މި މަހުގެ 22 އެއީ ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ، އަދި އެންމެ ފުރަތަމަ އުފެދުނު ޕާޓީ، އެމްޑީޕީއަށް ހާއްސަ ދުވަހެކެވެ. އާ ދައުރަކަށް ޕާޓީގެ ހިންގުން ހަވާލު ކުރާނެ ބޭފުޅުން ކަނޑައަޅަން ވޯޓް ނަގަން ހަމަޖައްސާފައި ވަނީ އެ ދުވަހަށެވެ.
އިންތިޚާބުގައި އެމްޑީޕީގެ ރައީސަކު ހޮވާށާއި ނާއިބު ރައީސަކު ހޮވަން ވޯޓްލާނެ އެވެ. ޕާޓީގެ ރައީސްކަމަށް ކުރިމަތިލެއްވީ ކުރިންވެސް އެމަގާމުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. މި އިންތިޚާބުގައި އެމަނިކުފާނާ ވާދަކުރާނެ އިތުރު ކެންޑިޑޭޓަކު ނެތެވެ. އެހެންވެ ނަގަން އޮތީ ފެންނަ ނުފެންނަ ވޯޓެކެވެ.
ނަމަވެސް ނާއިބު ރައީސްގެ މަގާމުގެ ވާދަވެރިކަން ބޮޑެވެ. އެމްޑީޕީގެ މިހާރުގެ ނާއިބު ރައީސް މުހައްމަދު ޝިފާޒާއި ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އަސްލަމް ވަނީ އެ މަގާމަށް ކުރިމަތިލައްވާފަ އެވެ. ކެންޕެއިންގެ ފޯރިވެސް ވަނީ ގަދަވެފަ އެވެ. އައްޑިހަ އެތައްހާސް ބަޔަކަށް ވޯޓްލުމުގެ ހައްގު ލިބިފައިވާ މި އިންތިޚާބުގެ ނަތީޖާއަށް ކެތްތެރިކަމެއް ނެތި މެންބަރުން ދަނީ އިންތިޒާރު ކުރަމުންނެވެ. އެއާއެކު ވޯޓް އިތުރު ކުރަން ދެ ކެންޑިޑޭޓުންނާއި، ކެންޕޭން ޓީމުތަކުގެ މަސައްކަތް ވެސް ވަނީ މެކުހަށް ޖަހާފަ އެވެ.
އަވަސްއަށް ދެއްވި އިންޓަވިއުއެއްގައި އެމްޑީޕީގެ ނާއިބު ރައީސް ކަމަށް އިތުރު ދައުރަކަށް ކުރިމަތިލައްވަން ނިންމެވި ސަބަބުތަކާއި، ވާދަވެރި ކެންޑިޑޭޓްގެ ބައެއް ވާހަކަތަކާއި ގުޅޭގޮތުން މުހައްމަދު ޝިފާޒް ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ.
ޝިފާޒް ވިދާޅުވި ގޮތުގައި އެމްޑީޕީގެ ނާއިބު ރައީސް ކަމަށް އިތުރު ދައުރަކަށް ކުރިމަތިލެއްވީ އެމްޑީޕީއަށް މަސައްކަތްކޮށް ދިނުމުގެ ޝައުގުވެރިކަން ހިތުގައި އޮތްލެއް ބޮޑު ކަމުންނެވެ. އަދި ނިމިގެންދިޔަ ދައުރުގައި އެމްޑީޕީއަށް ކޮށްދެވުނު މަސައްކަތްތަކާމެދު ފުރިހަމަ އިތުބާރާ ހިތްހަމަ ޖެހުން އޮތުމުންނެވެ. އަދި ޝިފާޒްގެ ނަޒަރުގައި އެމްޑީޕީގެ މެންބަރުން އެކަން ހިތުން ރުހުމުން ގަބޫލު ވެސް ކުރާތީ އެވެ.
