ވާދަވެރި އިދިކޮޅު ސިޔާސީ ޕާޓީތަކުގެ އަޑު ކެނޑިގެންދާ ގޮތަށް އެއްވެސް މެންބަރަކަށް ފުރުސަތު ނުދެވޭ ކަމަށާއި އެ ގޮތަށް ރައްޔިތުންގެ މަޖިލީސް ނުހިންގަވާނެ ކަމަށް އެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ދައުލަތުގެ ބަޖެޓްގައިވާ ކަންކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވާހަކަ ދައްކަވަމުން ގެންދަވަނިކޮށް، މަޖިލީހުގައި ތިއްބަވާ އެމްޑީޕީގެ މެންބަރުން ގެންދެވީ ނިޒާމީ ނުކުތާތައް ނަންގަވަމުންނެވެ.
ޝިޔާމްގެ ވާހަކައަށް ހުރަސް އެޅޭ ގޮތަށް އެމްޑީޕީގެ މެންބަރުން ނިޒާމީ ނުކުތާތައް ނަގަމުން ދިޔައިރު ރައީސް ނަޝީދު ގެންދެވީ އެންމެ ފުރަތަމަ މެންބަރުންނަށް ފުރުސަތު ދެއްވަމުންނެވެ. އެ ގޮތުން މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރައީއަށް ލިބިވަޑައިގެންނެވި ފުރުސަތުގައި އޭނާ ވިދާޅުވީ "ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ދައްކަވާ ވާހަކަތަކަށް ރައްދު ދޭން އަޅުގަނޑުމެން ބޭނުންވާ" ކަމަށެވެ.
މެންބަރު ރައީގެ ނިޒާމީ ނުކުތާއާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ ނިޒާމީ ނުކުތާއަކީ ނިޒާމު ގެއްލުމުން ނަންގަވާ މައްސަލައެއް ކަމަށާއި އެއީ އެއްވެސް ހާލެއްގައި މެންބަރަކު ބަހުސް ކުރައްވާއިރު ދައްކަވާ ވާހަކައަށް ރައްދު ދެއްވުމުގެ ގޮތުން ނަންގަވާ މައްސަލައެއް ނޫން ކަމަށެވެ. އަދި އެ ގޮތަށް އަމަލު ނުކުރަން އެމަނިކުފާނު އިލްތިމާސް ކުރެއްވި އެވެ.
އޭގެ ފަހުން ވެސް އެމްޑީޕީގެ ގިނަ މެންބަރުން ނިޒާމީ ނުކުތާ ނެންގެވި އެވެ. އެކަމަކު ދެން ނިޒާމީ ނުކުތާ ނެންގެވި އެއްވެސް މެންބަރަކަށް ރައީސް ނަޝީދު ފުރުސަތެއް ނުދެއްވަ އެވެ.
އެ ކަމާ ގުޅިގެން އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވަނީ އެހެން މެންބަރުން ވާހަކަ ދެއްކެވި އިރު އަޑުގަދަކޮށް ނުރުހުން ފާޅުކޮށްފަ އެވެ. ރޮޒައިނާ ނުރުހުން ފާޅު ކުރައްވަމުން ގެންދެވީ ނިޒާމީ ނުކުތާ ނަންގަން އޭނާއަށް ފުރުސަތު ނުދެއްވުމުންނެވެ. އޭނާގެ ފިރިކަލުން، ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒަށް ވެސް ފުރުސަތެއް ނުދެއްވަ އެވެ.
ރޮޒައިނާ އަޑުގަދަ ކުރެއްވި މައްސަލާގައި ރައީސް ނަޝީދު ވަނީ ރޮޒެއިނާއަށް ދެ ފަހަރަށް ނަސޭހަތް ދިނުމަށް ފަހު ނަން އިއްވައި ތަޅުމުން ނެރެފަ އެވެ. އެ މައްސަލަގާއި ރޮޒައިނާ ވިދާޅުވީ އޭނާ ފާހަގަ ކުރައްވަން އުޅުއްވީ ނިޒާމުގައި ހިމެނޭ މައްސަލައެއް ކަމަށާއި އެއީ ވޯޓަށް އަހަން ޖެހޭ ގަޑި ފަހަނައަޅާ ދިޔުމުން ކަމަށެވެ.
