ލައިފްސްޓައިލް

ވަކީލުގެ ދަރިފުޅު އުރައިގެން ހުރެ އޭނާއަށް ހުވާ ލާދީފި

ޖޫލިއާނާ ލާމާ އަބަދުވެސް ބޭނުންވީ ގާނޫނީ ވަކީލަކަށް ވާށެވެ. އެ މަގްސަދު ހާސިލު ކުރަން އޭނާ ވަރަށް ބުރަ މަސައްކަތްތަކެއް ކުރި އެވެ. އަދި ވަކީލު ކަމުގެ ހުވާ ކުރި ދުވަހަކީ ލާމާގެ ހަނދާނުން ދުވަހަކު ވެސް ނުފިލާ ވަރުގެ ތާރީޚީ ދުވަހަކަށް ވެސް ވިއެވެ. ސަބަބަކީ އޭނާގެ އެއް އަހަރުގެ ފިރިހެން ދަރިފުޅަށް އެ ރަސްމިއްޔާތުގައި ބައިވެރި ވެވުނީމަ އެވެ. ހުރިހާވެސް ޝުކުރެއް ރައްދުވަނީ ލާމާއަށް ހުވާ ލައިދިން ޖަޖަށެވެ.

ޓެނީސް ކޯޓް އޮފް އެޕީލްގެ ޖަޖް ޑިންކިންސް ވަނީ ލާމާގެ ދަރިފުޅު އެއް އަތުން އުރާލައިގެން ހުރެ އޭނާއަށް ހުވާ ލައިދީފަ އެވެ.

ޖަޖް ޑިންކިންސް ލާމާގެ ތުއްތު ދަރިފުޅު ބެކަމް އުރާލައިގެން ހުރެ ހުވާލާދޭ މަންޒަރު ފެންނަ ވީޑިއޯއެއް މިހާރު ސޯޝަލް މީޑިއާގައި ދައުރުވާއިރު ވަރަށް ގިނަ ބަޔަކު ވަނީ ޖަޖްގެ ރަނގަޅުކަމަށް ތައުރިފުކޮށް އޭނާއަށް ޝުކުރުގެ ބަސްތައް ރައްދު ކުރަމުންނެވެ.

މި ވީޑިއޯ ޓުވީޓް ކޮށްފައިވަނީ ލާމާ އާއެކު ލޯ ސްކޫލްގައި ކިޔަވާ އޭނާގެ އެކުވެރި އަންހެނެކެވެ.

ފަނޑިޔާރުގެ ރަނގަޅުކަން އަމިއްލައަށް ތަޖުރިބާކޮށްފައިވާ ސައީދު ނަމަކަށް ކިޔާ މީހަކު މި ވީޑިއޯއަށް ކޮމެންޓް ކުރަމުން ލިޔެފައިވާ ގޮތުގައި އޭނާއަށް މި ޖަޖާ ބައްދަލުވުމުގެ ފުރުސަތު އިންޓާން އެއްގެ ހައިސިއްޔަތުން ލިބި އެ ޖަޖްގެ އާދަޔާޚިލާފުކަން ވަނީ ފެނިފަ އެވެ. އޭނާ އަކީ އެންމެ ސްމާޓް، އެންމެ ރަނގަޅު އަދި އެންމެ ޝައުގުވެރިވާ މިޒާޖެއް އެކުލެވޭ މީހުންގެ ތެރޭގައި ހިމެނޭ ޖަޖެއް ކަން އެ މީހާ ފާހަގަ ކޮށްފައި ވެއެވެ.

މި އިވެންޓަށްފަހު ލާމާ ސީއެންއެން އަށް ދިން އިންޓަވިއު އެއްގައި ބުނީ އޭނާގެ ދަރިފުޅު އިނީ ފިރިމީހާ ކައިރީގައި އެހެން މީހުންވެސް ތިބި ތަނުގައި ކަމަށެވެ. އެންމެންގެ ތެރެއިން ޖަޖަށް ލާމާގެ ދަރިފުޅު ފެނިގެން އެ ރަސްމިއްޔާތުގެ ހިއްސާއަކަށް ދަރިފުޅު ހަދަން ޖަޖް ބޭނުންވީ އެވެ. އެހެންވެ ދަރިފުޅު އުރާލުމުގެ ޒިންމާ އޭނާ ނަގައި ދަރިފުޅު ގޮވައިގެން ހުވާ ލައިދޭން ދިޔައީ އެވެ.

ޑިންކިންސް އަކީ ލާމާގެ މެންޓާއެއްގެ ގޮތުގައި ކުރިން މަސައްކަތް ކުރި މީހެކެވެ. އަދި އެމެރިކާގެ ޓެނެސީގައި ހުންނަ ބެލްމޮންޓް ޔުނިވަސިޓީ ކޮލެޖް އޮފް ލޯގައި ލާމާ ކިޔެވި ދުވަސްވަރު އޭނާ ވަނީ ޑިންކިންސްގެ ކައިރީގައި ކްލާކެއްގެ ގޮތުގައި މަސައްކަތް ކޮށްފަ އެވެ.

ލާމާ އަށް ބެކަމް ލިބުނީ މިދިޔަ އަހަރު އެވެ. އޭރު ލާމާ ދިޔައީ ތިން ވަނަ އަހަރުގެ ކިޔެވުން ފުރިހަމަ ކުރަމުންނެވެ. އެހެންވެ ސިޒޭރިއަން ހަދައިގެން ވިހޭތާ އެންމެ ހަފުތާއެއް ވީތަނާ ލާމާ ވަނީ އަލުން ކިޔަވަން ދާން ފަށާފަ އެވެ.
ލާމާ އަށް ހުވައި ލައިދިނުމުގެ ރަސްމިއްޔާތުގައި އޭނާގެ ތުއްތު ދަރިފުޅު ބައިވެރިކޮށްފައިވަނީ އޭނާ ކުރި މަސައްކަތް ޖަޖަށް ވަރަށް ރަނގަޅަށް ފެނިފައިވާތީ އެކަން ފާހަގަކުރުމުގެ ގޮތުން ކަމަށް ވެއެވެ.