"ޕާޓީގެ ހަޔާތުގައި ޕާޓީއަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަށް ފޭސް ކޮށް މެންބަރުންނާއެކު އެ ގޮންޖެހުންތަކަށް އަރައިގަތުމަށް ކުރި މަސައްކަތް މެންބަރުން ބަލައިގަނޭ." ޝިފާޒް ވިދާޅުވި އެވެ.
މީގެ 14 އަހަރު ކުރިން އެމްޑީޕީ އުފެއްދީ ވަކި މަގްސަދެއްގަ އެވެ. ޝިފާޒް ވިދާޅުވި ގޮތުގައި އެޕާޓީގެ އެޖެންޑާއެއް އެބައޮތެވެ. އަމާޒެއް އެބައޮތެވެ. ނަމަވެސް އަދިއެއް އެ އަމާޒަށް ވާސިލެއް ނުވެވެ އެވެ. އަދި މިއީ ރައްޔިތުން އެޕާޓީއަށް ފުރިހަމަ ބާރުވެރިކަން ހަވާލުކޮށްފައިވާ ވަގުތަކަށްވާތީ މިއީ ޕާޓީގެ ހަގީގީ އެޖެންޑާ ހާސިލް ކުރަން ލިބޭނެ އެންމެ ރަނގަޅު ފުރުސަތު ކަމަށެވެ.
"ހަގީގަތުގައި އަޅުގަނޑުމެން ފެށި ދަތުރު އަދި ނުނިންމޭ. އެޖެންޑާ ކޮންޕްލީޓެއް ނުވޭ. ޕާޓީގެ އެޖެންޑާއެއް އެބައޮތް. އެމްޑީޕީގެ އަމާޒެއް އޮވޭ."
ޕާޓީގެ ހަޔާތުގައި ޕާޓީއަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަށް ފޭސްކޮށް މެންބަރުންނާއެކު އެ ގޮންޖެހުންތަކަށް އަރައިގަތުމަށް ކުރި މަސައްކަތް މެންބަރުން ބަލައިގަނޭމުހައްމަދު ޝިފާޒް | އެމްޑީޕީގެ ނާއިބު ރައީސް
ލީޑަޝިޕާ މެންބަރުންނާއި ދުރުކަމަށް ބުނުން
އެމްޑީޕީގެ އާންމު މެންބަރުންގެ ވަރަށް ގިނަ ޝަކުވާތައް އޮވެ އެވެ. އަދި ޕާޓީއާއި އާންމު މެންބަރުންގެ މެދުގައި ވަރަށް ބޮޑު ދުރުކަމެއް އެބައޮތް ކަމަށް ޝިފާޒްގެ ވާދަވެރި ކެންޑިޑޭޓް މުހައްމަދު އަސްލަމް ވިދާޅުވެ އެވެ.
ޝިފާޒް ވިދާޅުވި ގޮތުގައި މެންބަރުންނާއި، ލީޑަޝިޕާ ގުޅުމެއް ނެތްނަމަ ނުވަތަ ދުރުކަމެއް އޮތް ނަމަ އެމްޑީޕީ މިހާރު އޮތް ހިސާބަށް ނާދެވޭނެ އެވެ. އޭނާގެ ނަޒަރުގައި ޕާޓީއާ އާންމު މެންބަރުން ދުރު ކަމަށް ހީވާ މީހަކަށް އެގޮތަށް ސިފަވާނީ އެ މީހަކު ޕާޓީއާ ދުރުވީމަ އެވެ.