މެންބަރުން ބަހުސްކޮށް ނިމުމުން ވޯޓަށް އެހުމުގެ ކުރިން ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ނިޒާމީ ނުކުތާ ނެންގެވޭނެ ގޮތާއި އެ ކަމުގެ އުސޫލުތަކުގެ އިތުރުން މަޖިލީހުގެ ރައީސަށް ލިބިދީފައިވާ އިހުތިޔާރުތައް ވެސް މަޖިލީހުގެ ގަވާއިދުގައި ސާފުކޮށް ބަޔާން ކޮށްފައިވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ނިޒާމީ ގެއްލޭ ވަރު ކަމެއް މިއަދުގެ ޖަލްސާގައި ނުހިނގަ އެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ މަޖިލީހުގައި މިހާރު ބަހުސް ކުރަމުން ގެންދާ ބަޖެޓްގެ ބަހުސަކީ ރައްޔިތުންގެ މަސްލަހަތު އެންމެ ބޮޑަށް ހިމެނޭ އެއް ކަންތައް ކަމަށެވެ. ސަރުކާރުގެ ފަރާތުން އެ ބަޖެޓް ހުށަހެޅޭއިރު، ސަރުކާރާ ވާދަވެރި ސިޔާސީ ޕާޓީތަކުން އެ ބަޖެޓަށް ޖަވާބު ދޭން ފުރުސަތު ދެވެން ވާނެ ކަމަށް އެމަނިިކުފާނު ވިދާޅުވި އެވެ.
"ސަރުކާރު ހިންގާ ޕާޓީގެ ބަޖެޓެއް އެކުލަވާލައި މި މަޖިލީހަށް ހުށަހެޅުނީމާ އެއަށް ވާދަވެރި ޕާޓީތަކުން ޖަވާބު ދޭން ޖެހޭނެ. އެއީ މި ދިވެހިރާއްޖޭގެ ސިޔާސީ ނިޒާމަކީ، އިރާދަކުރެއްވިއްޔާ މި މަޖިލީސް ވެސް އަދި އަޅުގަނޑު ޝާމިލްވާ ހުރިހާ ކަމެއް ވެސް ހިންގާނީ އެ ގޮތުގެ މަތިން،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ރާއްޖޭގެ ގާނޫނު ހަދާ މަޖިލިސް ހިންގަން ވާނީ ދުނިޔޭގެ އެންމެ ތަރައްގީ ވެފައިވާ ގައުމުތަކުގައި މަޖިލީސް ހިންގާ ރިވެތި އުސޫލުން ކަމަށާއި އެ ގޮތުގެ މަތީގައި މަޖިލީހުގެ މެންބަރުން އަމަލު ކުރެއްވުމަށް ރައީސް ނަޝީދު އިލްތިމާސް ކުރެއްވި އެވެ. އަދި ރިޔާސަތުން ހުރިހާ ސިޔާސީ ޕާޓީއަކަށް ވެސް އިހުތިރާމު ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އެމްޑީޕީގެ ލީޑަރު ވިޔަސް ޖުމްހޫރީ ޕާޓީގެ ލީޑަރު ވިޔަސް އެމްޑީއޭގެ ލީޑަރު ވިޔަސް ޕީއެންސީގެ ލީޑަރު ވިޔަސް އަޅުގަނޑު މި ރިޔާސަތުން ހަމަ ގައިމު ވެސް ސިޔާސީ ޕާޓީތަކަށް އިހުތިރާމު ކުރާނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.
އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ މެންބަރެއްގެ ނަން އިއްވައި ތަޅުމުން ނެރުނު މިއީ ފުރަތަމަ ފަހަރެވެ. މީގެ ކުރިން ރައީސް ނަޝީދު ވަނީ އިދިކޮޅު ބައެއް މެންބަރުންނާއި އަމިއްލަ ބައެއް މެންބަރުންގެ ނަން އިއްވައި ތަޅުން ދޫކުރައްވައި ވަޑއިގަންނަވަން އަންގަވައިފަ އެވެ.