ވާހަކަ

ދާނޭހެ ޔާދުން ހިތާއޭ

(12 ނޮވެމްބަރ 2019 އާ ގުޅޭ)

"ﷲއަށް ޓަކައި ލިއަމް އަހަރެންގެ ގާތުން ފުރުޞަތަކަށް ތިއެދުނީ، ލިއަމްގެ ޢަމަލުތައް ވެސް ﷲ އެންގެވި އިމުން ބޭރުނުކުރާތި، އެކަލާނގެ ސިއްރުތައް މޮޅަށް ދެނެވޮޑިގެންވޭ، ކުށްފާފައިން ފޮރުވިފައިވާ ނަފްސަށް ވެސް ތަޢުބާވުންވޭ، ކައިވެންޏެއް ރޫޅާލުމަށްވުރެ އެ ކައިވެނީގެ މަތީ ދެމި ހުރެވޭތޯ މަސައްކަތްކުރުން އޮވޭ، އެކަމަކު އޭގެ މާނައަކީ ހުރިހާ އަނިޔާއަކަށް ކެތްކުރުމެއްނޫން، އަހަރެންގެ ނަފްސުގެ ކެތްތެރިކަން ކޮޅުންލާނޭ ދުވަހެއް އަތުވެދާނެކަން ލިއަމް ދަންނާތި، ފާފަވެރިއަކާއެކު އުޅުމަށްވުރެ އެކަނި އުޅުން މާ ރަނގަޅު... އޮޅުވާލައި ދޮގުހަދާ މީހާގެ މަކަރުވެރިކަން އަބަދަށް ފޮރުވިފައެއްނޯންނާނެ... އަހަންނަށް ކަންކަން ސިއްރުކުރުމުގެ ކުރީން ލިއަމް ވިސްނާތި" ހޭޒަލް ބުންޏެވެ.

ހޭޒަލް އިންތަނުން ތެދުވެ އެއްފަރާތަކަށް ޖެހިލިއެވެ. ކުޑަކަކޫ ޖަހާލައިގެން އިން ލިއަމް ވެސް ތެދުވިއެވެ. އޭނާ ކުރިއަށް ޖެހިލައި ހޭޒަލްގެ ކޮނޑުގައި އަތްލަން އުޅުނެވެ. ނަމަވެސް ހޭޒަލްއަށް ޖެހިލެވުނީ ދުރަށެވެ. ލިއަމް ބަލާލީ އެ ހުރިހާ ވާހަކައަކަށްފަހު ވެސް ހޭޒަލް އޭނާއަށް މަޢާފުނުކުރަންހޭ އަހާލާ ފަދައިންނެވެ. އެ ބެލުމުގައިވީ އެއްޗެއް ވަގުތުން ހޭޒަލް ދެނެގަތެވެ. އޭނާ އިސްޖަހާލުމާއެކު ވަގުތު ބޭނުންވާކަމުގައި ބުންޏެވެ. ލިއަމްއަށް މަޢާފުކުރިޔަސް އޭނާގެ އަމިއްލަ ނަފްސަށް ވަގުތު ބޭނުންވަނީ ކަމުގަ ހޭޒަލް ބުނެލިއެވެ.

