ދުނިޔެ

ސޫކީގެ މައްޗަށް ހަނގުރާމަވެރި ކުށް ހިންގި ކަމުގެ ދައުވާ

Nov 14, 2019

ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ހަނގުރާމަވެރި ކުށުގެ އަމަލެއް ހިންގި ކަމުގެ ދައުވާ މިޔަންމާގެ ސްޓޭޓް ކައުންސިލާ އަންސަން ސޫކީގެ މައްޗަށް އާޖެންޓީނާއިން ކޮށްފި އެވެ.

މިޔަންމާގެ ފަގީރު ހިސާބެއް ކަމަށްވާ ރޮހިންޔާގަައި އުޅެމުން ދިޔަ މުސްލިމުންނާ ދެކޮޅަށް ސޫކީގެ އެއްބާރުލުމާއެކު އެގައުމުގެ އަސްކަރިއްޔާއިން ދިން އަނިޔާތަކުގެ ސަބަބުން ގިނަ ބަޔަކު ވަނީ މަރުވެފަ އެވެ. އަދި 600،00 ވުރެ ގިނަ މީހުން ވަނީ އަނިޔާއިން ސަލާމަތްވުމަށް ބަންގްލަދޭޝްއަށް ރެފިއުޖީންގެ ގޮތުގައި ހިޖުރަކޮށްފަ އެވެ.

ރޯހިންޔާ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް މިޔަންމާގެ ހަރުކަށި ބުޑިސްޓް އާއްމުންނާއި އެގައުމުގެ ސިފައިން ދަނީ 2012 ވަނަ އަަހަރުން ފެށިގެން ބޮޑެތި ޖަރީމާތައް ހިންގަމުންނެވެ. އެގޮތުންް މީހުން މެރުމާއި އިތްފަތްފޭރުމާއި ގެދޮރު އެންދުން ފަދަ ޖަރީމާތައް ހިންގާ ކަމަށް އދ. އިން ކުރިން ވަނީ ބުނެފަ އެވެ.

މުސްލިމުންނާ ދެކޮޅަށް އަސްކަރިއްޔާއިން ހިންގި މި އަމަލުތައް ގިނަ ގައުމުތަކުން ސިފަކޮށްފައިވަނީ ނަސްލެއް ނައްތާލުމުގެ އަމަލެއްގެ ގޮތުގަ އެވެ. މުސްލިމުންނަށް ދެކޮޅަށް ދެމުން ގެންދިޔަ ހަމަލާތައް ނުހުއްޓުވާތީ ސޫކީއަށް ވަރަށް ބޮޑަށް ފާޑު ކިޔުން އަމާޒުވެގެން ދިޔަ އެވެ. ހާއްސަކޮށް ސޫކީ އަކީ ނޮބެލް ސުލްހައިގެ އިނާމު ހާސިލް ކޮށްފައިވާ ފަރާތަކަށްވުމުން އެ އިނާމު އަނބުރާ ގެންދިޔުމަށް ވެސް ގިނަ ބަޔަކު ދިޔައީ ގޮވާލަމުންނެވެ.

މިއީ ނޮބެލް އިނާމު ހާސިލް ކުރެއްވި ފަރާތަކާއި މެދު ހަނގުރާމަވެރި ކުށެއް ހިންގި ކަމުގެ ދައުވާ ކޮށްދިނުމަށް އެދުނު ފުރަތަމަ ފަހަރެވެ. އާޖެންޓީނާގެ އިތުރުން ދެކުނު އެމެރިކާ ބައްރުގެ ގިނަ ގައުމުތަކުން ވަނީ ސޫކީގެ މައްޗަށް ހަނގުރާމަވެރި ކުށެއް ހިންގި ކަމުގެ ދައުވާ އުފުލައިދިނުމަށް އެދިފަ އެވެ. މީގެ ތެރޭގައި އެ ގައުމުތަކުގެ އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ޖަމިއްޔާތަށް ވެސް ހިމެނެ އެވެ.

"މިޔަންމާގައި ހިންގި ގަތުލުއާންމުގެ އެންމެ އިސް އެކަކު ސޫކީއަކީ، އޭނާއަކީ އެކަމުގެ ބައިވެރިއެއް، ގަތުލު އާންމު ފޮރުވަން ވެސް ސޫކީ މަސައްކަތްކުރި، އާޖެންޓީނާގެ ކޯޓެއްގައި ސޫކީގެ މައްޗަށް ދައުވާ ކުރަން ނިންމީ، ޔޫރަޕްގެ ގައުމުތަކުން ސޫކީއަކީ ޑިމްކޮރަސީގެ ބަތަލާއެއް ކަމަށް ބަލާތީ، މައްސަލަ ބަލަން ފަސޭހަ ނުވާނެތީ" ސޫކީއާ ދެކޮޅަށް މައްސަލަ ހުށަހެޅި ބައިނަލްއަގްވާމީ ވަކީލެއް ކަމަށްވާ ތޯމަސް އޮޖީއާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ސޫކީގެ އިތުރުން މިޔަންމާގެ ސިފައިންގެ ވެރިންނަށާއި އެގައުމުގެ ސަރުކާރުގެ އެހެނިހެން އިސް މީހުންގެ މައްޗަށް ވެސް ދައުވާ ކޮށްދިނުމަށް އެދިފައިވާ ކަމަށެވެ. އާޖެންޓީނާގެ ކޯޓުން ވަނީ މިމައްސަލަ މިހާރު ބަލައިގަނެފަ އެވެ. ނަމަވެސް މައްސަލައިގެ އަޑުއެހުން ކުރިއަށްދާނެ ތާރީހެއް އަދި އާންމު ނުކުރެ އެވެ.