ޑރ. މުހައްމަދު ޖަމީލް އަހުމަދު

ޔާމީންގެ މައްސަލަ ގާޒީ އަލީ ރަޝީދަށް ނުބެލޭނެ: ޖަމީލް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުވާ ކުރާ މަނީ ލޯންޑަރިންގެ ޝަރީއަތް ކުރާ ބެންޗުން ކްރިމިނަލް ކޯޓްގެ ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި ގާޒީ އަލީ ރަޝީދު ތަނާޒުލްވެ ވަޑައިގަންނަވަންޖެހޭ ކަމަށް ރައީސް ޔާމީންގެ ގާނޫނީ ޓީމުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ޖަމީލް މިހެން ވިދާޅުވީ މާދަމާ އޮންނަ ރައީސް ޔާމީންގެ ޝަރީއަތާއި ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ހާމަ ކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޖަމީލް ވިދާޅުވީ ކޮންމެ ފަނޑިޔާރަކީ ވެސް ތައައްސަބުން އެއްކިބާވެ ވަކި ފަރާތަކަށް ނުޖެހި އިންސާފުވެރި ކަމާއެކު މަސައްކަތް ކުރާ ބަޔަކަށްވާން ޖެހޭ ކަމަށާ ނަމަވެސް ރައީސް ޔާމީންގެ މައްސަލަ ބެއްލެވި ފަނޑިޔާރު އަހުމަދު ހައިލަމް ސަސްޕެންޑް ކުރުމަށް ފަހު ކްރިމިނަލް ކޯޓްގެ ހިންގުން ހަވާލު ކުރެއްވި ގާޒީ އަލީ ރަޝީދު އަމަލު ކުރެއްވި ގޮތުން ވަކި ފަރާތަކަށް ނުޖެހި އިންސާފުވެރި ކަމާއެކު މައްސަލަ ކުރިއަށް ގެންގޮސްފާނެ ކަމާމެދު އޮތް އިތުބާރު ގެއްލިފައިވާ ކަމަށެވެ.

"ރައީސް ޔާމީންގެ މައްސަލައާއި ގުޅިގެން މައްސަލަ ހިނގަމުންދިޔަ އިރުގަ ވެސް ކޯޓްތެރޭގަ އާއި އަދި އެކިއެކި ގޮތްގޮތުން އިވިފައި ހުރި ވާހަކަތަކާއި، މައްސަލައާއި ގުޅުވައިގެން މީޑިއާއަށް ދީފަހުރި ވާހަކަތަކަށް ބަލާއިރު ފަނޑިޔާރު އަލީ ރަޝީދު މި ވަނީ މި މައްސަލާގައި ހަގީގަތުގައި ވަކި ފަރާތަކަށް ތައައްސަބުވެފައިވާ ކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެ ވޭތީ އެ މައްސަލަ އޮންނާނީ މިހާރު ޖޭއެސްސީއަށް ހުށައަޅާފައި،" ޖަމީލް ވިދާޅުވި އެވެ.

ޖަމީލް ވިދާޅުވީ މި މައްސަލަ ހުށައެޅިތާ އެތައް ދުވަހެއް ވެގެންދާއިރުވެސް އެ މައްސަލަ ޖޭއޭސްސީން ނުބެލުމަކީވެސް ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށެވެ. އަދި ޖޭއެސްސީން މައްސަލަތައް ބަލަމުންދާ ގޮތަށް ބަލާއިރު އެ މައްސަލަ ނުބެލި މަޑުޖެހިފައި އޮތް އޮތުމާމެދު ސުވާލު އުފެދުމުގެ ޖާގަ އެބައޮތް ކަމަށެވެ.

މީގެ އިތުރުން ޖޭއެސްސީއަށް ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް ހުށައެޅިފައިވަނިކޮށް މިފަދަ ބޮޑު މައްސަލައެއް ބަލާ ބެންޗެއްގައި އެ ބޭފުޅަކު ހިމެނިވަޑައިގެން ނުވާނެ ކަމަށްވެސް ޖަމީލް ވިދާޅުވިއެވެ.

"ޖޭއެސްސީއަށް ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ހުށައެޅި އެ މައްސަލާގައި ވަކި ގޮތެއް ނުނިމެނީސް މިފަދަ ބޮޑު މައްސަލައެއްގައި [ ރައީސް ޔާމީންގެ ޝަރީއަތް ] އެ ފަނޑިޔާރަކު އިށީގެންދެ ވަޑައިގެން އެ މައްސަލައެއް ބެއްލެވުމަކީ ހަގީގަތުގައި ދިވެހިރާއްޖޭގައި މިހާރު މި އޮތް ގާނޫނު އަސާސީގައި ބުނާ މިނިވަން މުސްތަގިއްލު ކަމާއެކީގައި ވަކި ފަރާތަކަށް ނުޖެހި ޝަރީއަތް ކުރުމަށް ބަލާ މިންގަނޑުން އެއްކިބާވެފައިވާ ކަމެއް ކަމުގައި އަޅުގަނޑު ފާހަގަކުރަން." ޖަމީލް ވިދާޅުވި އެވެ.

