މުހައްމަދު ސައީދު

އެނބުރި އަންނާނީ ބަދަލު ހިފަން: ސައީދު

ދެހާސް ތޭވީސްވަނަ އަހަރު ޕްރޮގްރެސިވް ކޯލިޝަނުން ވެރިކަމަށް އަންނާނެ ކަމަށާއި އަންނާނީ މި ސަރުކާރުން މިހާރު ހިންގަމުންދާ ގާނޫނާއި ޚިލާފު ކަންކަމަށް ބަދަލު ހިފަން ކަމަށް ކުރީީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ސައީދު މިހެން ވިދާޅުވީ "ފުނޑާލައިިފި" ނަމުގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ރޭ ބޭއްވި ރެލީގައި ވާހަކަފުޅު ދައްކަަވަމުންނެވެ.

ސައީދު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގެ ފަސް އަހަރުގައި އެމަނިކުފާނު ކުރައްވާފައިވާ ކުށަކީ ރާއްޖެ ނުދެކޭ ތަރައްގީ ގެންނަން މަސައްކަތް ކުރެއްވުން ކަމަށެވެ. އެގޮތުން ސިނަމާލެ ބްރިޖާ، ދަރުމަވަންތަ ހޮސްޕިޓަލްގެ 25 ބުރީގެ އިމާރާތާއި، އައިހެވަން މަޝްރޫއު ކުރިއަށް ގެންދަން މަސައްކަތް ކުރެއްވުމަކީ ރައީސް ޔާމީން ކުށްވެރިވާ ސަބަބުތައް ކަމަށެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުވާ އުފުލާ ޝަރީއަތް ހިންގަނީ އެކަންކަމަށް ބަދަލު ހިފަން ކަމަށް ވިދާޅުވެ ސައީދު ވެސް ވަނީ މި ސަރުކާރުން ހިންގާ ގާނޫނާ ޚިލާފު ކަންކަމަށް ބަދަލު ހިފަން އެނބުރި އަންނާނެ ކަމަށް ވިދާޅުވެފަ އެވެ.

އަދި 2023 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގަންނަވަނީ ރައީސް އަބްދުﷲ ޔާމީން ކަމަށް ވެސް ވިދާޅުވިއެވެ.

"ހަނދާން ނައްތާ ނުލާތި.. މިއަދު ހުކުމް ވެސް ކުރެވިދާނެ. މިއަދު ގޮތްގޮތަށް ކަންތައްތައް ކުރެވިދާނެ. އެހެން ނަމަވެސް އަޅުގަނޑުމެން އެނބުރި އައިސް މި ކޮންމެ މައްސަލައެއް އެއްފުށުން އަނެއް ފުށައް ޖަހާނަން. މި ކޮންމެ ޕްރޮޖެކްޓެއްގައި ކިހާވަރެއްގެ ފައިސާ ކޮރަޕްޝަންގެ ތެރޭގައި ހިމެނިފައިވޭތޯ އަޅުގަނޑުމެން ބަލާނަން. ބަދަލު ހިފާނަން. އަޅުގަނޑުމެން އަންނާނީ ބަދަލު ހިފަން. މީކީ ސިއްރަކުން ކުރާނެ ކަމެއް ނޫން. އެހެން ނަމަވެސް.... އަޅުގަނޑުމެން ހިފާ ބަދަލަކީ، އަޅުގަނޑުމެން ބަލާނެ ކަންތައްތަކަކީ ދިވެހި ރާއްޖޭގެ ގާނޫނު އަސާސީގެ ތަރަހައިގެ ތެރޭގައި އަޅުގަނޑުމެން ކުރާނެ ކަންތައްތައް." ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ މި ސަރުކާރަކީ ކުރިއަށް ދިއުމުގެ އަދި ތަރައްގީގެ އެއްވެސް ވިސްނުމެއް ނެތް ސަރުކާރެއް ކަމަށެވެ.