ވަރިއާ ހަމައަށް ދާ ފަދަ ވާހަކައެއް މީގެ ކުރީން އެ ދެމެދުގައި ނުދެކެވެއެވެ. ސަމާސާއަށް ވެސް ލިއަމްގެ ދުލާ ހަމައަށް ވަރީގެ ލަފުޒު ނުގެނެއެވެ. ކައިވެނި ރޫޅާލުމާ ހަމައަށް ވިސްނުން ގެންދަން ޖެހިދާނޭ ހޭޒަލް ވެސް ހިޔެއްނުކުރެއެވެ. އެހެންވިޔަސް ލިއަމްގެ ފުށުން އެ ފެނުނު ކަންކަމުގެ ސަބަބުން ވަކިވުމުގެ ޚިޔާލު އޭނާގެ ސިކުނޑިއަށް ވަނީ ބޭއިޚްތިޔާރުގައެވެ. ނަމަވެސް ވަކިވުމަކީ ހައްލެއްކަމުގައި ޤަބޫލުނުކުރެވެނީ ހޭޒަލްގެ ހިތުގައި ލިއަމްގެ މައްޗަށް އޮތް ލޯތްބެއްގެ ސަބަބުންނެވެ. މިނޫނީ ދިރިއުޅުމުގައި ހޭޒަލް ފަސްޖެހުނު ކަމެއް ނާދެއެވެ. ލިއަމް ބޭވަފާތެރިވެއްޖެނަމަ އެއްވެސް ވިސްނުމަކަށް ނުގޮސް އޭނާއާ ދުރަށް ދާނަމޭ ބުނަމުން އައި ހޭޒަލްއަށް އަމިއްލަ ބަހުގައެއް ނުހިފެއްޓުނެވެ. އެހެން މީހުންނަށް ވެސް އެފަދަ ކަންކަމުގައި އޭނާގެ ޚިޔާލެއް ހޯދައިފިނަމަ ދެވޭ ހައްލަކީ ދެ މީހުން ދުރުވުމުގެ ޚިޔާލެވެ. އެކަމާމެދު ވިސްނާލަން މަޖުބޫރުވީ އަމިއްލަ ދިރިއުޅުމުގައި އެފަދަ ހާލަތަކަށް ތިމާ ދިއުމުންނެވެ. ﷲ އިންސާނުން އިމްތިހާނުކުރަނީ އެކި ސިފައިގައެވެ. މެދުވެރިކުރުވަނީ އެކި ހާލަތެވެ. ކަމެއް ދިމާވުމުން އެކަމަށް ކުރިމަތިލުމަށްވުރެ އެކަމަކާ ދުރަށް ދުވުމަކީ ވަގުތީ ހައްލެކެވެ. ހޭޒަލްއަށް އޭނާގެ އަމިއްލަ ދިރިއުޅުމާ މެދު އެކި ގޮތްގޮތަށް ވިސްނިއްޖެއެވެ. އޭނާގެ ހަޔާތަށް އެންމެ ފުރަތަމަ އައި ފިރިހެނަކީ ސައިފެވެ. އޭނާގެ އުޅުން ހުރިގޮތް ހޭޒަލްއަށް އޮޅިފައެއްނެތެވެ. ދެން އައީ ލިއަމްއެވެ. އޭނާއާއެކު ކައިވެންޏަކާ ހަމައަށް ހޭޒަލް އައީ ވަރަށް ބޮޑު އިތުބާރެއް ކޮށްފައެވެ. ޔަގީނުން ވެސް މީ ހޭޒަލްއާ ކުރިމަތިކުރުވި ވަރުގަދަ އިމްތިހާނެއްކަމުގައި ހޭޒަލް ޤަބޫލުކުރަނީ އެހެންވެއެވެ. އޭނާގެ ހަޔާތަށް އައި ކޮންމެ ފިރިހެނަކީ ބޭވަފާތެރިއަކަށްވާން ޚުދު ހޭޒަލް ވެސް ނޭދެއެވެ.

ހޭޒަލްގެ ދުޅަވެފައިވާ ދެ ލޮލާއި ރަތްކަން ވެރިވެފައިވާ މޫނަށް ލިއަމް ބަލަން ހުއްޓެވެ. އޭނާއާ ކައިވެނިކުރީއްސުރެ ހޭޒަލްގެ ފުށުން އެފަދަ ހިތާމަވެރި އަސަރެއް މި ނޫނީ ލިއަމް ނުދެކެއެވެ. އެހިތާމަ ގުޅިފައިވަނީ ޚުދު ލިއަމްއާކަން އެނގޭތީ މިފަހަރު އޭނާއަށް ވެސް ވިސްނާލެވުނެވެ. ދިރިއުޅުން އައިސްފައިވާ މަރުހަލާއާމެދު ލިއަމް ފިކުރު ހިންގާލިއެވެ. އޭނާ ހޭޒަލްއާ ކައިވެނި ކުރީ ނުހަނު ލޯބިންނެވެ. އަދިވެސް އޭނާ ހޭޒަލްދެކެ ލޯބިވެއެވެ. ނަމަވެސް ނުބައި އާދަތަކެއް އަށަގަތީއެވެ. އެއްފަހަރު ވެސް އޭނާ އެފަދަ ޢަމަލުތަކެއް ހިންގާފައިވަނީ ހޭޒަލްދެކެ ލޯބިނުވާތީއެއްނޫނެވެ. ހޭޒަލްއާ ވަކިވުމުގެ ޚިޔާލު އެ ސިކުނޑިއަށް ނާރަނީ އެހެންވެއެވެ. ލޯބިން ދިރިއުޅޭން ބޭނުންވާ ބައިވެރިއަކީ ހޭޒަލްއެވެ. ޚުދު ލިއަމްއަށް ވެސް ހޭޒަލްއަކީ ރަނގަޅު ބައިވެރިއެއްކަން ޤަބޫލުކުރެވެއެވެ. ލިއަމް ޝަކުވާކުރާނޭ ފުރުޞަތެއް ހޭޒަލް ނުދޭކަން އެނގެއެވެ. އެހެންނަމަވެސް ލިއަމްއާ ވަކިވުމުގެ ޚިޔާލު ހޭޒަލްގެ ދުލުން ހާމަކުރުމުން އޭނާގެ ހިތަށް މީގެކުރީން ނުލިބޭ ވޭނެއް ލިބިއްޖެއެވެ. ނަފްސު ހާސްކަމެއްގެ ތެރެއަށް ގެނބި ބިރުވެރި އިޙްސާސެއް ކުރެވުނެވެ. ހުވަފެނުން ވެސް ހޭޒަލްއާ ވަކިން ދިރިއުޅޭކަށް ލިއަމް ބޭނުމެއްނޫނެވެ.