އެހެން މިސާލެއް ވެސް ޝިފާޒް ދެއްކެވި އެވެ. އޭނާ ވިދާޅުވި ގޮތުގައި 2012 ގައި ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވީފަހުން މިދިޔަ ހަތް އަހަރު އެމްޑީޕީ އޮތީ މަގުމަތީގަ އެވެ. މުޒާހަރާކުރުމާއި، އިހުތިޖާޖު ގައެވެ. ޝިފާޒް ވިދާޅުވީ އެއީ ޕާޓީގެ ލީޑާޝިޕުން އިންތިޒާމުކުރި ކަންކަމެވެ. އެކަމުގައި ސަތޭކައިން ހާހުން އެމްޑީޕީގެ މެންބަރުން ބައިވެރިވި އެވެ.
"އެއްގޮތަކަށް ވެސް އަޅުގަނޑު ނުދެކެން މެންބަރުންނާއި ލީޑާޝިޕާ ދުރުކަމެއް. މެންބަރުންނާއި ޕާޓީއާ ދުރުނަމައީ މި ޕާޓީއަކަށް މިހާ ހިސާބަކަށް ނާދެވޭނެ. ޕާޓީއާއި ދުރު ބައެއް ބޭފުޅުންނަށް ފަހަރެއްގައި ހީފުޅުވެދާނެ ޕާޓީއާ އާންމު މެންބަރުން ދުރޭ. ޕާޓީއާ އާންމު މެންބަރުން ދުރު ނޫންކަން އެނގޭނެ، އެ މެންބަރުން ތިއްބެވީ މަގުމަތީގައި. އިނގޭތޯ. އެއީ ޕާޓީގެ ލީޑާޝިޕުން ރޭވި ހަރަކާތްތަކުގައި. ދުވާލު ހަތަރުދަމު ވެސް ހުންނާނެ ކޮށްފައި. އެހެންވީމަ އެ ކަންކަމުގައި އެކަންކަމުގައި ނޫޅުއްވާ ބޭފުޅުންނަށް ޕާޓީގެ ލީޑާޝިޕާ މެންބަރުންނާ ދުރުކަމެއް ހުރިހެން ހީވެދާނެ." ޝިފާޒް ވިދާޅުވި އެވެ.
އަޅުގަނޑު ނުދެކެން މެންބަރުންނާއި ލީޑާޝިޕާ ދުރު ކަމަކަށް. ދުރު ނަމަ މި ޕާޓީއަކަށް މިހާ ހިސާބަކަށް ނާދެވޭނެ. ޕާޓީއާއި ދުރު ބައެއް ބޭފުޅުންނަށް ފަހަރެއްގައި ހީފުޅުވެދާނެ ޕާޓީއާ މެންބަރުން ދުރޭ... މެންބަރުން ތިއްބެވީ މަގުމަތީގައި. އިނގޭތޯ. އެއީ ޕާޓީގެ ލީޑާޝިޕުން ރޭވި ހަރަކާތްތަކުގައި. ދުވާލު ހަތަރުދަމުވެސް ހުންނާނެ ކޮށްފައި. ކަންކަމުގައި އެކަންކަމުގައި ނޫޅުއްވާ ބޭފުޅުންނަށް ޕާޓީގެ ލީޑާޝިޕާ މެންބަރުންނާ ދުރުކަމެއް ހުރިހެން ހީވެދާނެ،މުހައްމަދު ޝިފާޒް | އެމްޑީޕީގެ ނާއިބު ރައީސް
އެމްޑީޕީ 2017 ގެ ލޯކަލް ކައުންސިލް އިންތިޚާބާ ކުރިމަތިލީ ވަރަށް ބޮޑެތި ގޮންޖެހުންތަކާއެކު ގައެވެ. ސަރުކާރުގެ ނުފޫޒު އޮވެެގެން އެ އިންތިޚާބު އެތައް ފަހަރަކު ފަސް ކުރިއެވެ. އެމްޑީޕީ އެ އިންތިޚާބާ ކުރިމަތިލީއިރު ރައީސް ނަޝީދަށް އޮތީ 13 އަހަރުގެ ހުކުމެއް އިއްވާފައެވެ. ޕާޓީގެ އާންމު މެންބަރުން ތިބީ މަގުމަތީގައެވެ. ނަމަވެސް ހޯދީ ކާމިޔާބެވެ. ކައުންސިލްތަކުގެ ގިނަ ގޮނޑިތައް ހޯދާ މެޖޯރިޓީ ކަށަވަރުކުރި އެވެ. ޝިފާޒުގެ ނަޒަރުގައި މިއީ އެމްޑީޕީގެ ލީޑާޝިޕާ މެންބަރުން ގުޅިގެން ހޯދި ވަރުގަދަ ކާމިޔާބެކެވެ.
