ރައްޔިތުންގެ މަޖިލިސް

މަޖިލީސް މެންބަރުން ބެރު ދުންމާރީގައި ދަނޑަށް!

ފީފާ ވޯލްޑް ކަޕް 2022 ގެ ކޮލިފިކޭޝަންގައި ރާއްޖެއާއި ފިލިޕީންސް މިހާރު ކުޅެމުންދާ މެޗު ބައްލަވާލައްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއެކު އެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގަލޮޅު ދަނޑަށް ވަޑައިގެންފި އެވެ.

ރައީސް ނަޝީދާއި މަޖިލީސް މެންބަރުން ގަލޮޅު ދަނޑަށް ވަޑައިގެންފައިވަނީ ވަރަށް ތަފާތު ކޮށެވެ. ރަތް ކުލައިގެ ގައުމީ ޖާޒީގައި މެންބަރުން މަޖިލީސްކުރާ ގެއިން ނިކުންނެވީ ބެރު ދުންމާރީ ގައެވެ.

ބެރު ޖައްސަވަން ހުންނެވީ ރައީސް ނަޝީދެވެ. މެންބަރުން ގެންދެވީ ދުންމާރި ފުންމަމުންނެވެ.

މީގެ ކުރިން މަޖިލީހުގެ ބައެއް ޖަލްސާތައް ހޫނުވުމުން މެންބަރުން ގެންގުޅުއްވާ ދުންމާރި މިއަދު ގެންގުޅުއްވަމުން ގެންދަވަނީ ދިވެހި ގައުމީ ޓީމަށް ސަޕޯޓް ދިނުމަށެވެ.

މަޖިލީސްކުރާ ގެއިން ފެށިގެން ގަލޮޅު ދަނޑާ ހަމައަށް ރައީސް ނަޝީދުގެ ކޮމާންޑަށް މެންބަރުން ގަލޮޅު ދަނޑަށް ވަޑައިގެންނެވީ ހިންގަވާފައި ބެރު ޖައްސަވާ އަދި ދުންމާރި ފުންމަވަމުންނެވެެ. ރައީސް ނަޝީދާއެކު މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އެކި ފިކުރުގެ މެންބަރުންވެސް ވަޑައިގެންނެވި އެވެ.

މިހާރު ކުރިއަށްދާ މެޗް ބައްލަވާލެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްވެސް ވަނީ ދަނޑަށް ވަޑައިގެންފައެވެ. އަދި ވަޒީރުންނާއި ކުންފުނިތަކުގެ އިސްވެރިންވެސް ވަނީ ދަނޑަށް ވަޑައިގެންފައެވެ.

ވިއްކި 3000 ޓިކެޓް ގަންނަން ލިބުނު ދިވެހި ސަޕޯޓަރުންވެސް ތިބީ ރަތްކުލައިގެ ގައުމީ ޖާޒީގައި ދިވެހި ޓީމަށް ތަރުހީބުދޭން ވަދެއެވެ.

އެހެން ނަމަވެސް ގައުމީ ޓީމަށް ތަރުހީބު ދިނުމުގައި އެންމެ ބޮޑު ތަފާތެއް މި ދެއްކެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، އެ މަޖިލީހުގެ މެންބަރުންނެވެ.