"ޒެއްލު!... އައި އޭމް ރިއަލީ ސޮރީ... ޕްލީޒް ފޮގިވް މީ، އަހަރެން ޒެއްލު ނުރުހޭ އެއްވެސް ކަމެއް ނުކުރާނަން، ސޮރީ އެހާ އަވަހަށް ރުޅި އާދެވޭތީ، އަހަރެން ގަސްދުގައެއްނޫން ރުޅި އަންނަނީ... އެއްޗެކޭ ބުނެލާއިރަށް ރުޅިއާދެވޭކަމެއް ރިއަލައިޒްއެއްނުވޭ، އެކަމަކު ދެން އެހެނެއްނުވާނެ، އަހަރެން ހުރިހާ ކަމެއް ވެސް ރަނގަޅު ކުރާނަން، ގޯޑް ޕްރޮމިސް" ލިއަމް މަޑުމަޑުން ބުނެލިއެވެ. ހޭޒަލްގެ ތެމިފައިވާ ކޯތާފަތް ދެ އަތުން ލިއަމް ފުހެލިއެވެ.

"ޕްލީޒް ޑޯންޓް ކްރައި..." ހޭޒަލްގެ ނިތުގައި ލިއަމްގެ ނިތް ޖައްސާލައި ވައި އަޑުން ބުނެލިއެވެ.

* * * * *

"ކަމޯން ލެޓްސް ގޯ" ސާރާ ގޮވާލިއެވެ. ދާރިއަން ހިނގައިގަންނަން ބޭނުންނުވެފައި ކޮޓަރީގެ ކުރިމަތީ ހުރި "ބީޗް" ގޮނޑީގައި އިނެވެ. އުނަގަނޑުގެ ދެފަރާތުން ދެއަތް ވިއްދާލައި ސާރާ ތުންކޮޅު އޫކޮށްލިއެވެ. ދާރިއަންގެ ޝައުގުވެރިކަމެއް ނުލިބިގެންނެވެ. ނަމަވެސް ސާރާ ބަލާކަށް ނުހުއްޓެވެ. ހަރުކޮށް ހިނގާލާފައި އައިސް ދާރިއަންގެ ވައަތު މުލައްދަނޑީގައި ދެއަތުން ހިފާލައި އޭނާ ކޮޅަށް ނަގަން މަސައްކަތް ފެށިއެވެ.

"ދެންމެ އެއްނު ރޫމަށް މިއާދެވުނީ، އަހަރެން ނުދިޔަޔަސް ސާރާ ދޭބަލަ... މައިހަމް އުޅުނު ސާރާއާ މީޓު ނުވެގެން" ދާރިއަން އިންތަނުން ގުޑި ނުލައި ބުންޏެވެ.

