ކުޅިވަރު

ރާއްޖެ ބަލިކޮށް ފިލިޕީންސް އިތުބާރު ދަމަހައްޓައިފި

ރާއްޖޭގެ ދަނޑުގައި 2-1 ން ދިވެހި ޓީމުގެ މައްޗަށް ކާމިޔާބު ހޯދައި ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ފިލިޕީންސުން އިތުބާރު ދަމަހައްޓައިފި އެވެ.

ފިލިޕީންސް ރާއްޖެއާ ދެކޮޅަށް ކުޅެން އައި މިދިޔަ މަހު އަމިއްލަ ދަނޑުގައި ވަރުގަދަ ޗައިނާ އާ އެއްވަރުކޮށް ޕޮއިންޓެއް ހޯދައިގެންނެވެ.

މިއަދުގެ މެޗުގެ ފުރަތަމަ ހާފުގައި ރާާއްޖެ ސަލާމަތް ކޮށްދިނީ ކީޕަރު މުހައްމަދު ފައިސަލް އެވެ. ފިލިޕީންސަށް ލިބުނު ޕެނަލްޓީ އެ ޓީމުގެ ޕެޓްރިކް ރައިކޭލްޓް ގޯލްގެ ކަނަށް އަމާޒުކޮށް ފޮނުވާލި ބޯޅަ ކީޕަރު ފައިސަލް ވަނީ ހުށިޔާރު ކަމާއެކު ދިފާއުކޮށް ކޯނަރަކަށް ބޭރު ކޮށްލާފަ އެވެ. އެ ޕެނަލްޓީ އަކީ، ރާއްޖޭގެ ޕެނަލްޓީ އޭރިއާ ތެރެއިން އަހްމަދު ނޫމާން (ހެލްމެޓް) އަތުގައި ބޯޅައިން ޖެހުމުން ލިބުނު ޕެނަލްޓީ އެކެވެ. ފިލިޕީންސުންގެ ކޯނަރު ބޮލުން ދިފާއު ކުރަން އުޅުމުގެ ތެރޭގައި ޖެހުނީ އޭނާގެ އަތުގަ އެވެ.

މެޗުގައި ރާއްޖެއަށް ލަނޑު ޖަހާނެ މާ ތަނަވަސް ފުރުސަތެއް ނުލިބުނު ނަމަވެސް އިބްރާހިމް ވަހީދު ހަސަން (ހަބޭސް އިއްބެ) ވަނީ ހަމްޒާ މުހައްމަދު (ހަމްޕް) އަށް ރަނގަޅު ބޯޅައެއް ތަނަވަސް ކޮށްދީފަ އެވެ. ހަމްޕް ފޮނުވާލި ބޯޅަ ފިލިޕީންސްގެ ކުޅުންތެރިޔެއްގެ ގައިގައި ޖެހިފައި އެބޯޅަ ދިޔައީ ކޯނަރަކަށް ބޭރަށެވެ.

ދެ ވަނަ ހާފުގައި ފިލިޕީންސުން ލަނޑު ޖެހުމުގެ ކުރިން، ލަނޑު ޖަހާނެ އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ހަބޭސް އިއްބެ އެވެ. އަސަދުﷲ އަބްދުﷲ ދިން ބޯޅަ ހިފައިގެން ސްޕީޑް ބޭނުންކޮށްގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ އިއްބެ މަސައްކަތް ކުރީ ކީޕަރުވެސް ނައްޓާލާފައި ގޯލްގެ ތެރެއަށް ވައްދާލުމަށެވެ. އެހެންނަވެސް ކީޕަރު ޑައިވްކޮށް އެ ބޯޅަ އަށް ހުރަސް އަޅާފަ އެވެ. ފަހުން ފިލިޕީންސް ކުޅުންތެރިން އެބޯޅަ ފުނުވާލީ ބޭރަށެވެ.

ފިލިޕީންސްގެ ފުރަތަމަ ލަނޑު އިއާން ރަމްސީ ކާމިޔާބު ކުރީ ރާއްޖޭގެ ޑިފެންޑަރުންނަށް ރަނގަޅަށް ސަމާލު ނުވެވި ތިއްބަ އެވެ. އޭރިއާގެ އަރިމަތިން ރަމްސީ ވަންނަން މަސައްކަތް ކުރިއިރު ދިވެހި ޑިފެންޑަރުންނަށް ތިބެވުނީ ޕޮޒިޝަނުން ބޭރުގަ އެވެ. ދެ ވަނަ ހާފުގައި ބައެއް ބޯޅަތަކަށް ކުރިއަށް އަރި ކެޕްޓަން އަކުރަމްއަށްވެސް ހުރެވުނީ ކުރިއަށް ޖެހިގެންނެވެ. އަކުރަމް ފަހަތަށް ފައިބައި ރަމްސީއަށް ހުރަސް އަޅަން އުޅުނު ނަމަވެސް އޭނާ ވަނީ އޭރިއާގެ އަރިމަތިން އަރައި ވަނީ ގޯލްގެ މަތީ ދާގަނޑަށް ބޯޅަ ވައްދާލަފަ އެވެ.

ރާއްޖޭގެ އެންމެ އިތުބާރު ދެ ފޯވަޑުން ކަމަށްވާ، އަލީ އަޝްފާގް (ދަގަނޑޭ) އާއި ނާއިޒު ހަސަން (ދާދު) ކުޅެން ނުކުމެ ހަމަލާތައް ވަރުގަދަ ކުރިނަމަވެސް ރާއްޖެއަށް އެންމެ އެކަށީގެންވާ ހަމަލާއެއް ނުއުފެއްދުނިސް ފިލިޕީންސް ވަނީ ދެ ވަނަ ލަނޑު ޖަހާފަ އެވެ. އެ ބޯޅަ ގޯލަށް ވައްދާލީ ޖޯން ޕެޓްރިކް އެވެ، ފިލިޕީންސްގެ ކުޅުންތެރިން އެންމެ ފުރަތަމަ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ ހުރަސް ދަނޑި އަށެވެ. ފަހުން ކީޕަރު ފައިސަލް ދިފާއު ކުރަން އުޅުނު ބޯޅަ އަލުން ޖޯން ޕެޓްރިކް ގޯލްގެ ތެރެއަށް ވައްދާލި އެވެ.

ފަހުން އަހްމަދު ރިޒްވާން (ރިޒޭ) ކުޅެން ނުކުމެ ހަމަލާތައް އިތުރަށް ވަރުގަދަ ވެގެންދިޔަ އެވެ. ހަބޭސް އިއްބެ ތަނަވަސް ކޮށްދިން ބޯޅަ ރިޒޭ ފޮނުވާލުމުން ފިލިޕީންސްގެ ކީޕަރު އެބޯޅަ ދީފާއު ކޯށް ކޯނަރަކަށް ބޭރު ކޯށްލީ އެވެ. އޭގެ ފަހުން އަޝްފާގް އަށް ލިބުނު ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ. އޭގެފަހުން މެޗްގެ ނުވަދިހަ ވަނަ މިނެޓްގެ ތެރޭގައި ދަގަނޑޭ ދިން ޕާހަކުން ދާދު ވަނީ ބޯޅަ ގޯލްގެ ތެރެއަށް ވައްދާލާފަ އެވެ.