ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އަށް ނައިބު ލީޑަރަކާއި، ސެކެޓްރީ ޖެނެރަލްއަކު އައްޔަން ކޮށްފި އެވެ.
ޑީއާރުޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބުދުﷲ ޖާބިރު މިއަދު ވިދާޅުވީ، ޑީއާރުޕީގެ މަގާމުތަކަށް ބަދަލުތަކެއް ގެންނަމުންދާ ކަމަށެވެ. އެ ބަދަލުތައް ގެންނަނީ ޕާޓީގައި ކުރިން ތިއްބެވި ބައެއް ބޭފުޅުން އެ ޕާޓީ ދޫކުރައްވާ ވަޑައިގެންފައިވާތީ ކަމަށެވެ.
އެގޮތުން ޑީއާރުޕީގެ ނައިބު ލީޑަރު ކަމަށް ޖާބިރުގެ ކޮއްކޯފުޅު ހ. ތިމާވެށި، އިބްރާހިމް ޝިހާމް ހަމަޖައްސާފައިވާއިރު، އެ ޕާޓީގެ ސެކެޓްރީ ޖެނެރަލް ކަމުގެ މަގާމަށް ގއ. ކޮލަމާފުށި އޯޝަންރީޑް، އަބުދުﷲ އަފީފު ވަނީ ހަމަޖައްސާފަ އެވެ.
ޖާބިރު ވިދާޅުވީ ޑީއާރުޕީ އިތުރަށް ބޮޑުކޮށް، ވަރުގަދަ ކުރުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާ ކަމަށާއި، ޕާޓީއަށް މެމްބަރުން އިތުރު ކުރުމަށް ފޯމް ފުރުމުގެ ކަންކަން ހިނގާ ކަމަށެވެ. އަދި ވިދާޅުވީ ކުރިޔަށް އޮތް ތަނުގައި އެ ޕާޓީއަށް ބޮޑެތި ބަދަލުތަކެއް ގެންނާނެ އިރު މަޖިލީހުގެ މެމްބަރުންތަކެއް ވެސް ގުޅިވަޑައިގަންނަވާނެ ކަމަށެވެ.
ޖާބިރު ޑީއާރްޕީއާ ހަވާލުވެ ވަޑައިގެންނެވި އިރު އެ ޕާޓީގެ ލީޑަރު، އަދި ފަހުން ޕާޓީގެ ނައިބު ލީޑަރު ކަމުގައި ހުންނެވި މުހައްމަދު ނަޝީދު (ކާނަލް) އާއި ފަހުން ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވި ނަހުލާ އަލީ ވަނީ މިދިއަ ހަފުތާގެ ތެރޭގައި ޕީޕީއެމާ ގުޅިވަޑައިގެންފަ އެވެ.
ޑީއާރްޕީއަކީ ކުރީގެ ރައީސް މައުމޫން ފުރަތަމަ އުފެއްދެވި ސިޔާސީ ޕާޓީ އެވެ. އޭގެ ފަހުން އެ މަނިކުފާނު މިހާރު ވަނީ ތިން ވަނަ ސިޔާސީ ޕާޓީއެއްގެ ގޮތުގައި އެމްއާރްއެމް އުފައްދައި ސިޔާސީ ހަރަކާތް އަލުން ފައްޓަވާފަ އެވެ.