"ދެން ނޫން... މަށެއް ނޫޅެން އޭނާއާ ވާހަކަދައްކާކަށް، ރިއާން ނުދަންޏާ އަހަރެން ވެސް އެހެންވީރު މިތާ އިންނާނީ" ރުންކުރު ގޮތް ސާރާ ދައްކާލިއެވެ. ބީޗު ގޮނޑީގެ ދެފަރާތަށް ފައި ތިރިކޮށްލައިގެން އިން ދާރިއަންގެ މޭގައި އަޅާ ފަހަތަށް ކޮށްޕާލުމާއެކު ސާރާ އެ ގޮނޑީގައި އިށީނދެއްޖެއެވެ. ދާރިއަންއަށް ލިބުނީ ހައިރާން ކަމެވެ. އެހާ ގާތުގައި ސާރާ އިށީނދެ ދާނޭ އޭނާ ހިޔެއްނުކުރެއެވެ. ސާރާގެ އެފަދަ ޢަމަލަކަށް ދާރިއަން އިނީ ތައްޔާރުވެގެންނެއް ނޫނެވެ. ސާރާ ކޮށްޕާލެވެން އުޅުނެއްކަމަކު ދާރިއަންގެ އެ ހަރަކާތް ހުއްޓުމަކަށް ގެނައެވެ.

"އަހަންނާއެކުވީމަ އެއްކަމެއް ވެސް ކުރާކަށް ރިއާން ބޭނުމެއްނުވާނެ... ހަމަ އެހާ ފޫހިވޭތަ އަހަރެންދެކެ" ދެއަތް އުރާލައިގެން ހަށިގަނޑު ނިކަން ބޮޑަށް ސީދާކޮށްލައިގެން ސާރާ އިނީ ހިތްހަމަނުޖެހިފައިކަން ދައްކަން ވެގެންނެވެ.

"ސާރާ އަދިވެސް ބޮޑެއްނުވޭދޯ... ކުޑަކުދީން އުޅޭހެން ތިއުޅެނީ، އެހާ ގޮތްދޫނުކުރޭ، ޝަކުވާކުރުން ނޫންކަމެއް ނުކުރޭ" ދާރިއަން ފަހަތަށް ޖެހިލީ ސާރާއާ ދުރު ވެލުމަށެވެ.

"ރިއާނަށް އަހަރެން ފެންނަނީ ކުޑަކުއްޖެއްގެ ސިފައިގަތަ؟... އަހަންނަށް ރަނގަޅަށް ބަލާލަބަލަ، ފިރިހެނެއްގެ ނަޒަރުން ނިކަން ބަލާލަބަލަ" ސާރާ ބުނެލިއެވެ. އޭނާ ދެބުމަ ކައިރިކޮށްލައި އިހުނަށްވުރެ ތުން އޫކޮށްލިއެވެ. ސާރާއާ ނަޒަރު ސީދާވުމާއެކު ދާރިއަން މޫނު އަނބުރާލިއެވެ. އަދި އޭނާގެ ބާރުހުރި ދެއަތުން ސާރާ ދުރަށް ޖައްސާލީ ސަމާސާކަން އެކުލެވިގެންވީ ހުނުމަކާއެކުއެވެ.

"ސިލީ ގާލް... ޔޫ އެކްޓް ލައިކް އަ ޓީނޭޖާ" ދާރިއަން ތެދުވަމުން ބުނެލިއެވެ. އެހިނދު ގޮނޑި މައްޗަށް ސާރާ ތެދުވި ގޮތް ވެސް ދާރިއަންއަކަށް ނޭނގުނެވެ. އޭނާއަށް އެނގުނީ ލައިގެން ހުރި ޓީޝާޓުގެ މޭމަތިން ސާރާ ހިފައި ގާތަށް ދަމައިގަތް ކަމެވެ. ހަށިގަނޑުގެ ހަމަގެއްލިގެން ކަހަލަ ގޮތަކަށް ސާރާއާ ދިމާއަށް ދާރިއަން އަރިއަޅާލީއެވެ. ގޮނޑިމައްޗަށް ވެއްޓެމުންދިޔަ ހިނދު ދާރިއަންއަށް ވައަތް ދިއްކޮށްލެވުނީ އޭނާގެ ހަށިގަނޑު މަތަކުރުމަށެވެ. އޭރު ސާރާގެ ދެއަތްވަނީ ދާރިއަންގެ ކަނދުރާގައި ވަށާލެވިފައެވެ. އެ މަޑު ތުންފަތުގެ ބީހުން ދާރިއަންއަށް އިޙްސާސް ކުރެވުނެވެ. ނަމަވެސް ސާރާގެ އެ ޢަމަލުން ދާރިއަން މަނާވެގަތެވެ. ގޮނޑިމައްޗަށް ސާރާއާއެކު ވެއްޓުނެއްކަމަކު ދާރިއަން އޭނާ ފޮޅުވާލާފައި ކޮޅަށް ތެދުވީ ނިކަން އަވަހަށެވެ.

