ބަނޑުގައި ގޭސް ހެދިގެން ކާ ބޭސް ތަކަކީ ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައި ވެސް ވަރަށް އާއްމުކޮށް މީހުން ބޭނުން ކުރަމުންދާ ބޭސް ތަކެކެވެ.
ނަމަވެސް ދެން އެންޓޭސިޑްސް ނުވަތަ އެންޓި-އެސިޑިޓީ ޑްރަގް ވިއްކާއިރު އެ ބޭހެއް ބަންދު ކޮށްފައިވާ ފޮށީގައި އޮންނަ ލީފްލެޓްގައި ބޭހުން ކިޑްނީއަށް ގެއްލުންވާނެ ކަމުގެ އިންޒާރު ހިމަނަން ޖެހޭނެ އެވެ. ޚާއްސަކޮށް އިންޑިޔާގައި އުފައްދާ ބޭސްތަކުގައި މި އިންޒާރު ޖެހުމަށް ގޭސް ބޭސް އުފައްދާ ފަރާތްތަކަށް ވަނީ އަންގާފަ އެވެ.
އިންޑިޔާގެ ޑްރަގް ކޮންޓްރޯލް ބޮޑީ އިން މިދިޔަ އަންގާރަ ދުވަހު ނެރުނު ގަވާއިދެއްގައިވާ ގޮތުން ގޭހަށް ބޭނުންކުރާ އެއްވެސް ބޭހެއް މި އިންޒާރު ނެތި ނުވިއްކޭނެ އެވެ.
އިންޒާރު ޖަހަން ހަމަޖެހފައިވާ ގޭސް ބޭހުގެ ތެރޭގައި ޕެންޓޮޕެރަޒޯލް، އޮމެޕެރަޒޯލް، ލަންސޮޕެރަޒޯލް، އެސޮމެޕެރަޒޯލް އަދި މީގެ ކޮމްބިނޭޝަން ބޭސްތައް ހިމެނެ އެވެ. މިކަންކުރަން ހަމަޖެހުނީ މި ފަހަކަށް އައިސް ސައިންސްވެރިން ހޯދާފައިވަ ވަރަށް ގިނަ ހޯދުންތަކުން ގޭސް ބޭހުން ކިޑްނީއަށް ވަރަށް ބޮޑަށް ގެއްލުންވާކަން ހާމަވެފައި ވާތީ އެވެ.
އެންޓި-އެސިޑިޓީ ޕިލްސް އާ ގުޅޭ ގޮތުން ވަރަށް ފުޅާކޮށް ސައިންސްވެރިން ކޮށްފައިވާ ދިރާސާއަކުން އެނގުނު ގޮތުގައި ގޭހުގެ މައްސަލަތަކަށާއި މޭ އެންދުމަށް އާއްމުކޮށް ކާ ބޭސްތައް ގިނަ ދުވަސްވަންދެން ކެއުމަކީ ކިޑްނީއަށް އަނިޔާވެ، ކިޑްނީގެ ބަލިތައް ޖެހި އަދި ކިޑްނީ ފެއިލްވާން މެދުވެރިވާ ކަމެކެވެ.
އަދި ބައެއް މީހުންނަށް ގެސްޓްރިކް ކެންސާ ވެސް ޖެހޭ ކަން ސައިންސްވެރިން ފާހަގަ ކޮށްފައި ވެއެވެ. މި ހޯދުންތައް ބިނާ ކޮށްފައިވަނީ ކިޑްނީގެ ބަލިތަކަށް ޚާއްސަކޮށް ކަމަށް ވާތީ ކިޑްނީ ފިޔަވައި އެހެން ބަލިތަކަށް ފަރުވާ ދޭ ފިޒީޝަނުންނަށް މިކަން މާ ބޮޑަށް އެނގިފައި ނެތުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް ރިޕޯޓުގައި ވެއެވެ.
ގޭހަށް ޚާއްސަކޮށް އުފައްދާފައިވާ ބޭހުގެ ތެރެއިން ޕްރޮޓޯން ޕަމްޕް އިންހިބިޓާޒް (ޕީޕީއައި) ގެ ވައްތަރު ތަކަކީ ގޭހަށް އެންމެ ގިނައިން އުފައްދާ ބޭހެވެ. ދުނިޔޭގައި އެންމެ ގިނައިން ބޭނުންކުރެވޭ 10 ބޭހުގެ ތެރޭގައި މި ބާވަތުގެ ބޭސްތައް ހިމެނެ އެވެ. މިއީ 4،500 ކްރޯޑުގެ ބޮޑު ވިޔަފާރިއެކެވެ. މި ބޭސް ކަށީގެ ބަލިތަކާއި ހިތުގެ ބަލިތައް، އިންޓާނަލް މެޑިސިން އަދި ސާޖަރީތައް ހަދާ މީހުންނަށް ވެސް މިފަދަ ބޭސްތައް ވަރަށް ގިނައިން ލިޔެދެ އެވެ.
ޕީޕީއައި އަކީ މީގެ 20 ވަރަކަށް އަހަރު ކުރިން ވުޖޫދަށް އައި ބޭސް ތަކެކެވެ. އޭރު މި ބޭސްތައް ޕްރޮމޯޓްކުރީ ގޭހުގެ އުނދަގުލުން ސަލާމަތްވާ އެއްވެސް ގެއްލުމެއް ނުލިބޭ ބޭހެއްގެ ގޮތުގަ އެވެ. ނަމަވެސް ގިނަ ދުވަސްތަކަކު މި ބޭސް ބޭނުންކުރި ފަހުން މިހާރު ސައިންސްވެރިންގެ ވިސްނުން މި ބޭސްތަކާ މެދު މި ވަނީ ބަދަލުވެފަ އެވެ.