ޖޭއެސްސީއަށް ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ހުށައެޅި އެ މައްސަލާގައި ވަކި ގޮތެއް ނުނިމެނީސް މިފަދަ ބޮޑު މައްސަލައެއްގައި [ ރައީސް ޔާމީންގެ ޝަރީއަތް ] އެ ފަނޑިޔާރަކު އިށީގެންދެ ވަޑައިގެން އެ މައްސަލައެއް ބެއްލެވުމަކީ ހަގީގަތުގައި ދިވެހިރާއްޖޭގައި މިހާރު މި އޮތް ގާނޫނު އަސާސީގައި ބުނާ މިނިވަން މުސްތަގިއްލު ކަމާއެކީގައި ވަކި ފަރާތަކަށް ނުޖެހި ޝަރީއަތް ކުރުމަށް ބަލާ މިންގަނޑުން އެއްކިބާވެފައިވާ ކަމެއް ކަމުގައި އަޅުގަނޑު ފާހަގަކުރަން
ޑރ. މުހައްމަދު ޖަމީލް އަހްމަދު | ރައީސް ޔާމީންގެ ގާނޫނީ ޓީމުގެ އިސް މެންބަރު

ރައީސް ޔާމީންގެ މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓްގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް ސަސްޕެންޑްކުރުމުން އޭނާ ނެރުނު ބަޔާނުގައި ބޮޑެތި ތުހުމަތުތަކެއް ވަނީ ކުރައްވާފައެވެ.

އެގޮތުން ހައިލަމް ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ތުހުމަތު ކުރެވުނު ހިސާބުން ފެށިގެން އެކިއެކި މަގާމުތަކުގައި ތިބި ފަރާތްތަކުން ސީދާ ގޮތުންނާއި ނުސީދާ ގޮތުން ގާތް މީހުން މެދުވެރިކޮށް ނުފޫޒު ފޯރުވިދާނެ ކަމަށް ހީކޮށް ވަރަށް ގިނަ މަސައްކަތްތައް ކޮށްފައިވާ ކަމަށެވެ. އެ މަސައްކަތް ސަރުކާރުގެ އިސް ބޭފުޅުން އެންމެ ބޮޑަށް ކުރެއްވީ މި މަހުގެ ތިންވަނަ ދުވަހާއި ހަތަރު ވަނަ ދުވަހު ކަމަށެވެ. ހުކުމް އިއްވުމުގެ އަޑުއެހުން އޭރު އޮތީ ފަސް ވަނަ ދުވަހަށެވެ.

"ސަރުކާރުގެ ވަރަށް އިސް މަގާމުތަކުގައި ތިބި ފަރާތްތަކުން އަޅުގަނޑަށް ސީދާ ގޮތުން މެސެޖްކޮށްގެންނާއި ގުޅައިގެންންނާއި އަޅުގަނޑު ދަންނަ މީހުން މެދުވެރިކޮށް ރައީސް ޔާމީން ޖަލަށްލުމަށް ހުކުމް ކުރާނެ ކަމުގެ ކަށަވަރުކަން ދިނުމަށް އެދުން، އަދި އެގޮތަށް ކަށަވަރުކަން ނުދެވޭނެ ކަމަށް ބުނުމުން އަލްހާންއާއެކު ހިނގި ޓްރާންސެކްޝަންގެ މައްސަލަ ޕޮލިހުގައި އެބަ އޮތްކަމާއި ހުކުމްގެ ކަށަވަރުކަން ނުލިބޭނަމަ އެ މައްސަލަ ބެލޭނެ ކަމުގެ އިންޒާރު ވެސް ދިން، އަދި ސަސްޕެންޑް ކުރާނެ ކަމުގެ އިންޒާރު ވެސް ދިން،" ހައިލަމް ވިދާޅުވެފައިވެ އެވެ.

ގާޒީ ހައިލަމް ވިދާޅުވީ ރައީސް ޔާމީންގެ މައްސަލައާ ގުޅިގެން ސަރުކާރުގެ ނުފޫޒު ހިނގަމުންދާކަން މިހާރު ކުރިމިނަލް ކޯޓުގެ ހިންގުމާ ހަވާލުވެހުންނެވި ގާޒީ އަލީ ރަޝީދު ހުސެއިންނަށް ވެސް ވަރަށް ރަނގަޅަށް މިހާރު އެނގިވަޑައިގަންނަވާނެ ކަމަށެވެ.

ނަމަވެސް ރާއްޖެއެމްވީއަށް ދެއްވި އިންޓަވިއު ދެއްވަމުން ގާޒީ އަލީ ރަޝީދުވެސް ވަނީ ހައިލަމްގެ ވާހަކަތައް ދޮގުކުރައްވާފައެވެ. އަލީ ރަޝީދު ވަނީ ފަނޑިޔާރުންނަށް ސަރުކާރުގެ އެއްވެސް ނުފޫޒެއް ނެތް ކަމަށް ވިދާޅުވެފައެވެ.