"ވަޓް ދި ހެލް..." އަނގަމަތީ ކަނާއަތުގެ ނުފުށުން ފުހެލަމުން ދާރިއަން ބުނެލިއެވެ. އެ މޫނުން ނުރުހިފައި ހުރިކަމުގެ އަސަރު ފާޅުވޭވޭ ހުއްޓެވެ.

"އަހަރެން ވެސް މީ އަންހެނެއްކަމަށް ރިއާން ޤަބޫލުކުރާނީ ކޮންދުވަހަކުންތަ؟... ވީ އާ ނޮޓް ޗައިލްޑްހުޑް ފްރެންޑްސް އެނީމޯ، އައި ލައިކް ޔޫ... އައި ރިއަލީ ލައިކް ޔޫ ރިއާން" ކެތްމަދުވެފައިވާ މީހަކު ފަދައިން ސާރާ ބުނެލިއެވެ. ވަގުތުކޮޅަކަށް ސާރާއާ ހަތަރުކަޅި ހަމަކޮށްލައިގެން ދާރިއަން ހުއްޓެވެ. ދެން ފެނުނީ އަނގައިން ބުނުމެއްނެތި އޭނާ ލައިގެން ހުރި ފަޓުލޫނުގެ އަރިމަތީ ޖީބަށް ދެއަތް ކޮށްޕާލުމާއެކު ހަރުކޮށް ހިނގައިގަތް ތަނެވެ.

"ރިއާން..." ސާރާ ގޮވާލިއެވެ. ނަމަވެސް އެ އަޑު އިވޭކަމަކަށް ދާރިއަން ނުހެދިއެވެ.

އިރުއޮއްސޭ މަންޒަރު ބަލަން ދާން ސާރާ އެދުމުން އެކަމާ ދާރިއަން ދެކޮޅު ހެދީ ވެސް ސާރާއާއެކު އެ މަންޒަރު ބަލަން ދިއުމުގެ ޝައުގު ނެތީމައެވެ. މަޑު ހިނގުމުގައި އަތިރި މައްޗާ ދިމާއަށް ދާރިއަން ނުކުތެވެ. އެހިސާބުގައި ހަދާފައި ހުރި އުނދޯލި ގެއެއް ފެނި އެތަނަށް ދާރިއަން އައެވެ. އަތިރިމަތީގައި ހަރަކާތްތެރިވާ ޓުއަރިސްޓުން ވެސް ފެންނަނީ ތަންކޮޅެއް ދުރުންނެވެ. އެހިސާބަށް ވެރިވެފައި އޮތް ހަމަހިމޭންކަން ދާރިއަންއަށް ކަމުދިޔައެވެ. އޭނާ އުނދޯލީގައި އިށީނުމާއެކު އަނެއްކާ ވެސް އަތްތިލައިގެ ނުފުށް އަނގަމަތީ ހާކާލައިފިއެވެ. އަދި ސާރާއާ މެދު ދާރިއަންއަށް ވިސްނުނެވެ. އޭނާ ބޭނުންވަނީ ދިމާލަށް ނުބުނެ އޭނާގެ އެދުން ސާރާއަށް އެނގޭށެވެ. އެކަމަކު އެހެންނުވާނޭކަން މިހާރު ދާރިއަންއަށް އެނގިއްޖެއެވެ. ސާރާ ނިޔަތް ދާރިއަންއަށް އޮތީ އެނގިފައެވެ. އޭނާއަށް ދާރިއަން ޚާއްޞަކަމެވެ. އެހެންނަމަވެސް މިހާތަނަށް ދާރިއަން ބެލީ އެކަމަށް ސަމާލުކަން ނުދީވޭތޯއެވެ.

"ސާރާ!..." މަޑުމަޑުން ދާރިއަންއަށް އެ ނަން ކިޔާލެވުނެވެ. ފައިގެ ދެފަރާތުން އުނދޯލީގައި ހިފަހައްޓާލެވުމާއެކު ދާރިއަން ކުރިއަށް ގުދުވެލިއެވެ. އޭނާގެ ސިކުނޑީގައި ސާރާގެ ސޫރަ ކުރެހިފައި ވެއެވެ. އެ އަންހެންކުއްޖާ އެއްވެސް އުނިކަމެއްނެތްކަން ދާރިއަންއަށް އެނގެއެވެ.