ހަނދާން ނައްތާނުލާތި.. މިއަދު ހުކުމްވެސް ކުރެވިދާނެ. މިއަދު ގޮތްގޮތަށް ކަންތައްތައް ކުރެވިދާނެ. އެހެން ނަމަވެސް އަޅުގަނޑުމެން އެނބުރިއައިސް މި ކޮންމެ މައްސަލައެއް އެއްފުށުން އަނެއް ފުށައް ޖަހާނަން. މި ކޮންމެ ޕްރޮޖެކްޓެއްގައި ކިހާވަރެއްގެ ފައިސާ ކޮރަޕްޝަންގެ ތެރޭގައި ހިމެނިފަވޭތޯ އަޅުގަނޑުމެން ބަލާނަން. ބަދަލު ހިފާނަން. އަޅުގަނޑުމެން އަންނާނީ ބަދަލު ހިފަން. މީކީ ސިއްރަކުން ކުރާނެ ކަމެއް ނޫން. އެހެންނަމަވެސް.... އަޅުގަނޑުމެން ހިފާ ބަދަލަކީ، އަޅުގަނޑުމެން ބަލާނެ ކަންތައްތަކަކީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ ތަރަހައިގެ ތެރޭގައި އަޅުގަނޑުމެން ކުރާނެ ކަންތައްތައް
މުހައްމަދު ސައީދު | ކުރީގެ އިކޮނޮމިކް މިނިސްޓަރު

ރޭގެ އެއްވުމުގައި ސައީދު ވަނީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީއަށް ބޮޑު ސުވާލެއް ކުރިމަތި ކުރައްވާފަ އެވެ.

ސައީދު ވިދާޅުވީ ރިޔާސީ އިންތިޚާބާއި ގުޅިގެން ސުޕްރީމް ކޯޓަށް ހުށައެޅުނު މައްސަލައާއި ގުޅިގެން އެއްވެސް ފައިސާގެ މުއާމަލާތެއް ސުޕްރީމް ކޯޓްގެ ފަނޑިޔާރުން ކުރެއްވިނަމަ ކުރެއްވިކަން ނުވަތަ ނުކުރައްވާނަމަ ނުކުރައްވާކަން ވިދާޅުވާން ޖެހޭ ކަމަށެވެ.

"މިއަދު އެންމެ ބޮޑު ގޮންޖެހުމެއް އޮތް ޖުޑިޝަރީގެ އުއްތަމަ ފަނޑިޔާރު ވިދާޅުވާން އެބަޖެހޭ، ސުޕްރީމް ކޯޓްގެ އުއްތަމަ ފަނޑިޔާރު އެބަޖެހޭ ވިދާޅުވާން އެ ބޭފުޅުންނަށް އެއްވެސް ފަރާތަކުން 10 މިލިއަން އެމެރިކާ ޑޮލަރު، މިހާރު ހުވާ ކުރެއްވި ފަރާތުން [ރައީސް އިބްރާހިމް މުހައްމަދު ސޯލިހް] ސުޕްރީމް ކޯޓަށް ލެވުނު މައްސަލައަށް [ރިޔާސީ އިންތިޚާބު ބާތިލްކުރުމަށް ލީ މައްސަލަ] އެއްވެސް ފަރާތަކުން 10 މިލިއަން ޑޮލަރު ދީފައިވޭތޯ. ދިނިއްޔާ ދިނީ ނުދެންޔާ ނުދެނީ. މި ސުވާލުތަކަށް އުއްތަމަ ފަނޑިޔާރު އެބަޖެހޭ ޖަވާބު ދެއްވަން."

ރިޔާސީ އިންތިޚާބުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރި ކަމަށް ބުނެ އެ އިންތިޚާބު ބާތިލްކުރުމަށް ޕީޕީއެމުން ސުޕްރީމް ކޯޓަށް މައްސަލަ ހުށައެޅި އެވެ. އަޑުއެހުންތަކަކަށް ފަހު އެ ކޯޓުން ވަނީ އިންތިޚާބު ބާތިލްކުރާނެ ތަނެއް ނެތް ކަމަށް ކަނޑައަޅާ އިންތިޚާބު ސައްހަ ކަމަށް ނިންމާފަ އެވެ.