ސޮފްޓް ޑްރިންކްސްގައި ހަކުރު ވަރަށް ގިނައިން އަޅާފައި ހުރެ އެވެ. ސައިންސްވެރިން ބުނާ ގޮތުގައި މިހާރުގެ ޖީލު މާ ބޮޑަށް ފަލަވެ ދަތްތައް ހަލާކުވުމުގައި ސޮފްޓް ޑްރިންކްސްގެ ދައުރު ވަރަށް ބޮޑު ކަމަށެވެ.
ސޮފްޓް ޑްރިންކްގައި އެކުލެވޭ ކާބޮނޭޓަޑް ޑްރިންކްސް އާއި އެސިޑް އެކުލެވޭ މޭވާ ޖޫހަކީ ދަތްތަކަށް އެންމެ ބޮޑެތި ގެއްލުންދޭ އެއްޗިއްސެވެ. ސަބަބަކީ އޭގައި އެކުލެވޭ އެސިޑުގެ ސަބަބުން ދަތްތަކަށް ބޮޑެތި ގެއްލުންތައް ވާތީ އެވެ.
ޖާނަލް ކްލިނިކަލް އޯރަލް އިންވެސްޓިގޭޝަންސްގައި ޝާއިއުކޮށްފައިވާ ސައިންސްވެރިންގެ މި ހޯދުން ބުނާ ގޮތުގައި ފަލަބަލި ޖެހުން ނުވަތަ މާބޮޑަށް ފަލަވުމާއި ދަތްތައް ހަލާކުވުމާ ވަރަށް ބޮޑު ގުޅުމެއް ވެއެވެ. އަދި ދަތްތައް ހަލާކުވަނީ ހަކުރު އެކުލެވޭ ފޮނި ބުއިންތައް މާގިނައިން ބުއިމުގެ ސަބަބުން ކަމަށް ވެސް ސައިންސްވެރިން ފާހަގަ ކޮށްފައި ވެއެވެ.
މީގެ ދުވަސްކޮޅެއް ކުރިން ޔޫރަޕްގެ ގައުމުތަކުގައި ހަދާފައިވާ ދިރާސާއަކުން ހާމަވެފައިވާ ގޮތުގައި ޔޫރަޕްގެ 30 ޕަސެންޓް ބޮޑެތި މީހުންނަކީ ދަތުގެ މައްސަލަތައް ދިމާވެ ދަތްތައް ހަލާކުވެފައިވާ މީހުންނެވެ. އުމުރުން ދުވަސް ނުވަނީސް ދަތްތަކަށް ގެއްލުންވަނީ ކެއުމަށް ނުވަތަ ބުއިމަށް ބޭނުންކުރާ ތަކެތީގައި އެސިޑް ގިނަވެ ދަތުގެ ބޭރު ފަށަލަ މަޑުވެ ހަލާކުވާތީ އެވެ.
މި ހޯދުން ބުނާ ގޮތުން އުމުރުން ދުވަސްވީ މީހުންގެ ދަތްތައް ހަލާކުވާ ގޮތަށް ޒުވާނުންގެ ދަތްތައް ހަލާކުވުމަކީ މިހާރު ދަތްތަކަށް ދިމާވާ މައްސަލަތަކުގެ ތެރެއިން ދަތްތަކަށް ތިން ވަނައަށް އެންމެ ގިނައިން ދިމާވާ މައްސަލަ އެވެ.
ފަލަބަލި ޖެހިފައިވާ މީހުންނަށް ގޮހޮރުގައި ވައިހެދުމުގެ މައްސަލަތައް ދިމާވާލެއް އިތުރެވެ. މިފަދަ މީހުންގެ މޭ އަންދާ ވައިގެ އުނދަގޫވާލެއް އިތުރެވެ.
"މިއީ ފަލަބަލި ޖެހިފައިވާ މީހުންނަށް ވަރަށް މުހިއްމު މެސެޖެއް. ސޮފްޓް ޑްރިންކްސް ފަދަ އެސިޑް އެކުލެވޭ ބުއިންތައް ގިނަގިނައިން ބޮއިގެން ހަށިގަނޑަށް ކެލޮރީޒް އިތުރުކުރުމުން ހަށިގަނޑަށާއި ދަތްތަކަށް ގެއްލުންވާކަން އެފަދަ މީހުން ގަބޫލު ކުރަން ޖެހޭ،" ދިރާސާގައި ބުނެފައި ވެއެވެ.