"ކާކަށްތަ ދާރިއަން ތި މަޑުކުރަނީ؟... ހޭޒަލްއަށްތަ؟... އޭނާ ލިއަމް ދޫކޮށްލާފައި ދާރިއަންގެ ގާތަށް އަތުވެދާނެތަ؟، ނޯ ވޭ... ނޯ ޗާންސް، އޭނާ އެ ހުންނަނީ ލިއަމްއާ ހެދި ދީވާނާވެފައި، އޭނާއަށް ދާރިއަންގެ ހިތް އޮތްގޮތް އެނގިއްޖެނަމަ މިހާރު އޮތް އެކުވެރިކަން ވެސް ގެއްލޭނެ، ނޫނީ އެދެމެދަށް ވަންނަން ގަސްދުކުރަނީތަ؟... ލޯބިން އުޅުނު ދެމަފިރިންގެ ދޭތެރެއަށް ދާރިއަން ވަންނަނީތަ؟، ހޭޒަލްއަށްވުރެ ސާރާ މާ ޒުވާން، އެހާ ރީތި... ދާރިއަންދެކެ ސާރާ ލޯބިވޭ، މަންމައާއި ބައްޕައަށް ވެސް ސާރާ ކަމުދޭ، ދެމަފިރިއެއްގެ ދޭތެރެއަށް ވަނުމަށްވުރެ ތިމާދެކެ ލޯބިވާ ހުސްހަށިބަޔަށް ހުރި ކުއްޖެއް ހަޔާތަށް ގެނައުން މާ ރަނގަޅު، އެކަމަކު... އޭރުން... ލޯބި... ހެ ހެ ހެ... ލޯތްބެއް ވެވިދާނެ ދެމެދުގައި ގާތްކަމެއް އުފެދެނިކޮށް... ބަޓް ދެޓްސް ރޯންގް..." ދާރިއަންގެ ޟަމީރާއި ސިކުނޑި އެއްބައިވެ ހިތާ ދިމާކޮށްލާފައި ވެއެވެ. އޭގެ ކޮޅު ބަލިވަމުން އައި ދާރިއަންގެ ހިތުގައި ކުރެހިފައިވަނީ ހޭޒަލްގެ ސޫރައެވެ. ނަމަވެސް އޭނާގެ ސިކުނޑިއާއި ޟަމީރު އަޑުލަނީ ހުރިހާ ގޮތަކުން ވެސް އޭނާއަށް އެންމެ ރަނގަޅު ބައިވެރިއަކީ ސާރާކަމުގައެވެ. ފިނިނޭވާއެއް ދޫކޮށްލުމާއެކު ދެއަތުން ނިތްކުރިން ފެށިގެން ބޮލުގައި ދާރިއަން އަތްފުނާ އަޅާލިއެވެ. އެ ދަތުރުގައި ދާރިއަން އެކަނި ވެސް ކަންކަން ނިންމާލެވުނީހެވެ. އެހެންވިޔަސް އޭނާއާއެކު ސާރާ ފޮނުވަން ޒުކަން ނިންމީ ކީއްވެކަން ވެސް ދާރިއަންއަށް އެނގެއެވެ. އޭނާގެ މައިންބަފައިންގެ ހިތް ސާރާވަނީ މާކުރީން ހޯދާފައެވެ. ޚުދު އޭނާއަށް ވެސް ސާރާއާ ދިމާއަށް އޭނާ ހިތުގައި ޖެހޭ ފަދަ އެއްޗެއް ބުނަން ފަސްޖެހެވެނީ ކީއްވެކަމެއް ނޭނގެއެވެ.

އެނބުރި ކޮޓަރިއާ ދިމާއަށް ދާރިއަން އައިއިރު ބީޗު ގޮނޑީގައި ސާރާ އިނެވެ. އޭނާގެ ގާތަށް ދާރިއަން އަންނަންވީއިރަށް ސާރާ ފުންމައިގެން ތެދުވެއްޖެއެވެ. އޭނާގެ ދެ ލޯ ހެކި ދިނީ ރޮއިފައި ހުރިކަމެވެ. ދާރިއަން މާޔޫސްކަން ލިބިގެންދިޔައީ އެއްވެސް އިޚްތިޔާރެއްނެތިއެވެ.