މީގެ އިތުރުން 2018 ގެ ރިޔާސީ ކެންޕެއިން ފެށުމަށް އެތައް ހުރަސްތަކަކާއެކު ޕްރައިމަރީއެއް ބޭއްވި އެވެ. ނަމަވެސް ރިޔާސީ ޓިކެޓް ހޯއްދެވި ރައީސް ނަޝީދަށް އިންތިޚާބުން ފުރުސަތެއް ނުލިބުނެވެ. އެވަރުން ވެސް އެމްޑީޕީ ފަހަތަށް ނުޖެހުނެވެ. ރައީސް ޔާމީނާއި ގުޅުން ގޯސްވި އަދާލަތު ޕާޓީއާއި، ޖޭޕީ އަދި ރައީސް މައުމޫންގެ ޓީމާއެކު މަސައްކަތް ފެށި އެވެ. އިއްތިހާދީ ވެރިކަމެއް އެކުލަވާލުމަށް އެމްޑީޕީ އިސްވެ މަސައްކަތް ފެށިއެވެ.
ޝިފާޒް ވިދާޅުވި ގޮތުގައި އެ ރިހާ ކަމެއް ކުރެވުނީ އެމްޑީޕީގެ ލީޑާޝިޕާ މެންބަރުން ގުޅިގެނެވެ. އެހެންކަމުން މެންބަރުންނާއި ލީޑާޝިޕާ ގުޅުމެއް ނެތޭ ދެންނެވުމަކީ އެއްވެސް އަސްލެއް އޮތް ވާހަކަތަކެއް ނޫނެވެ.
"މުޅި ރާއްޖޭގައި ވަރުގަދަ ކެންޕެއިނެއްކޮށް މިހާތަނަށް އިންތިޚާބެއް ކެންޑިޑޭޓަކަށް ނުލިބޭ އަދަދެއްގެ ވޯޓް ހޯދައިގެން ސަރުކާރެއް އެކުލަވައި މިލީ. އަނެއްކާ އަހަރު ދުވަސް ނުވަނީސް މަޖިލީސް އިންތިޚާބު ކުރިމަތިވީ. ރައީސް އޮފީހުގައި މަސައްކަތް ކުރަމުން އެ އިންތިޚާބުގައި ވެސް މުޅި ރާއްޖެއަށް ދަތުރުކޮށް އެމްޑީޕީގެ ކެންޑިޑޭޓުން ޕްރޮމޯޓް ކުރުމަށް ބުރަކޮށް މަސައްކަތްކުރި އެކަކު އަޅުގަނޑަކީ، ޕާޓީގެ ލީޑާޝިޕާއެއްކޮށް. އެހެންވީމަ މެންބަރުން ދުރޭ އެ ދަންނަވާ ވާހަކައެއް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ."
