ލައިފްސްޓައިލް

ހެނދުނު ސައި ނުބޯ ކަސްރަތު ކުރުމުން ސަރުބީ ވިރުން އިތުރު!

ހެނދުނު ކަސްރަތު ކުރާ މީހުން ސައި ނުބޮއި ކަސްރަތު ކުރުމުން ސަރުބީ ވިރޭލެއް އިތުރުވާނެ ކަމަށް ފަހުގެ ހޯދުމަކަށް ފަހު ސައިންސްވެރިން ބުނެފި އެވެ.

ޔުނިވަސިޓީ އޮފް ބާތު އާއި ބާމިންހަމްގެ ސައިންސްވެރިންގެ ޓިމަކުން ވަނީ ހަ ހަފުތާ ވަންދެން ފަލަ މީހުންނާއި ފަލަބަލި ޖެހިފައިވާ މީހުންގެ ގްރޫޕެއް މޮނިޓާކޮށްފަ އެވެ. މި ގްރޫޕް ދެ ބަޔަށް ބަހާލައި އެއް ގްރޫޕަށް ކަސްރަތު ކުރުމުގެ ކުރިން ހެނދުނުގެ ނާސްތާ ދިނެވެ. އަނެއް ގްރޫޕުގެ މީހުން ކަސްރަތު ކުރީ އެއްވެސް އެއްޗެއް ނުކައެވެ.

ނަތީޖާ ދެއްކި ގޮތުގައި ކެއުމުގެ ކުރިން ކަސްރަތު ކުރި މީހުން ގައިން މާ ގިނަ ސަރުބީ އަނދާފައި ވެއެވެ. ކައިގެން ކަސްރަތު ކުރި މީހުންގެ ގައިން ސަރުބީ ވިރިފައި ވަނީ އަނެއް ގްރޫޕްގެ މީހުންނަށް ވުރެ މާ މަދުންނެވެ. އަދި ސައި ނުބޮއި ކަސްރަތު ކުރި ގްރޫޕްގެ މީހުންގެ ހަށިގަނޑުގައި އިންސިއުލިން ލެވެލް ހުރި މިންވަރު ވެސް އަނެއް ގްރޫޕްގެ މީހުންނަށް ވުރެ ދަށްކަން ވަނީ ފާހަގަ ކުރެވިފަ އެވެ.

މި ހޯދުމުގައި އިސްކޮށް މަސައްކަތް ކުރެއްވި ސައިންސްވެރިންގެ ޓީމުން ބުނަނީ މިގޮތަށް ހެނދުނު ސައި ނުބޮއި ކަސްރަތުކުރުމުން ކޮންމެ މީހަކަށް ވެސް ފައިދާ ކުރާކަން މި ހޯދުމުންވަރަށް ރަނގަޅަށް ދެނެގަނެވުނު ކަމަށެވެ. މީގެ އިތުރުން ވެސް މި ހޯދުމުން އެނގުނު އެންމެ މުހިއްމު އެއްޗެއްގެ ގޮތުގައި މި ޓީމުން ފާހަގަ ކޮށްފައިވަނީ ކެއުމުގެ ކުރިން ކަސްރަތު ކުރުމުގެ ފައިދާ އެވެ. އަދި ނުކައި ކަސްރަތު ކުރުމުން ހަށިގަނޑުން އެ ހަރަކާތްތަކަށް އިޖާބަ ދޭ ގޮތާއި ކައިގެން ހުރެ ކަސްރަތު ކުރުމުން އިޖާބަ ދޭ ގޮތް ވަރަށް ބޮޑަށް ތަފާތު ކަމެވެ.

"ކަސްރަތުގެ ބޭނުން އެންމެ ފުރިހަމައަށް ހިފަން ބޭނުންވާ މީހުންނަށް މިއީ ރަނގަޅު ފިލާވަޅެއް. އެއްވެސް ކެއުމެއްގެ ފަހުން ކަސްރަތު ނުކުރުމަށާއި ކަސްރަތު ކުރަން ބޭނުންނަމަ ކެއުމުގެ ކުރިން ކަސްރަތު ކުރުން ކަން ފައިދާ ބޮޑީ މި ހޯދުމުން މި ވަނީ ހާމަވެފައި،" މި ހޯދުމުގައި މަސައްކަތް ކުރެއްވި ސައިންސްވެރިއަކު ވިދާޅުވި އެވެ.

ހަފުތާއަކު އެންމެ ދުވަހަކު މިގޮތަށް ހެނދުނު ސައި ނުބޮއި ކަސްރަތު ކުރިޔަސް ފައިދާ ވެއެވެ. އެހެންކަމަށް ވެއްޖިއްޔާ ހުރިހާ ދުވަހަކު މިގޮތަށް ކަންތައް ކުރާނަމަ ލިބޭ ފައިދާ މާ ބޮޑުވާނެކަން މި ހޯދުމުގައި ފާހަގަ ކޮށްފައި ވެއެވެ.

ހެނދުނު ސައި ބުއިމުގެ ކުރިން ކަސްރަތު ކުރުމުން ހަށިގަނޑުގައިވާ ސަރުބީތައް މާގިނައިން އަންދައި އަދި ކަސްރަތުން ލިބޭ ފައިދާ އިތުރުވެ މީހާގެ ފިޓްކަން ވެސް އިތުރުވެގެން ދެއެވެ.

ސައިންސްވެރިން ބުނަނީ ކަސްރަތުކޮށް ދިރިއުޅުމުގެ އާދަތަކަށް ބަދަލު ގެނެސްގެން ޓައިޕް 2 ޑައިބެޓީސް ކޮންޓްރޯލް ކުރެވި އެކަމުގެ ނުރައްކާތައް ކުޑަ ކުރެވޭކަން ވެސް މިހޯދުމުން ދައްކާ ކަމަށެވެ. އެހެންކަމުން ހަކުރުބަލި ޖެހުމުގެ ފުރުސަތު އޮތް މީހުންނާއި މިހާރުއްސުރެ ހަކުރުބަލި ޖެހިފައިވާ މީހުންނަށް އެންމެ ރަނގަޅު ގޮތަކީ އެއްވެސް އެއްޗެއް ނުކައި ހުސް ބަނޑާ ހުރެ ކަސްރަތު ކުރުމެވެ.

މި ޓީމުގެ މިފަހަރުގެ ހޯދުމުގައި ބައިވެރިކޮށްފައިވަނީ ފިރިހެނުން ކަމަށް ވާތީ އަދި އަންހެނުންގެ ގްރޫޕެއް ބައިވެރިކޮށްގެން އިތުރު ދިރާސާއެއް ހަދަން ގަސްތުކުރާ ކަމަށް ބުނެފައި ވެއެވެ.