ހަބަރު

އަފްރާޝީމް ތަހުގީގުގެ ތަފްސީލުތައް ހާމަކުރަނީ

Nov 17, 2019
1

އަވަހާރަކޮށްލާފައިވާ ކުރީގެ މަޖިލީހުގެ މެންބަރު އަދި ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީގެ މަރާ ގުޅޭ ގޮތުން ރިޔާސީ ކޮމިޝަނުން ކުރި ތަހުގީގު ހޯދުނު ހޯދުންތަކުގެ ތަފްސީލް ވަރަށް އަވަހަށް ހާމަ ކުރައްވާނެ ކަމަށް އެ ކޮމިޝަނުގެ ރައީސް ހުސްނު ސުއޫދު މިއަދު ވިދާޅުވެއްޖެ އެވެ.

ދެހާސް ބާރަވަނަ އަހަރު އަވަހާރަ ކޮށްލި އަފްރާޝީމް މަރާ ގުޅޭ ރިޕޯޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މަޖިލީހާ ފުލުހުންނާއި، ޕްރޮސިކިއުޓާ ޖެނެރަލާއި ކައުންޓަ ޓެރަރިޒަމް ޔުނިޓާއި އޭޖީ އާއި ހިއްސާ ކުރައްވައިފަ އެވެ.

އެ ގޮތުން، އެ ރިޕޯޓްގެ ހުލާސާއެއް މިއަދު ރައްޔިތުން މަޖިލީހުގައި އާންމު ކުރަން ނިންމަމާފައިވާއިރު، އެ ރިޕޯޓް ސަރުކާރުން ހާމަކުރާއިރު، މިވަގުތު ރާއްޖޭން ބޭރުގައި ހުންނެވީތީ ހިތާމަކުރައްވާ ކަމަށް ސުއޫދު މިއަދު ވިދާޅުވި އެވެ.

ނަމަވެސް، އެނބުރި ރާއްޖެ ވަޑައިގެން، ޕްރެސް ކޮންފަރަންސެއް ބާއްވަވައި، އަފްރާޝީމްގެ މަރާ ގުޅޭގޮތުން ކޮމިޝަނަށް ހޯދުނު ހޯދުންތަކުގެ ތަފްސީލް ޕްރެސެންޓޭޝަނެއް މެދުވެރިކޮށް ހާމަކުރައްވާނެކަމަށް ކުރީގެ ބަންޑާރަ ނައިބުކަން ވެސް ކުރައްވާފައިވާ ސުއޫދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.

"... އޭރުން ކޮމިޝަނުން ކުރި މަސައްކަތްތަކާމެދު ރައްޔިތުންނަށް ގޮތެއް ނިންމޭނެ،" ސުއޫދު ވިދާޅުވި އެވެ.

ސުއޫދު މިގޮތަށް ވިދާޅުވެފައިވާއިރު، އެ ރިޕޯޓް ލީކުވި މައްސަލަ ބަލަން ވަނީ ފަށައިފަ އެވެ. އަދި އަފްރަޝީމް އަލީ އަވަހާރަކޮށްލި މައްސަލައާއި ގުޅިގެން މަރުތައް ބަލާ ރިޔާސީ ކޮމިޝަން އިން ކުރި ތަހުގީގުގެ ރިޕޯޓް ބަލައި ނުގަންނަ ކަމަށް އެ އާއިލާއިން ވަނީ ބުނެފަ އެވެ.