ލައިފްސްޓައިލް

15 ފޫޓު ކިނބުލަކާ ހަނގުރާމަކޮށް ކޮއްކޮ ސަލާމަތްކޮށްފި

ފިލިޕީންސްގެ 15 އަހަރުގެ ފިރިހެން ކުއްޖަކު އޭނާގެ ކޮއްކޮ ކިނބުލެއްގެ އަތްދަށުން ސަލާމަތް ކޮށްދީފި އެވެ. މި ހާދިސާ ހިނގާފައި ވަނީ ފިލިޕީންސްގެ ދެކުނުގައި އޮންނަ ޕަލޯން ޑިސްޓްރިކްޓްގަ އެވެ.

ހާޝިމް އާއި އޭނާގެ ކޮއްކޮ ހައިނާ، 12، ކޯރެއްގައި އޮނު ބަނދެގެން އަޅާފައިވާ ބްރިޖެއްގެ މަތިން ކޯރު ހުރަސް ކުރަނިކޮށް ކިނބޫ ވަނީ ހައިނާގެ ފައިގައި ދަތް އަޅައި ކޯރު ތެރެއަށް ދަމައިގަންނަން މަސައްކަތް ކޮށްފަ އެވެ.

ބްރިޖް ހުރަސްކުރި ވަގުތު ހާޝިމް ހުރީ ކޮއްކޮއަށް ވުރެ ކުރީގަ އެވެ. އެހެންވެ އޭނާއަށް ކޮއްކޮގެ ފައިގައި ކިނބޫ ދަތްއެޅިކަން އެނގުނީ ބްރިޖް ހުރަސްކޮށް އެއްގަމަށް އެރި ފަހުންނެވެ.

ހާޝިމް ބުނި ގޮތުގައި އޭނާ އެއްގަމަށް އަރާފައި ބަލާލިއިރު ކޮއްކޮ އޮތީ ބްރިޖް އެލިފަ އެވެ. އޭނާ ފުރަތަމަ ހީކުރީ ކޮއްކޮ ބްރިޖްމަތިން ދަނިކޮށް ފައި ކައްސާލައިގެން ވެއްޓުނީ ކަމަށެވެ. ނަމަވެސް ކުޑަ އިރުކޮޅަކުން އޭނާއަށް ކޯރުގައި އޮތް ކިނބުލުގެ ބޯ ފެނުނެވެ. އަދި ކޮއްކޮގެ ފައިގައި ކިނބޫ ދަތް އަޅައިގެން ދަމަމުންދާކަން އެނގުނެވެ. އެހެންވެ ވަގުތުން ގޮސް ހިލައިން ކިނބޫ ގައިގައި ތަޅާ ކޮއްކޮ ސަލާމަތްކުރީ އެވެ.

ފިލިޕީންސްގެ ނޫސްތަކުން ބުނަނީ ހައިނާއަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދިނުމުން މިހާރު ރަނގަޅުވަމުން އަންނަ ކަމަށެވެ.

މި ފަހަކަށް އައިސް ކިނބުލުގެ ހަމަލާތައް އިންސާނުންނަށް ކުރިމަތިވާ މިންވަރު ވަނީ އިތުރުވެފަ އެވެ. މީގެ ދެ ދުވަހެއް ކުރިން އޮސްޓްރޭލިޔާގައި ވެސް މިފަދަ ހާދިސާއެއް ހިނގާފައި ވެއެވެ.

ކްރެއިގް ޑިކްމަން ކިޔާ މީހަކު ގޮނޑުދޮށުގައި އުޅެފައި އެއްގަމަށް އަރަނިކޮށް އޭނާގެ ފުރަގަހުން ކިނބުލެއް ހަމަލަދީ މޫދަށް ގެންދަން ވަނީ މަސައްކަތް ކޮށްފަ އެވެ.

ޑިކްމަން ބުނި ގޮތުގައި އޭނާއަށް ކިނބުލުގެ ކިބައިން ސަލާމަތް ވެވޭނެ އެންމެ މޮޅު ގޮތެއް ކަމަށް ފެނުނީ އޭތީގެ ލޮލަށް އިނގިލި ކޮއްޕާލުމެވެ. ސަބަބަކީ އެސޮރުގެ ހަށިގަނޑުގެ އެހެން ބައިތައް ހަރުކަމުންނެވެ. އެހެންވެ ވަގުތުން އޭނާ އެ ސޮރުގެ ލޮލަށް ހަމަލަ ދިނީ އެވެ. ލޮލަށް އިނގިލި ކޮއްޕާލުމުން ވަރަށް އަޑިޔަށް އޭނާގެ އިނގިލި ދިޔަ ކަމަށާއި އޭގެ ފަހުން އޭނާގެ ކިނބުލުގެ ބުރަކަށިމައްޗަށް އަރައި އޭއްޗާ ހަނގުރާމަ ކުރި ކަމަށާއި އަދި އެސޮރުގެ އަނގަ ދުރުކޮށް ސަލާމަތް ވީމަ އަވަހަށް އެ ސޮރު ކޯރު ތެރެއަށް ކޮއްޕާލީ ކަމަށް ޑިކްމަން ބުންޏެވެ.

ދާދިފަހުން ޒިމްބާބުވޭ ގައި ވެސް މިފަދަ ހާދިސާއެއް ހިނގާފައި ވެއެވެ. ސްކޫލް ކުދިން ތަކެއް ކޯރަކަށް އެރިގެން އުޅެނިކޮށް އެތަނުން ކުއްޖަކަށް ކިނބުލެއް ހަމަލަ ދިނުމުން އެ ކުއްޖާގެ އެކުވެރިއަކު ވަނީ ކިނބުލުގެ ލޮލަށް އިނގިލި ކޮއްޕާލައިގެން އެކުވެރިޔާ ސަލާމަތްކޮށްފަ އެވެ.