ހަބަރު

ޕީސީބީ ބޯޑުގެ މެންބަރުންނަށް ރުހުން ދިނުމުގެ މައްސަލަ އެސްއޯއީ ކޮމިޓީއަށް

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ބޯޑަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އައްޔަން ކުރައްވާ ހަތް މެންބަރުންނަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުވާފައިވާ މައްސަލަ ދިރާސާ ކުރުމަށް މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) ކޮމިޓީއަށް ފޮނުވައިފި އެވެ.

ޕީސީބީގެ ބޯޑަށް ރައީސް ސޯލިހް އައްޔަން ކުރައްވާ ހަތް ބޭފުޅުންނަށް ރުހުން ދިނުމަށް މަޖިލީހަށް އެމަނިކުފާނު ފޮނުއްވީ އިއްޔެ އެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސްގެ ސިޓީފުޅު ތަޅުމަށް އިއްވި އެވެ. އަދި އެ މައްސަލަ ދިރާސާ ކުރުމަށް ސަރުކާރު ހިއްސާވާ ކުންފުނިތައް ޖަވާބުދާރީ ކުރުމަށް އުފައްދާފައިވާ މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް ފޮނުވަން ރިޔާސަތުން ނިންމެވި އެވެ.

ޕީސީބީގެ ބޯޑަށް ރައީސް ފޮނުއްވެވި ނަންތައް

  • ހަސަން ވަހީދު، ކުދިމާގެ، ގދ. ތިނަދޫ
  • އާސިމް މުހައްމަދު، ގ. މެޒަރިން
  • އާއިޝަތު ޝާޒުލީ، މ. ސެވޯއީ
  • ރުޝާހާ އަހްމަދު ޝަރީފް، ހ. އޮއިސިސްވިޔޫ
  • އަލީ ޝަފީއު، މ. ހުދުކަނީރުގެ
  • އަލީ ޝުޖާއު، ފަހަލަ، ޅ. ހިންނަވަރު
  • އަހްމަދު ޝަރީފް ޔޫސުފް، މ. ސަތާވަރީގެ

ޕްރައިވަޓައިޒޭޝަން ބޯޑަކީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ގާނޫނުގެ ދަށުން އުފައްދާފައިވާ ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ބޯޑެކެވެ. އެ ބޯޑު އުފައްދާފައި ވަނީ 2013 ވަނަ އަހަރު އެވެ. ބޯޑުގެ ރައީސާއި ނައިބު ރައީސް ވެސް މަޖިލީހުގެ ރުހުމާއެކު އައްޔަނު ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ އެވެ.