އާ ދައުރަށް އާ އުންމީދުތަކެއް
ޝިފާޒް ވިދާޅުވި ގޮތުގައި މިދިޔަ ހަތް އަހަރު އެމްޑީޕީ މަގުމަތީގައި އޮތް ނަމަވެސް ކުރިއަށް އޮތީ އުފާވެރި ދުވަސް ތަކެކެވެ. އަދި ވެރިކަމަށް އައުމުން ކުރިން ފެނުނު "އެކްޓިވިޒަމެ" އް ނުފެންނާނެ އެވެ. އޭގެ ބަދަލުގައި ރާއްޖޭގެ ސިޔާސަތުތައް ދެން ބައްޓަން ކުރާނީ އެމްޑީޕީގެ މެންބަރުންނެވެ. މަޖިލީހުގެ ސާފު އަޣުލަބިއްޔަތު އޮތީ އެމްޑީޕީއަށެވެ. އާންމު މެންބަރުންނާއި، މަޖިލީސް މެންބަރުންނާއި އޮންނަ ގުޅުން ވަރުގަދަ ކުރުއްވުމަށް މަސައްކަތް ކުރައްވާނެ އެވެ. ކަންކަން ނިންމުމުގައި އާންމު މެންބަރުންގެ ދައުރު ބޮޑު ކުރާނެ އެވެ.
"ރައްޔިތުންގެ މަޖިލީސްގެ މެންބަރުން ހޮވާފައި، ހަމައެކަނި އެ މެންބަރު އެ ތަމްސީލްކުރަނީ އެ ދާއިރާ ކަމަށް އޮތަސް ވެސް، އަމިއްލަ ވަކި ރަށުގައި ތިބޭ އެމްޑީޕީ މެންބަރުންނަށް އެ މެންބަރާ ހިސާބަށް ނުވަތަ ޕާޓީ މެދުވެރިކޮށް އެ މެންބަރާއި ހިސާބަށް ނުވަތަ ޕާލިމެންޓަރީ ގްރޫޕަށް ކަންކަން ގެނެވޭނެ ގޮތް ވާން ޖެހޭ ކަމަށް އަޅުގަނޑު ދެކެނީ." ޝިފާޒް ވިދާޅުވި އެވެ.
ދެން އޮތީ އިންތިޒާމެއްގެ ދަށުން ޕާޓީގެ ކަންކަން އިތުރަށް ހަރުދަނާ ކުރުމެވެ. ޝިފާޒް ވިދާޅުވި ގޮތުގައި އެމްޑީޕީއަށް 14 އަހަރު ފުރި، ޕާޓީ ބޮޑު ވެއްޖެ އެވެ. އެ ޕާޓީން ހަރުދަނާ ލީޑަރުން އުފައްދައިފި އެވެ. އެހެން ކަމުން މެންބަރުން ބޭނުންވާ ގޮތަށް ރަށްރަށުގައި މަސައްކަތް ކުރުމުގެ ފުރުސަތު ދެވެން ޖެހެއެވެ. ޝިފާޒް ހުންނެވީ އެ މަގު ތަނަވަސްކޮށްދެއްވުމުގެ އުންމީދުގަ އެވެ.
"މިހާރު މިއީ ދޮށީ ޕާޓީއެއްގެ މި އޮތީ. އެހެންވީމަ އަޅުގަނޑުމެންނަށް ޕާޓީގެ އެވެނި ކަމެއް މިވެނި ކަމެއް މިވެނި ގޮތަކަށޭ ކިޔާފައި ހުއްޓިފައެއް ނުބޭއްވޭނެ އެއްވެސް ރަށެއްގައި އެއްވެސް ހިސާބެއްގައި. އެބަޔަކު ބޭނުން ގޮތަށް އެ ބަޔަކު ދެކެން ބޭނުންވާ ގޮތަށް ބައްޓަންކުރަން މަސައްކަތް ކުރާނެ މިހާރު. އެހެންވީމަ އެ ފުރުސަތު ތަނަވަސްވެފައި އޮންނަން ޖެހޭނެ ކަމަށް އަޅުގަނޑު ދެކެނީ."
