ސިވިލް ސާވިސްގެ މުވައްޒަފުން އެއްވެސް ސިޔާސީ ހަރަކާތެއްގައި އަދި ސިޔާސީ ޕާޓީއެއްގައި ވެސް ބައިވެރިނުވެވޭ ގޮތަށް ސިވިލް ސާވިސް ކޮމިޝަންގެ ގާނޫނަށް އިސްލާހު ގެނައުމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ރައްޔިތުންގެ މަޖިލީހުގައި މިއަދު އެދިއްޖެ އެވެ.
އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓް ދިރާސާ ކުރާ މަޖިލީހުގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ސީއެސްސީގެ ރައީސް ޑރ. އަލީ ޝަމީމް ވިދާޅުވީ ސިވިލް ސާވިސް ގާނޫނަށް އިސްލާހުތަކެއް ގެންނަން އެ ކޮމިޝަންގެ ފަރާތުން ހުށަހަޅަން މަސައްކަތް ކުރަމުންދާ ކަމަށެވެ.
އޭގެ ތެރެއިން އެއް އިސްލާހަކީ ސިވިލް ސާވިސް މުވައްޒަފުންނަކީ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިނުވެވޭ ގޮތަށް ސިވިލް ސާވިސް ގާނޫނު ބަދަލު ކުރުން ކަމަށް ޝަމީމް ވިދާޅުވި އެވެ. އެއީ އެންމެ ފުރަތަމަ ސިވިލް ސާވިސް ގާނޫނުގައި ވެސް އޮތް ގޮތެވެ.
ސިވިލް ސާވިސް ގާނޫނު ފުރަތަމަ ފާސްކުރިއިރު، އެ ގާނޫނުގައި އޮތީ ސިވިލް ސާވިސް މުވައްޒަފުންނަށް ސިޔާސީ ހަރަކާތްތަކުގައި
އަަދި ސިޔާސީ ޕާޓީއެއްގައި ބައިވެރި ނުކުރެވޭ ކަމަށެވެ. ނަމަވެސް 2018 ވަނަ އަހަރު މިދިޔަ މަޖިލީހުގައި އެ ގާނޫނު އުވާލީ އެއީ ގާނޫނު އަސާސީން ކޮންމެ ފަރުދަކަށް ވެސް ލިބިދީފައިވާ ހައްގެއް ކަމަށް ބުނެ އެވެ.
ޑރ. ޝަމީމް ވިދާޅުވީ ސިވިލް ސާވިސް މުވައްޒަފުންނަކީ އެއިރެއްގައި އޮންނަ ސަރުކާރެއްގެ ސިޔާސަތުތައް ތަންފީޒުކޮށް ރައްޔިތުންނަށް ހިދުމަތް ދޭން ޖެހޭ ބަޔެއް ކަމަށެވެ. އެކަމަކު މިހާރު ގާނޫނު އޮންނަ ގޮތުން އެކަން ކަށަވަރު ކުރަން ވަރަށް ދަތި ކަމަށް އޭނާ ވިދާޅުވި އެވެ.
"ސިވިސް ސާވެންޓުންނަށް މިހާރު ސިޔާސީ ޕާޓީތަކުގެ މެންބަރުންނަށްވެވޭ، ސިޔާސީ ޕާޓީތަކުގެ ޖަލްސާއަށް ގޮސް ހަރަކާތްތަކުގައި ބައިވެރިވެވޭނެ، އެހެންވިޔަސް އެއިރެއްގައި އޮންނަ ސަރުކާރެއްގެ ސިޔާސަތުތައް ތަންފީޒު ކުރާ ބަޔެއްގެ ގޮތުގައި ސިވިލް ސާވެންޓުން މި ތިބެނީ، އެއީ މި ސަރަހައްދުގެ ހުރިހާ ތަނެއްގައި ވެސް އެ ކަން އޮންނަ ގޮތް،" ޝަމީމް ވިދާޅުވި އެވެ.