އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ 37.5 ރުފިޔާގެ ބަޖެޓް ރައްޔިތުންގެ މަޖިލީހުން ފާސް ކުރަން ވޯޓަށް އެހޭނީ އަންނަ އަހަރު ނިމޭއިރު ޖުމުލަ ދަރަނީގެ ގޮތުގައި ހުންނާނެ ކަމަށް ލަފާ ކުރެވޭ އަދަދު އެނގުމުން ކަމަށް މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރުގެ ބަޖެޓަށް ބަހުސް ކުރައްވަމުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވިދާޅުވީ ބަޖެޓް ޑެފިސިޓްގެ ގޮތުގައި 5.6 ބިލިއަން ރުފިޔާ ކަނޑައެޅިފައިވާއިރު، އަންނަ އަހަރު ނިމޭއިރު ދައުލަތުގެ ޖުމްލަ ދަރަނި އުޅޭނެ ކަމަށް ލަފާ ކުރެވޭ މިންވަރެއް ބަޖެޓްގައި ނެތް ކަމަށެވެ.
ދައުލަތުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރު ނިމޭއިރު ދައުލަތުގެ ދަރަނި 67.9 ބިލިއަން ރުފިޔާގެ ހުންނާނެ ކަމުގައި ފާހަގަ ކުރެވޭ ކަމަށް އިލްޔާސް ވިދާޅުވި އެވެ. އަދި ވިދާޅުވީ އެއީ ގައުމީ އުފެއްދުންތެރިކަމުގެ 76.4 ޕަސެންޓެވެ.
"ދައުލަތުން ދީފައިވާ ގެރެންޓީތަކާ އެކީގައި، މި އަހަރު ނިމޭއިރު ޖުމުލަ ދަރަނި ހުންނާނެ މިންވަރު ވެސް ފާހަގަ ކޮށްފައި ނެތް. އަދި ގައުމުގެ އުފެއްދުންތެރިކަމުގެ ކިތައް ޕަސެންޓް ވެސް ނެތް." އިލްޔާސް ވިދާޅުވި އެވެ.
އިލްޔާސްގެ ވާހަކައާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ މަޖިލީހަށް ބަޖެޓް ހުށަހެޅުމުގެ ކުރިން ވެސް ބަޖެޓްގައި އަންނަ އަހަރު ނިމޭއިރު ދައުލަތުގެ ދަރަނީގެ ގޮތުގައި ހުންނާނެ ކަމަށް ލަފާ ކުރެވޭ އަދަދު ހިމެނެން ވާނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ބަޖެޓް ފާސް ކުރުމުގެ ކުރިން އެ އަދަދު އެނގިގެން ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
"ބަޖެޓް ފާސް ކުރުމުގެ ކުރީގައި ކޮންމެހެން ވެސް ފާހަގަވާން ޖެހޭނެ [ދަރަނީގެ] އަދަދެއް، ބަޖެޓަށް ވޯޓެއް އެހޭނީ އަޅުގަނޑުމެންނަށް އެ އަދަދު އެނގިގެން." ރައީސް ނަޝީދު ވިދާޅުވި އެވެ.
ބަޖެޓްގެ މައުލޫމާތު ހިއްސާ ކުރައްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ރައްޔިތުންގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި ދަރަނި ނުވަތަ ޑެފިސިޓް ބަޖެޓެއް މި އަހަރު ހުށަހެޅިޔަސް ބަޖެޓްގައި މައިގަނޑު ގޮތެއްގައި ހިމަނާފައި ވާނީ އާމްދަނީ ލިބޭނެ އިގްތިސޯދީ މަޝްރޫއުތަކަށް ކަމަށެވެ.
ބަޖެޓްގައިވާ ގޮތަށް އެ މަޝްރޫއުތައް ތަންފީޒު ކުރެވިއްޖެނަމަ ކުރިއަށް އޮތް ތަނުގައި އަރަނި ބަޖެޓްތައް ހުށަހެޅިގެން ދާނެ ކަމަށް މިނިސްޓަރު އަމީރު ވިދާޅުވި އެވެ. އަދި ދައުލަތުން ދައްކަން ޖެހޭ ބޭރުގެ ލޯނުތައް ދެއްކުމަށް ރޭވުންތައް ކުރިއަށްދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަންނަ އަހަރުގެ ބަޖެޓްގެ ޑެފިސިޓް ހަމަޖައްސަން ފައިސާ ހޯދުމަށް ޖަޕާނަށް 300 މިލިއަން ޑޮލަރުގެ ސަމުރާއީ ބޮންޑެއް ވިއްކަން ނިންމާފައިވާއިރު، މީގެ ކުރީގެ ބަޖެޓްތަކުގެ ޑެފިސިޓް ހަމަޖައްސަން ބޭނުންވާ ފައިސާ ހޯދުމަށް އިތުރު ދެ ފަރާތަކަށް ވެސް ޓްރެޒަރީ ބޮންޑް ވިއްކާފައިވެ އެވެ.