"ސޮރީ..." ދެ މީހުންނަށް ވެސް ބުނެވުނީ އެކުއެކީއެވެ. ދެންވެރިވީ ހިމޭން ވަގުތު ކޮޅެކެވެ. ދެ މީހުން ވެސް އެކަކުއަނެކަކާ ނަޒަރު ސީދާވީ ގޮތަށް ތިބީއެވެ. މިފަހަރު ވެސް ކުރީން ނަޒަރު ވަކިކޮށްލީ ދާރިއަންއެވެ.

"ލައިކިން ޔޫ އިޒް ނޯ ރީޒަން ޓު ކިސްޑް ޔޫ... ސޮރީ... ޔޫ ފީލް ޑިސްގަސްޓެޑް" ސާރާ ބުނެލިއެވެ.

"ނޯ އައި ޑޯންޓް" ދާރިއަން ނިކަން އަވަހަށް ބުނެލިއެވެ.

"އޯކޭ... އައި ވިލް ލީވް ޔޫ އެލޯން" އިރުކޮޅަކު މަޑުކޮށްލުމަށްފަހު ސާރާ ބުނެލިއެވެ.

"އިޓްސް ނޮޓް ޔޯ ފޯލްޓް" އިސްޖަހާލައިގެން ހުރެ ދާރިއަން ބުނެލިއެވެ.

"ރިއާންގެ ލައިފްގަ މީހަކު ހުރީތަ؟" ސާރާގެ އެ ހުރިހާ އިރު އަމިއްލަ ނަފްސާ ކުރި ސުވާލު ދުލުން ބޭރުކޮށްލިއެވެ.

"ސާރާ..." ހިތުގައި އޮތް އެއްޗެއް ސާރާއާ ޚިއްޞާކުރާކަށް ދާރިއަން ބޭނުމެއްނޫނެވެ.

"އަހަންނަށް އެއްވެސް ޗާންސެއްނެއްތަ؟" ސާރާ އަހާލިއެވެ. އޭނާގެ ކެރުމާމެދު ދާރިއަން އަޖައިބުވިއެވެ.

"މާލެ ގޮސްފައި މިކަމާ ވާހަކަދައްކަމާ، ޕްލީޒް..." ދާރިއަން ބުނެލިއެވެ. އެ މޫނަށް ބަލަން ހުރެފައި ސާރާ ބޯޖަހާލިއެވެ. އަދި ދާރިއަންގެ ކޮޓަރިއާ ޖެހިގެން ހުރި ކޮޓަރިއަށް ސާރާ ގޮސް ވަދެއްޖެއެވެ. ފުންނޭވާއަކާއެކު ނިތްކުރީގައި ދާރިއަންއަށް އަތްތިލަ ހިންގާލެވުނެވެ.

* * * * *

ދެ ދުވަސް ފަހެވެ. ރިސޯޓުން ދާރިއަން އެނބުރި އައީ ހަވީރުއެވެ. އޭނާ ގެއަށް އައިގޮތަށް ވަނީ ކޮޓަރިއަށެވެ. ވަރަށް ގަދައަށް ބޮލުގައި ރިއްސާފައި ހުރުމުން ފުރަތަމަ ވެސް ބެލީ ބޭސްގުޅައެއް ލިބޭތޯއެވެ.

ފެންވަރައިގެން ނުކުމެ އެނދުގައި އިށީނދެލައިގެން ދާރިއަން އިނީ އަތުގައި އޮތް ފޯނަށް ބަލާށެވެ. ހޭޒަލްގެ ނަންބަރު އޮތެއްކަމަކު އޭނާއަށް ގުޅަން ނުކެރިފައި ދާރިއަން އިނެވެ. ހޭޒަލްގެ އަޑު އަހާލަން އޭނާ އިނީ ނުހަނު ބޭނުންވެފައެވެ. އޭނާގެ ހިތަށް ކޮށްދެވޭނޭކަމެއް ހޭޒަލްއަށް ނެތްކަމުގައި ވިޔަސް އޭނާ ދުށުމަށް ދާރިއަން އިނީ ކެތްމަދުވެފައެވެ. ބަހަނާއެއް ދައްކައިގެން ވިޔަސް ހޭޒަލްއާ ބައްދަލުކުރަން އޭނާ ބޭނުންވިއެވެ. އެހެންނަމަވެސް ޢާންމުކޮށް ހޭޒަލްއާ ބައްދަލުކުރާ ވަގުތު ފަހަނައަޅާ ހިނގައްޖެއެވެ. ދާރިއަން ރޭގަނޑު ހޭޒަލްއާ ބައްދަލެއްނުކުރެއެވެ. ސާރާގެ ޚިޔާލުތަކުން އުނދަގޫވެފައި ހުރި ދާރިއަންގެ ހަމަޖެހުން ކަމުގައި އޭނާ ދުށީ ހޭޒަލްއާ ބައްދަލުކުރުމެވެ. އާދައިގެ މަތިން ފޭސްބުކްގެ މެސެންޖާއިން ހޭޒަލްއަށް ދާރިއަން ގޮވާލިއެވެ. ހޭޒަލް ފެންނަނީ އޯފްލައިން ކޮށެވެ. އޭނާގެ ވައިބާ ވެސް އެކްޓިވްކަމަކަށް ނުދައްކައެވެ. އެންމެފަހުން އޭނާ ބޭނުންކޮށްފައި ހުރި ކަމަށް ފެންނަން ހުރީ ހަތަރުވަރަކަށް ދުވަސް ކުރީންނެވެ.

