ވިޔަފާރި

ފުވައްމުލަކު ސްލިޕް ވޭ: ސަރަހައްދަށް ބޮޑު ފަސޭހައެއް

Aug 19, 2015

ޏ. ފުވައްމުލަކުން: މުހައްމަދު އަފްރާހު

ފުވައްމުލަކު ހާއްސަވަނީ ހަމައެކަނި މި ރަށުގެ ހިތްގައިމު "ތޫޑު" ގެ ސަބަބުން އެކަންޏެއް ނޫނެވެ. މި ރަށަކީ މަސައްކަތްތެރި ބަޔަކު ވެސް އުޅޭ ރަށެވެ. މި ރަށު މީހުންނަކީ މުރާލި ބައެވެ. މީގެ ސަބަބުން ބޮޑެތި ވިޔަފާރިތަކެއް މި ރަށުގައި ފައި ހަރުކޮށްފައިވެ އެވެ. މި ފަދަ އެއް ތަނަކީ މި ރަށުގައި އޮޑި ފަހަރު އެހެލުމަށް ހަދާފައިވާ ސްލިޕްވޭ އެވެ. މި ސްލިޕްވޭ ހާއްސަވަނީ ހަމައެކަނި މި ރަށަށް އެކަންޏެއް ނޫނެވެ. މި ސްލިޕްވޭގެ ފަސޭހަ މުޅި ހިސާބަށް ކުރެ އެވެ.

"މި ތަނަކީ ފުވައްމުލަކުގެ އިތުރުން މި ސަރަހައްދުގެ ގިނަ އޮޑި ފަހަރަށް ވަރަށް މުހިންމު ތަނެއް. ވަރަށް ގިނައިން އާދެ ދޯނި ފަހަރު މަރާމާތު ކުރަން ވެސް،" ސްލިޕްވޭ ހިންގާ، ހަސާމް ކުންފުނީގެ އެއް ޑައިރެކްޓަރުން ކަމަށްވާ އަހުމަދު އަލީ މުހައްމަދު (އަހަންމާ) ވިދާޅުވި އެވެ.

ގާތްގަނޑަކަށް ތިން މިލިއަން ރުފިޔާ މިހާރު ހޭދަކޮށްފައިވާ މި ވަރުގަދަ ވިޔަފާރީގެ ހިދުމަތް ހޯދަނީ ހަމައެކަނި ފުވައްމުލަކުގެ ބޯޓު ފަހަރާއި ދޯނި ފަހަރު އެކަންޏެއް ނޫނެވެ. މިތަނުގެ ހިދުމަތް ހޯދުމަށް އައްޑު އާއި ގއ. އަދި ގދ އަތޮޅުގެ ރަށްރަށުން ވެސް އާދެ އެވެ. މުޅި ސަރަހައްދުގެ މަސްވެރިން މި ހިދުމަތް ބަލައި ގަންނަނީ ހެޔޮ ހިތުންނެވެ. ސްލިޕްވޭއަކީ އާއްމު ގޮތެއްގައި ކޮންމެ ރަށްރަށެއްގައި ހުންނަ ތަންތަނަށް ނުވެ އެވެ. މިކަމުގެ ސަބަބުން ދޯނި ފަހަރު އެހެލައި މަރާމާތު ކުރުމަށް ކުރަން ޖެހޭ މަސައްކަތް އިތުރުވެ އެވެ. ނަމަވެސް ފުވައްމުލަކުގެ މި ސްލިޕްވޭގެ ސަބަބުން މުޅި ހިސާބުގެ މަސްވެރިންނަށް މިކަން ލުއިކޮށްދެ އެވެ.

އަހަންމާ ވިދާޅުވީ މި ސްލިޕްވޭ އަށް ގާތްގަނޑަކަށް 110 ފޫޓުގެ ބޮޑެތި އުޅަނދު ފަހަރު އެހެލާފައިވާނެ ކަމަށެވެ.

"މި ތަނުން އޮޑިފަހަރު މަރާމާތު ކުރުމާއި ދޯނި ފަހަރު ބަނުމުގެ ހިދުމަތް ވެސް ދެން. މިތަނުގައި ވޯކްޝޮޕެއްވެސް ހުންނާނެ.ވޯކްޝޮޕުން ވެލްޑިން ކުރުމާއި މިބާވަރުގެ މަސައްކަތްތައް ކޮށްދެން. މީގެ އިތުރުން އިންޖީނު މެއިންޓަނަންސްގެ ހިދުމަތް ވެސް އަޅުގަނޑުމެން ދެން،" އަހަންމާ ވިދާޅުވި އެވެ.

ގާތްގަނޑަކަށް 40 މުވައްޒަފުން މަސައްކަތްކުރާ މި ސްލިޕްވޭގައި ބިދޭސީގެ އިތުރުން، ދިވެހިން ވެސް މަސައްކަތް ކުރެ އެވެ.

އަހަންމާ ވިދާޅުވީ ސްލިޕްވޭގައި މަސައްކަތްކުރާ ގިނަ ދިވެހިންނަކީ އޮފީސް މުވައްޒަފުންނާއި މާވަޑިން ކަމަށެވެ.

"ފެށިއިރާ ބަލާއިރު މި ވަނީ ވަރަށް ފުޅާވެފަ. ފަށައިގަތް އިރާ ބަލާއިރު މިދަނީ ފުޅާކުރަމުން. މުވައްޒަފުންވެސް އިތުރު ވެއްޖެ،" އަހަންމާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ކުންފުނީގެ މަގުސަދަކީ މި ހިދުމަތް މިހާރަށް ވުރެ ވެސް ފުޅާ ކުރުމެވެ.

"މަސައްކަތް ކުރަމުން މިދަނީ ހިދުމަތް ރަނގަޅުކޮށް، ފުޅާކުރަން. މަޑުމަޑުން ތަރައްގީވަމުން މިދަނީ،" އަހަންމާ ވިދާޅުވި އެވެ.

ފުވައްމުލަކު ސްލިޕްވޭގެ ހިދުމަތް ކޮންމެ ދުވަހަކުވެސް މި ސަރަހައްދުގެ ރައްޔިތުން ހޯދަ އެވެ. ހާއްސަކޮށް މި ހިދުމަތް ވެގެން ދަނީ ބޮޑެތި ދޯނި ފަހަރު ގެންގުޅޭ އޮޑިވެރިންނަށް އޮތް ލުއި ފަސޭހަ އަކަށެވެ.