ހަބަރު

ތަޅުމުން ނެރުނީ ހައްގެއް ބޭނުން ކުރުމުން: ރޮޒެއިނާ

Nov 14, 2019
5

ނަން އިއްވުމަށް ފަހު މަޖިލީހުގެ ތަޅުމުން ނެރުނީ ގަވައިދުގައި ލިބޭ ނިޒާމީ މައްސަލައެއް ނެގުމުގެ ހައްގު ބޭނުން ކުރުމުން ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެ އެވެ.

މަޖިލީހުގައި މިއަދު ބަޖެޓު ބަހުސް ކުރިޔަށް ދިޔަ ވަގުތު ރޮޒައިނާ ނިޒާމީ މައްސަލައެއް ނެންގެވި އެވެ. އަދި ރޮޒައިނާގެ ފިރިކަލުން ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒު ވެސް ނިޒާމީ ނުކުތާއަށް ތަކުރާރުކޮށް އެދުނެވެ. ނަމަވެސް ރައީސް ނަޝީދު އެ ފުރުސަތެއް ނުދެއްވަ އެވެ.

އެކަމާ ގުޅިގެން ރޮޒެއިނާ ވަނީ އެހެން މެންބަރުން ވާހަކަ ދެއްކެވި އިރު އަޑުގަދަކޮށް ނުރުހުން ފާޅުކޮށްފަ އެވެ. އެ މައްސަލާގައި ރައީސް ނަޝީދު ވަނީ ރޮޒެއިނާއަށް ދެ ފަހަރަށް ނަސޭހަތް ދިނުމަށް ފަހު ނަން އިއްވައި ތަޅުމުން ނެރެފަ އެވެ.

އޭގެ އިރުކޮޅެއް ފަހުން ރޮޒެއިނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާ ހުށަހަޅުއްވައި ވޯޓު ދޭން އެންމެ ބޭނުންވި ބިލަށް ވޯޓު ނުދެވުނު ކަމަށާއި އެއީ ނިޒާމީ މައްސަލައެއް ނަގައިގެން ތަޅުމުން ބޭރުކޮށްލުމުން ކަމަށެވެ. ރޮޒެއިނާ ވިދާޅުވީ އޭނާ ބޭނުން ކުރެއްވީ މަޖިލީހުގެ ގަވައިދުން ލިބޭ ހައްގެއް ކަމަށާއި އެ ހައްގު ހޯދަން މަސައްކަތް ކުރުމުން ކަމަށެވެ. އަދި ވިދާޅުވީ "މިއީ ވެސް އިންސާފުގެ ވައްތަރެއް" ކަމަށެވެ.

ރޮޒެއިނާ ކުރެއްވި ޓްވީޓު

ރޮޒެއިނާ ވިދާޅުވީ މަޖިލިސް ރައީސްގެ މަގާމްގައި ކޮންމެ ބޭފުޅަކު އިންނެވިޔަސް ގަވަައިދާ އެއްގޮތަށް ގެންދަން ޖެހޭ ކަމަށެވެ. އެގޮތުން ނިޒާމީ މައްސަލައެއް ނަގައިފި ނަމަ ދޭން ޖެހޭނެ ކަން މަޖިލިސް ގަވައިދުގެ 61 ވަނަ މާއްދާގެ (ނ) އިން ވަރަށް ސާފު ކަމަށް ރޮޒެއިނާ ވިދާޅުވި އެވެ. އަދި ނިޒާމީ މައްސަލައެއް ނުދޭނަމަ ސަބަބު ބަޔާން ކުރަން ޖެހޭ ކަން އެ މާއްދާގެ (ރ) އިން ބަޔާން ކުރާ ކަމަށް ގަވައިދުގެ ފޮޓޮއަކާއެކު ރޮޒެއިނާ ކުރެއްވި ޓްވީޓުގައި ވިދާޅުވި އެވެ.

މިއީ މި މަޖިލީހުގައި އެމްޑީޕީގެ މެންބަރެއްގެ ނަން އިއްވި ފުރަތަމަ ފަހަރެވެ. މީގެ ކުރިން އިދިކޮޅު ގިނަ މެންބަރުންތަކެއް ނަން އިއްވައި ތަޅުމުން ރައީސް ނަޝީދު ނެރުއްވާފައިވެ އެވެ.