ވޯލްޑް ކަޕް ކޮލިފިކޭޝަންގައި މާދަމާ ފިލިޕީންސާ ދެކޮޅަށް މާލޭގައި ކުޅޭ މެޗާމެދު ސަޕޯޓަރުންގެ އުންމީދުތައް ބޮޑު އިރު، މެޗުގެ ޕްރެޝަރު އޭނާ ނަގާނެ ކަމަށް ގައުމީ ޓީމުގެ ކޯޗް ޕީޓާ ޝެގަޓް ބުނެފި އެވެ.
ކޮލިފިކޭޝަންގައި މާދަމާ ކުޅޭ މެޗާއި އަންގާރަ ދުވަހު ގުއާމް އާ ދެކޮޅަށް ކުޅޭ މެޗަށް އެފްއޭއެމް އާއި ސަރުކާރުން ގުޅިގެން ފޯރިގަދަ ކުރުމަށް ގިނަ ހަރަކާތްތަކެއް ދަނީ ހިންގަމުންނެވެ. މެޗަށް ދިވެހިންގެ އުންމީދުތައް ބޮޑުކޮށް ހުރީ ވޭތުވެދިޔަ މެޗުތަކުގައި ގައުމީ ޓީމު ދެއްކި ކުޅުމާއި ނެރުނު ނަތީޖާ ތަކުގެ ސަބަބުން ކަމަށް ވެސް ޝެގަޓް ބުންޏެވެ.
"އެކަން ވަރަށް ސާފް، ސާފް ސުޒުކީ ކަޕާއި ވޯލްޑް ކަޕް ކޮލިފިކޭޝަން މެޗުތަކުގައި އަހަރެމެން [ޓީމު] ދެއްކި ކުޅުމާއެކު ހުރިހާ އެންމެންގެ އުންމީދުތައް ވެސް މަތިވެއްޖެ، މިހާރު މިއޮތީ ވަރަށް ވަރުގަދަ ފޯރިއެއް އުފެދިފައި،" ޝެގަޓް ބުންޏެވެ. "މި ފޯރި މިއައީ ސަރުކާރާއި މީޑިއާ އަދި ކުޅުންތެރިން ވެސް ވޭތުވެދިޔަ މެޗުތަކުގައި ދެއްކި ކުޅުމުން، އެކަމަކުވެސް ހަމަޔަގީނުންވެސް ޕްރެޝަރު އޮންނާނީ އަހަންނަށް، ކުޅުންތެރިންނާއި އަހަންނަށް، އަހަންނަށް ޕްރެޝަރު ދިނުމަކީ ރަނގަޅު ކަމެއް، ދިވެހިންނަށްޓަކައި މެޗުން ރަނގަޅު ނަތީޖާއެއް ނެރުމަށް އަހަރެން ވަރަށް މަސައްކަތް ކުރާނަން."
މިދިޔަ އަހަރު މާޗް މަހު ރާއްޖޭގެ ކޯޗް ކަމާ ހަވާލުވި ޝެގަޓް ބުނީ އޭނާ ފުރަތަމަ ރާއްޖެއަށް އައިރު ވެސް ޕްރެޝަރު އޮތް ކަމަށެވެ. އޭރުން ފަށައިގެން ޓާގެޓެއްގެ ގޮތުގައި މަސައްކަތް ކުރީ ފުޓްބޯޅައިގެ އާ ޖީލެއް ބިނާ ކުރަން ކަމަށާއި އެ މަސައްކަތް އޭނާއަށް ކުރެވުނު ކަމަށެވެ. އެހެންވެ މިހާރު ޓާގެޓެއްގެ ގޮތުގައި އޮތީ އޭޝިއަން ކަޕަށް ކޮލިފައިވުން ކަމަށެވެ.
"އަހަންނަށް ކުރެވުނު އެންމެ ރަނގަޅަކަށް އެކަމަށް މަސައްކަތް ކުރާނަން."
ޝެގަޓް ބުނީ، ޓީމުގެ އެޓޭކުގައި ފެންވަރު ރަނގަޅު ގިނަ ކުޅުންތެރިންތަކެއް ބޭނުން ކުރަން ފުރުސަތު އޮތުމަކީ އެޑްވާންޓޭޖެއް ކަމަށެވެ. ޓީމުގެ ފޯވަޑް އަލީ އަޝްފާގް (ދަގަނޑޭ) އާ ބެހޭ ގޮތުން ސުވާލު ކުރުމުން ޝެގަޓް ބުނީ ހަމައެކަނި އަޝްފާގަށް ފޯކަސް ނުކޮށް ޓީމުގެ ތިބި އެހެން ކުޅުންތެރިންގެ މުހިންމު ވާހަކަ ދެއްކުމަކީ އޭނާ ބޭނުންވާ ގޮތް ކަމަށެވެ.
"މާދަމާ އަހަރެމެންނާ ދެކޮޅަށް މިއޮތީ ވަރަށް ވަރުގަދަ އޮގަނައިޒް ޓީމެއް، މެޗު ފަށަނީ ކޮން ކުޅުންތެރިންނެއްތޯ ބެލުން އަހަންނަކަށް މުހިންމެއް ނޫން، މެޗުގައި ގިނަ އޮޕްޝަންތަކެއް އަހަންނަށް އޮތުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް،" ޝެގަޓް ބުންޏެވެ. "އަހަރެން މި ވާހަކަ ވެސް ބުނަންޖެހޭ، އަކުރަމް [އަބްދުލް ޣަނީ] އާއި [އަހްމަދު ނޫމާން] ހެލްމެޓް އާއި [ސަމޫހް އަލީ] ސަމުއްޓޭ، އާއެކު މިހާރު އަހަރެންގެ މިއޮތީ ވަރަށް ރަނގަޅު ޑިފެންސެއް، މެޗަށް އިހްތިޔާރު ކުރާނެ ޑިފެންޑަރުންނަކީ ކޮބައިކަން ވެސް އަހަންނަށް އުނދަގޫ، އެހެން ނަމަވެސް ހަމަގައިމުވެސް އަކޫ ކުޅޭނެ، މާދަމާ މެޗުގައި ނަތީޖާ ނެރުމުގައި ވަރުގަދައަށް ޑިފެންސް ކުރުމަކީ މުހިންމު ކަމަކަށް ވެގެންދާނެ."
ޝެގަޓް ބުނީ، ޑިސައިޑިން މެޗެކަށް ވަނީ ގުރޫޕްގެ ފަހު މެޗުގައި އަންނަ އަހަރު ފިލިޕީންސް ކުޅޭ މެޗު ކަމަށެވެ. ނަމަވެސް މާދަމާ މެޗުން ރަނގަޅު ނަތީޖާއެއް ހޯދައި ފިލިޕީންސްގެ މައްޗަށް ކުރި ހޯދިއްޖެނަމަ އެއީ ގުރޫޕްގެ ވަނަތައް ޑިސައިޑުވެގެން ދިއުމުގައި މުހިންމު މެޗަކަށް ވާނެ ކަމަށެވެ.
"މެޗު އެއްވަރުވިޔަސް އެ ވާނެ ރަނގަޅު ނަތީޖާއަކަށް، އެހެން ނަމަވެސް އަހަރެންގެ ފިލޯސަފީއެއް ނޫން އެއްވަރު ކުރަން މެޗަށް ނުކުތުން، އަހަރެން ނުކުންނާނީ ކޮންމެ މެޗަކުންވެސް މޮޅުވާން."