ލައިފްސްޓައިލް

ހެނދުނު ހޭލާ ގޮތަށް ފެން ބުއިމަކީ މުހިއްމު ކަމެއްތަ؟

ފެނަކީ އިންސާނުންގެ ދިރިހުރުމަށް ވަރަށް މުހިއްމު އެއްޗެކެވެ. އިންސާނާގެ ހަށިގަނޑުގެ 70 ޕަސެންޓަކީ ފެނެވެ. އެހެންވެ ހަށިގަނޑުގެ ހިނގުން ބަރާބަރަށް ބެހެއްޓުމަށްޓަކައި އެކަށީގެންވާ ވަރަށް ފެން ހުންނަން ޖެހެ އެވެ. ފެން ބުއިމުން ފަޔާއި އަތުގެ ހުޅުތަކުގެ މަސައްކަތް ވެސް ހަލުވި ވާނެ އެވެ. ހަށިގަނޑުގައި ހުންނަ ވިހަތައް ބޭރުވެ ހަށިގަނޑުގެ އާއްމު ސިއްހަތު ރަނގަޅުވެ ހަށިގަނޑުގެ ފިނިހޫނުމިން އެއްވަރެއްގައި ހިފެހެއްޓެ އެވެ.

ވަރަށް ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ސިއްހަތު ރަނގަޅުކޮށް ފިޓްކޮށް ހުންނަން ބޭނުންނަމަ ކޮންމެ ދުވަހަކު ހެނދުނު ހޭލާ ގޮތަށް ހޫނު ފެން ބޯން ޖެހޭނެ އެވެ.

ބައެއް މީހުން ގަބޫލު ކުރާ ގޮތުގައި އެނދުން ތެދުވާ ގޮތަށް ފެން ތައްޓެއް ބުއިމުން ސަރުބީ ވިރުވާލާ ބަރުދަން ލުއި ކުރުމަށް އެހީތެރި ވެދޭނެ އެވެ. އަނެއް ބަޔަކު ގަބޫލުކުރަނީ މިއީ ހިތަށް ހަމަޖެހުން ގެނުވާ ނަފްސާނި ދުޅަ ހެޔޮކަމަށް ކުރަން ރަނގަޅު ކަމެއް ކަމަށެވެ.

ތަޖުރިބާކާރުން ބުނަނީ ފެން ބުއިމަކީ ހަށިގަނޑަށް ކެލޮރީޒް އިތުރުވާލެއް މަދު ކުރެވޭ ކަމެކެވެ. ސަބަބަކީ ފެން ބުއިމުން ބަނޑު ފުރިފައި ހުންނަ ކަމުގެ އިހްސާސް ކުރެވޭތީ އެވެ. ބަރުދަން ލުއި ކުރަން މަސައްކަތް ކުރާ މީހުންނަށް ތަޖުރިބާކާރުން އިރުޝާދު ދެނީ ވީހާ ވެސް ގިނައިން މުޅި ދުވަހު ފެން ބުއިމަށެވެ. އޭރުން ބަނޑު ފުރި ކެވޭލެއް މަދުކުރެވޭނެތީ އެވެ. ނަމަވެސް ހެނދުނު ހޭލާ ގޮތަށް ފެން ބުއިމުން ކެލޮރީޒް އަންދާ މިންވަރު އިތުރުވާ ވާހަކަ އާ ތަޖުރިބާކާރުން މުޅިއަކުން އެއްބަހެއް ނުވެ އެވެ.

ސައިންސްވެރިންގެ ހޯދުންތަކުން ދައްކާ ގޮތުގައި ކޮންމެ ކެއުމެއްގެ ކުރިން ފެން ތައްޓެއް ބޯލުމަކުން މާ ބޮޑު ފައިދާއެއް ނުކުރެ އެވެ. ނަމަވެސް ހަށިގަނޑުގައި އެކަށީގެންވާ މިންވަރަކަށް ފެން ބަހައްޓަން މިއީ ރަނގަޅު ގޮތެކެވެ.

ހެނދުނު ހޭލާ ގޮތަށް ފެން ބުއިމުން ފައިދާ ކުރާކަމަށް ދެކޭ މިހުން މިގޮތަށް ގަބޫލު ކުރަނީ ރޭގަނޑު ނިދާފައި އޮންނަ ގަޑީގައި ހަށިގަނޑުން ވަރަށް ގިނަ ފެން މަދުވެފައި ހުންނާނެ ކަމަށް ބަލާފަ އެވެ. އެގޮތަށް އަންދާޒާ ކުރަނީ ހެނދުނު ހޭލައިގެން ކުޑަކަމުދާއިރު ހުންނަ ނަޖިސް މާ ބޮޑަށް ރަތްކޮށް ހުންނާތީ އެވެ.

އަހަރުމެންގެ ހަށިގަނޑުގައި ހުންނަ ވިހަތައް ބޭރުކޮށްލުމުގެ ޒިންމާ އަދާކުރަނީ ކިޑްނީ އެވެ. ކިޑްނީއަށް މި މަސައްކަތް އެންމެ ފުރިހަމައަށް ކުރެވެނީ އެކަށީގެންވާ މިންވަރަކަށް ހަށިގަނޑުގައި ފެން ހުރި ނަމަ އެވެ. ހަށިގަނޑުގައި ހުރި ވިހައިގެ މިންވަރު ވަރަށް ގިނަ ނަމަ އެ ހުރިހާ ވިހަ ބޭރުކުރަން ގިނަ އަދަދެއްގެ ފެން ބޭނުންވާނެ އެވެ. ނަމަވެސް ފެން ބޯ ވަގުތުތަކަކާ މިކަމަކާ ގުޅުމެއް ނެތެވެ. ކޮންމެ ގަޑިއެއްގައި ނަމަވެސް ފެން ގިނައިން ބޯނަމަ ވިހަތައް ބޭރު ވާލެއް އިތުރުވާނެ އެވެ.