"ޕްލީޒް ރިޕްލައި" ފޯނަށް ބަލަން އިނދެ ދާރިއަންއަށް ބުނެލެވުނެވެ. ކޮޓަރީ ދޮރުގައި ޓަކި ދިން އަޑުއިވުނީ ދާރިއަން އެ ގޮތުގައި ފޯނު ހިފައިގެން އެނދުގައި އިންދައެވެ.

"ބައްޕަ ކަމަކުތަ؟" ދޮރު ހުޅުވާލައި އެތެރެއަށް ވަން ޒުކަން ފެނި ދާރިއަން އަހާލިއެވެ. މިވަގުތު ހޭޒަލްނޫން އެއްވެސް މީހަކާ ބައްދަލުކުރާހިތެއް ދާރިއަން ނެތެވެ.

"ހައު ވޯޒް އިޓް..." ޒުކަން އަހާލީ ނިކަން ހިނިއައިސްފައެވެ.

"އޯކޭ... މާދަން އޮފީހަށް ނުކުމެފަ ބައްޕައަށް ކިޔައިދޭންކަމަށް ހުރީ" ދާރިއަން ބުނެލިއެވެ. ޒުކަން އައިސް ދަރިފުޅުގެ ގާތުގައި އެނދުގައި އިށީނެވެ.

"ސާރާ ގެއަށްލާފަތަ ތިއައީ" ޒުކަން އަހާލިއެވެ.

"އޭނާ ޓެކްސީއެއް ނަގައިގެން ދިޔައީ، ދެމީހުން ދެތަނަށްދާތީ އޭނާ ޚިޔާލުދިނީ" ދާރިއަން ބުނެލިއެވެ. ޒުކަން ބަލާލީ ފަރުވާތެރިކަމާއެކުއެވެ.

"ސޯ... ނަތިންގް ހެޕެން" ނޫންގޮތަކަށް ޒުކަން އަހާލިއެވެ.

"ބައްޕާ" ދާރިއަންއަށް ގޮވާލެވުނީ ޒުކަންގެ އެ އިޝާރާތްކުރަނީ ކޮންކަމަކަށްކަން އެނގިގެންނެވެ. އެހިނދު ލާނެތް ހިނިގަނޑެއް ޒުކަން ޖަހާލިއެވެ. ދާރިއަންގެ ބުރަކަށީގައި މަޑުމަޑުން ޖަހާލައި ގާތްކޮށްލިއެވެ.

"ވަޓް!.... ޝީ އިޒް ޕާފެކްޓް ފޯ ޔޫ" ޒުކަން ބުނެލިއެވެ. ނަމަވެސް ޒުކަންގެ އެ ޖުމްލައިން ދާރިއަންގެ ހިތަށް މާޔޫސްކަން ލިބުނެވެ. އޭނާ އިސްޖަހާލުމާއެކު ފޯނަށް ބަލާލިއެވެ. ހޭޒަލްގެ ފަރާތުން އެއްވެސް ޖަވާބެއް ނައެވެ.

"އަހަރެން ސާރާއާ ގުޅިއްޖެއްޔާ ބައްޕަ އުފާވާނެތަ؟ ހީވޭތަ އަހަންނަށް ހަމަޖެހޭ ދިރިއުޅުމެއް އުޅެވިދާނެހެން ސާރާއާއެކު؟" ދާރިއަން ވިސްނަން އިނދެފައި އަހާލިއެވެ.

(ނުނިމޭ)