ހަބަރު

އަނިޔާވެރި އަމަލެެއް ނުކުރަން، ކޮމިޝަނަށް ދިނީ ތެދު މައުލޫމާތު: ޝަހީމް

އަބަދުވެސް ހުންނަވާނީ އަނިޔާވެރި އަމަލުތަކުން ބަރީއަވެގެން ކަމަށާއި ޑރ. އަފްރާޝީމް އަލީގެ މަރާ ގުޅުވައި ކުރައްވަނީ ދޮގު ތުހުމަތުތަކެއް ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

އަފްރާޝީމްގެ މަރުގެ މައްސަލާގައި ރިޔާސީ ކޮމިޝަނުން ކުރި ތަހުގީގުގެ މައްޗަށް އެކުލަވައިލި ރިޕޯޓްގެ ހުލާސާއެއް ވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތަޅުމަށް އިއްވައިފަ އެވެ. މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްވެވި ހުލާސާގައި ޝަހީމްގެ ވާހަކައިގެ ބަޔަށް ވަރަށް ބޮޑަށް ބާރުލައްވާ ވާހަކަފުޅު ދައްކަވައި ތަކުރާރުކޮށް އެ ވާހަކަތައް ވިދާޅުވެފައި ވެއެވެ.

އެ ގޮތުން ޝަހީމަށް މީހަކު ފޮނުވާފައިވާ ޓެކްސް މެސެޖެއްގައި އަފްރާޝީމް "ރުޖޫއަވެ މީޑިއާގައި މައާފަށް އެދިވަޑަައިގެން ތައުބާ ވެއްޖެނަމަ ކިތަންމެހާ ވެސް ރަނގަޅު" ކަމަށް އޮތް ކަމަށް އެ ރިޕޯޓްގައި ބުނެ އެވެ. އަދި ޝަހީމް އެ މެސެޖް އަފްރާޝީމަށް ފޯވާޑް ކޮށްފައިވާ ކަމަށް ވެސް ބުނެ އެވެ.

ކޮމިޝަނަށް ޝަހީމް ދެއްވާފައިވާ ބަޔާނުގައިވާ ގޮތުން އަފްރާޝީމް އަވަހާރަކޮށްލި ދުވަހުގެ ރޭގެ ކުރިން އެ ދުވަހުގެ މެންދުރު އިސްލާމީ މަރުކަޒަށް އަފްރާޝީމް ވަޑައިގަތީ އޭނާގެ އެދިވަޑައިގަތުމުގެ މަތިންނެއް ނޫނެވެ. އަދި މެސެޖް ޝަހީމަށް ފޮނުވީ ކޮން ފަރާތަކުންތޯ ސުވާލު ކުރުމުން އެއީ ކާކުކަން ހަނދުމަފުޅުގައި ނެތް ކަމަށް ކޮމިޝަނަށް ވިދާޅުވި ކަމަށް ވެސް ރިޕޯޓްގައި ބުނެ އެވެ.

އެކަމަކު ