ގަރުނަކަށް ވުރެ ގިނަ ދުވަހު ދުނިޔޭގައި ތިބޭ މީހުން އެހާ ދިގު އުމުރެއްގައި ތިބެވުމުގެ ސިއްރު ސައިންސްވެރިން ހޯދައިފި އެވެ. އެމީހުން ބުނަނީ އުމުރުން 110 އަހަރަށް ވުރެ ގިނަ ދުވަހު މީހުން ދުނިޔޭގައި ތިބުމުގެ ސިއްރަކީ ސައިޓޯޓޮކްސިކް ސީޑީ4 ޓީ ކަމަށެވެ. މިއީ އިމިއުން ސެލްގެ ވައްތަރެކެވެ.
މި ހޯދުން ހޯދުމަށް ސައިންސްވެރިން ހޯދާފައިވަނީ ސިންގަލް-ސެލް އާރްއެންއޭ އެނަލައިޒްކޮށްގެންނެވެ.
ގަރުނަކަށް ވުރެ ގިނަ ދުވަހު ދުނިޔޭގައި ތިބޭ މިހުންނަކީ ޚާއްސަ ސިފަތަކެއް ލިބިގެންވާ ވަރަށް ޔުނީކް ބައެއް ކަމަށް ސައިންސްވެރިން ބުނެ އެވެ. އެންމެ ފުރަތަމަ ކަމަކީ މި އުމުރަށް ދާ މީހުން އިންތިހާއަށް މަދުކަމެވެ.
ޖަޕާންގައި 2015 ވަނަ އަހަރު 100 އަހަރު ފުރިފައިވަނީ 61،000 މީހުން ތިއްބެވެ. ނަމަވެސް 110 އަހަރު ފުރެންދެން ދުނިޔޭގައި ތިބީ އެންމެ 146 މީހުންނެވެ.
ސައިންސްވެރިންގެ ހޯދުން ދައްކާ ގޮތުން 110 އަހަރު ވަންދެން ދުނިޔޭގައި ތިބި އެންމެންގެ ހަށިގަނޑުވެސް ގުދުރަތީ ގޮތުން އުފެދިފައި ހުރީ ހުރިހާ ބަލި ބައްޔަކުން ދިފާއުވާ ގޮތަށެވެ. އެމީހުންގެ ދިގު ހަޔާތުގައި ކެންސަރާއި އެކި ކަހަލަ އިންފެކްޝަންތަކުން ޖެހޭ ބަލިތައް ނުޖެހެ އެވެ.
އެހެންވެ މި މީހުންގެ ދިފާއީ ނިޒާމްގެ ބާރު ވަރަށް ގަދަކަން ސައިންސްވެރިންނަށް ޔަގީން ކުރެވި މި މީހުންގެ ހަށިގަނޑު އުފެދިފައިވާ ގޮތް ދެނެގަންނަން ގަސްތުކުރީ އެވެ.
މި ސުވާލުތަކުގެ ޖަވާބު ހޯދުމަށްޓަކައި ސައިންސްވެރިން ވަނީ ގަރުނަކަށް ވުރެ ގިނަ ދުވަސް ވެފައިވާ މީހުންގެ ގްރޫޕަކާއި އެއަށް ވުރެ ޒުވާން މީހުންގެ ގްރޫޕެއްގެ ދިފާއި ނިޒާމް އުފެދިފައިވާ ގޮތާއި އެ ނިޒާމުގައި ހިމެނޭ އިމިއުން ސެލްސް ސާކިއުލޭޓްވަމުންދާ ގޮތް ބަލާ ދިރާސަތަކެއް ހަދާފަ އެވެ.
އެގޮތުން ގަރުނަކަށް ވުރެ ގިނަ ދުވަސްވީ ހަތް މީހެއްގެ ހަށިގަނޑުން 41،208 ސެލް ނެގި އެވެ. ޅަ ގްރޫޕްގެ ހަށިގަނޑުން 19،994 ސެލް ނަގާފައި ވެ އެވެ. މި ޅަ ގްރޫޕްގެ އުމުރު އުޅެނީ 50 އާއި 80 އާ ދެމެދުގަ އެވެ.
މި ސެލްތައް ޓެސްޓްކޮށް ބެލި ބެލުމުން ސައިންސްވެރިންނަށް ޔަގީންވީ ގަރުނަކަށް ވުރެ ގިނަ ދުވަސްވީ މީހުންގެ ހަށިގަނޑުގައި ބީ-ސެލްސް މަދު ކަމެވެ. އަދި ޓީ-ސެލްސް ހުރީ ދެ ގްރޫޕްގެ ވެސް ދާދި އެއްވަރަކަށެވެ. ނަމަވެސް ޓީ ސެލްގެ ސަބްސެޓްސްގެ އަދަދު ގަރުނަކަށް ވުރެ ދުވަސްވީ މީހުންގެ ހަށިގަނޑުގައި އިތުރުވެފައިވާ ކަން ފާހަގަ ކުރެވުނެވެ.
މި ސެލްތައް އެނަލައިޒްކޮށް ބެލި ބެލުމުން އެނގުނު ގޮތުގައި ގަރުނަކަށް ވުރެ ގިނަ ދުވަސްވީ މީހުންގެ ސައިޓޯޓޮކްސިކް ސެލްސް ވަރަށް ބޮޑަށް އިތުރެވެ. މާނައަކީ މި ސެލްތަކުގައި އެހެން ސެލްތައް މަރާލުމުގެ ގާބިލްކަން ހުރުމެވެ. ބައެއް ފަހަރަށް ޓީ-ސެލްސްގެ 80 ޕަސެންޓް ވެސް މަރާލުމުގެ ކުޅަދާނަކަން ލިބިގެންވާކަން ފާހަގަ ކުރެވުނެވެ. ނަމަވެސް އުމުރުން ހަގު ގްރޫޕްގެ މީހުންގެ ދިފާއީ ނިޒާމުގައި މި ގާބިލްކަން ހުންނަނީ އެންމެ 10-20 ޕަސެންޓަށެވެ.
މި ދިރާސާގައި މަސައްކަތް ކުރެއްވި ކަސުކޭ ހަޝިމޯޓޯ ވިދާޅުވީ އުމުރުން 100 އަހަރަށް ވުރެ ގިނަ ދުވަހު ދުނިޔޭގައި ތިބި މީހުންގެ ދިފާއީ ނިޒާމު މަސައްކަތްކުރާ ގޮތް ބަލަން ޝައުގުވެރިވީ ސިއްހަތު ރަނގަޅަށް ގިނަ ދުވަހު ތިބުމަށް މި މީހުންނަކީ ރޯލް މޮޑެލުންގެ ގޮތުގައި ބަލާތީކަމަށެވެ.