ހުޅުމާލޭގައި ހަދަމުންދާ އިމާރާތަކުން ވެއްޓި ބިދޭސީއަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެ އެވެ.
ފުލުހުން ބުނީ ހަދަމުންދާ އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓި އަނިޔާ ލިބުނު މީހާއަށް ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ކަމަށެވެ.
މި ހާދިސާގައި އަނިޔާވެފައިވަނީ އުމުރުން 40 އަހަރުގެ ބަގްދަލޭޝްއަށް ނިސްބަތްވާ މީހަކަށެވެ. އިމާރާތުން ވެއްޓުމުގެ ސަބަބުން އޭނާގެ ކަނާތްފަރާތުން ކޮނޑުމަތީގެ ކަށިތަކާއި، މޭމަތީގެ ގިނަ ކަށިތަކެއް ބިންދައިގެންގޮސް ބޮޑެތި އަނިޔާތަކެއް ވަނީ ލިބިފައެވެ.
ފުލުހުން ބުނީ މިހާތަނަށް ބެލިބެލުމުން މި މީހާ ވެއްޓިފައިވަނީ އިމާރާތުގެ ސޭފްޓީ ނެޓް އުސްކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ސޭފްޓީ ބެލްޓް ނާޅާ ހުރުމުގެ ސަބަބުން ކަމަށެވެ.
ހުޅުމާލޭގައި ހަދަމުން ދިޔަ އިމާރާތަކުން ވެއްޓި މިދިޔަ ސެޕްޓެންބަރު މަހު ބިދޭސީއަކު ވަނީ މަރުވެފައެވެ.