ރައީސް ނަޝީދާއެކު މަސައްކަތް ކުރަން ފަސޭހަ
އެމްޑީޕީގެ އަސާސީ ގަވާއިދު ބުނާގޮތުން ދުވަހުން ދުވަހަށް ޕާޓީ ހިންގުމުގައި އެންމެ އިސް ދައުރެއް އޮތީ ޕާޓީގެ ރައީސަށެވެ. ނާއިބު ރައީސަކީ ޕާޓީގެ ރައީސް ހަވާލު ކުރައްވާ މަަސައްކަތެއް ކުރައްވަން ހުންނަވާ ބޭފުޅެކެވެ. ނުވަތަ ރައީސަކު ނެތް ހާލަތެއްގައި އެ ޒިންމާ އުފުލަން ހުންނަވާ ބޭފުޅެކެވެ. ޝިފާޒް ވިދާޅުވި ގޮތުގައި ރައީސް ނަޝީދާއެކު މަސައްކަތް ކުރަން އެއްވެސް ދައްޗެއް ނެތެވެ.
"ރައީސް ނަޝީދާ އެއްކޮށް ވެސް މަސައްކަތް ކުރަން ހަމަ ވަރަށް ފަސޭހަ. އެނގިވަޑައިގަންނަވާނެ އަޅުގަނޑުގެ ވެސް ސިޔާސީ ހަޔާތުގައި ލީޑަރުންނަކީ އެ ބޭފުޅުން އިނގޭތޯ. އަޅުގަނޑު ޕާލަމެންޓްގައި މަސައްކަތް ކުރިއިރު ޕީޖީ ލީޑަރަކީ މިއަދުގެ ރައީސުލްޖުމްހޫރިއްޔާ. އޭރުގެ ރައީސް ކަމުގައި ހުންނެވީ ރައީސް ނަޝީދު. ޕާޓީގެ ނާއިބު ރައީސް ކަމުގައި ހުރި އިރުގައި ޕާޓީގެ ރައީސަކީ ރައީސް ނަޝީދު. ޕީޖީ ލީޑަރަކީ މިހާރުގެ ރައީސް. އެހެންވީމަ އެކުގައި މަސައްކަތް ކުރެވުނު. ޕާޓީގެ އިސް ލީޑަރު ރައީސުލްޖުމްހޫރިއްޔާއާއެކު ވެސް. އަޅުގަނޑަށް އުނދަގުލެއް ދިމައެއް ނުވޭ." ޝިފާޒް ވިދާޅުވި އެވެ.
ޝިފާޒް ވިދާޅުވި ގޮތުގައި ކެންޕެއިނެއްގައި ދައްކާނެ ކިތަންމެ ކިތަންމެ ވާހަކައެއް ހުންނާނެ އެވެ. އެހެން ނަމަވެސް ޕާޓީގެ އާންމު މެންބަރުންނަށް އޭނާއަކީ ކާކުކަން ނޯޅޭނެ އެވެ. އޭނާގެ އެންމެ ބޮޑު ބޭނުމަކީ އަބަދުވެސް ޕާޓީގެ އެންމެ މަތީ މަސްލަހަތު ހިފެހެއްޓުމެވެ. އިންތިޚާބުގެ ތެރެއިން އެކަން ގެއްލިގެން ނުވާނެ އެވެ.
"މި ޕާޓީގެ މެންބަރުންނަށް އެނގޭނެ އަޅުގަނޑަކީ ކާކުކަން. އެންމެންނަށްވެސް އެނގޭނެ. އެހެންވީމަ އެންމެންނަށް އެނގޭ މީހެއްގެ ހައިސިއްޔަތުން އަޅުގަނޑު ދަންނަވާލަން ބޭނުން މިއީ އެތެރޭގެ އިންތިޚާބެއް. އެތެރޭގެ އިންތިޚާބެއްވީމަ އަޅުގަނޑަށް ތާއީދު ކުރަންޏާ އަޅުގަނޑަށް ތާއީދުކުރުމުގެ މަސައްކަތް ކުރާނީ. ނެގެޓިވް، އަނެއް ކެނޑިޑޭޓަށް އެންޓި ކެންޕެއިނެއް ނޫން ކުރާނީ."