްޓަން ސްޓެފާން ޝްރޯކްގެ ވާހަކަ އަށް އިޝާރާތްކޮށް ކޫޕާ ބުނީ ރާއްޖެއިން ވޭތުވެދިޔަ މެޗުތަކުގައި ދެއްކި ކުޅުމުން އިހްތިރާމް ކުރެވޭ ކަމަށާއި އެހެންނަމަވެސް ޖެހިލުންވުމެއް ނެތް ކަމަށެވެ.

ފިލިޕީންސް އެންމެ ފަހުން ކުޅުނު މެޗުގައި، އެ ޓީމު ވަނީ ޗައިނާ އާ އެއްވަރު ކޮށްފަ އެވެ. އެއީ ފިލިޕީންސަށް ރަނގަޅު ނަތީޖާ އެކެވެ. އެހެންނަމަވެސް ކޫޕާ ބުނީ އެ މެޗުން ލިބޭނެ ފައިދާއެއް ރާއްޖޭގެ މެޗަށް ނެތް ކަމަށެވެ.

ރާއްޖޭގައި 2014 ވަނަ އަހަރު ބޭއްވި އޭއެފްސީ ޗެލެންޖު ކަޕްގެ ސެމީ ފައިނަލުގައި ފިލިޕީންސް އަތުން ރާއްޖެ ބަލިވީ 3-2 ންނެވެ. ފިލިޕީންސްގެ މައްޗަށް ލީޑް ނަގަން ރާއްޖެއަށް ލިބުނު ފުރުސަތުގައި ރާއްޖެއަށް ލިބުނު ޕެނަލްޓީ އިބްރާހިމް ފަޒީލް (އޮއްޕޮ) ފޮނުވާލުމުން ފިލިޕީންސްގެ ކީޕަރު ނީލް އެތުރިޖް ދިފާއު ކުރީ އެވެ.