ރާއްޖެ ކުޅިވަރު

ޝަކުވާ ބޮޑުވެގެން ބޮޑު ސްކްރީން ނަގަނީ

Nov 14, 2019
3

ވޯލްޑް ކަޕް ކޮލިފިކޭޝަންގައި މިއަދު ހަވީރު ފިލިޕީންސާ ދެކޮޅަށް މާލޭގައި ކުޅޭ މެޗު ބަލަން ގަލޮޅު ދަނޑު ބޭރުން މަޖީދީ މަގުގައި މެޗު ބެލުމަށް ބޮޑު ސްކްރީން ބެހެއްޓުމާއެކު އާންމުންގެ ޝަކުވާ ބޮޑުވެ، އެ ސްކްރީން ނަގަން ނިންމައިފި އެވެ.

ކޮލިފިކޭޝަންގައި މިއަދު ކުޅޭ މެޗާއި އަންގާރަ ދުވަހު ގުއާމް އާ ދެކޮޅަށް ކުޅޭ މެޗަށް އެފްއޭއެމް އާއި ސަރުކާރުން ގުޅިގެން ފޯރިގަދަ ކުރުމަށް ގިނަ ހަރަކާތްތަކެއް ދަނީ ހިންގަމުންނެވެ. ނަމަވެސް، ސްކޫލް ދުވަހެއްގައި މަޖީދީ މަގުގެ ބައެއް ބަންދުކޮށްގެން ސްކްރީނެއް ބެހެއްޓުމުން ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިޔާގައި ފާޑުކިޔަމުންނެވެ.

އެކަމާ ގުޅިގެން ޓޫރިޒަމް މިނިސްޓަރު އަދި ގައުމީ ޓީމު ކޮމިޓީގެ ޗެއާމަން އަލީ ވަހީދު ވިދާޅުވީ މަޖީދީ މަގުގައި ގަލޮޅު ދަނޑު ސަރަހައްދު ބަންދުކޮށްގެން ސްކްރީން ބެހެއްޓީ ދަނޑުގެ ޖާގައިގެ ދަތިކަމުން ގިނަ ސަޕޯޓަރުންނަށް މެޗު ބެލޭނެ ގޮތް ހެދުމުގެ މަގުސަދުގައި ކަމަށެވެ.

"ނަމަވެސް، ރައްޔިތުންގެ ކަންބޮޑުވުން އޮތުމުން ސްކްރީން ނައްޓާލައި، އާންމުންނަށް ދަތިނުވާނެހެން މަގު ހުޅުވާލަން ނިންމައިފިން،" އަލީ ވަހީދު ވިދާޅުވި އެވެ.

މިއަދު ހަވީރު 4:00 ގައި ފިލިޕީންސާ ދެކޮޅަށް މާލޭގައި ކުޅޭ މެޗާމެދު ސަޕޯޓަރުންގެ އުންމީދުތައް ބޮޑު އިރު، މެޗުގެ ޕްރެޝަރު ނަގާނެ ކަމަށް ގައުމީ ޓީމުގެ ކޯޗް ޕީޓާ ޝެގަޓް ވަނީ ބުނެފަ އެވެ.

މެޗުން ރަނގަޅު ނަތީޖާއެއް ހޯދައި ފިލިޕީންސްގެ މައްޗަށް ކުރި ހޯދިއްޖެނަމަ އެއީ ގުރޫޕްގެ ވަނަތައް ޑިސައިޑުވެގެން ދިއުމުގައި މުހިންމު މެޗަކަށް ވާނެ ކަމަށެށްވެސް ޝެގަޓް ބުންޏެވެ.

"މެޗު އެއްވަރުވިޔަސް އެ ވާނެ ރަނގަޅު ނަތީޖާއަކަށް، އެހެން ނަމަވެސް އަހަރެންގެ ފިލޯސަފީއެއް ނޫން އެއްވަރު ކުރަން މެޗަށް ނުކުތުން، އަހަރެން ނުކުންނާނީ ކޮންމެ މެޗަކުންވެސް މޮޅުވާން."