ކްރިމިނަލް ކޯޓު ހިންގެވުމާއި ހަވާލުވެ ހުންނެވި ގާޒީ އަލީ ރަޝީދާއި ގުޅޭގޮތުން ހުށައަޅާފައިވާ މައްސަލަ ބައްލަވާ ފިޔަވަޅު އަޅަން އިދިކޮޅު ކޯލިޝަނުން ގޮވާލައިިފި އެވެ.
ޕްރޮގްރެސިވް ކޯލިޝަނުން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ރައީސް ޔާމީންގެ މައްސަލަ ބަލާ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު އަލީ ރަޝީދުގެ ސުލޫކީ މައްސަލައެއް އަމިއްލަ ފަރާތަކުން ޖޭއެސްސީއަށް ހުށައަޅާފައިވާ ކަމަށެވެ.
އެ މައްސަލަ ހުށައަޅާފައިވަނީ މިމަހުގެ 10 ވަނަ ދުވަހު އެވެ.
އިދިކޮޅު ކޯލިޝަނުން ވަނީ ޖޭއެސްސީން އެ މައްސަލަ ނުބަލާ ލަސް ކުރަމުންދާ ކަމަށް ތުހުމަތު ކޮށްފަ އެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ފަނޑިޔާރު އަލީ ރަޝީދު ރައީސް ޔާމީންގެ ޝަރީއަތާއި ގުޅޭގޮތުން މީޑިއާގެ ވަކި ޓީވީއަކަށް އިންޓަވިއު ދެއްވާފައިވާ ކަމަށާ އެއީ ޖޭއެސްސިން ބަލައި ފިޔަވަޅު އަޅަންޖެހޭ މައްސަލައެއް ކަމަށެވެ.
"... އެހެން ނަމަވެސް ވަކި ތައައްސުބެއްގެ ތެރެއިން މި މައްސަލަ ބެލުން ލަސްކޮށް، ރައީސް ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވުމަށްޓަކައި ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކުން އެއްކިބާވެތިބެ ކަންކަން ކުރަމުންދާތީ އެކަން މި ކޯލިޝަނުން ކުށްވެރި ކުރަމެވެ. މި ކޯލިޝަނުން ދެކޭ ގޮތުގައި މިފަދަ ކަމެއް ހިނގާ ދިއުމުން އެ ފަނޑިޔާރަކު އަމިއްލަފުޅަށް ވެސް އެ މައްސަލައަކުން ތަނާޒުލްވާން ޖެހެ އެވެ." ޕްރޮގްރެސިވް ކޯލިޝަންގެ ބަޔާނުގައި ވެއެވެ.
އެ ކޯލިޝަނުން ވަނީ ގާޒީ އަލީ ރަޝީދާއި ގުޅޭގޮތުން ހުށައެޅި މައްސަލަ އަވަހަށް ބަލާ ފިޔަވަޅު އަޅަން ގޮވާލާފަ އެވެ. އަދި ރައީސް ޔާމީންގެ ޝަރީއަތަށް ޖޭއެސްސީން ނުފޫޒު ފޯރުވަން މަސައްކަތްކުރާ ކަމަށް ތުހުުމަތުކޮށް އެކަން ކުށްވެރި ކޮށްފަ އެވެ.
ސަރުކާރުގެ އެއްވެސް ނުފޫޒެއް ނެތް ކަމަށް ބުނެ ގާޒީ އަލީ ރަޝީދު ވަނީ ރާއްޖެ ޓީވީއަށް އިންޓަވިއުއެއް ދެއްވާފަ އެވެ. އެ އިންޓަވިއުގައި ކްރިމިނަލް ކޯޓްގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމްގެ ވާހަކަތައް ވެސް ވަނީ ދޮގު ކުރައްވާފަ އެވެ. ފަނޑިޔާރުން އެގޮތަށް މީޑިއާތަކަށް އިންޓަވިއު ދިނުމަކީ އުސޫލާ ޚިލާފު ކަމެއް ކަމަށް ބައެއް ގާނޫނީ ވަކީލުން ވަނީ ވިދާޅުވެފަ އެވެ.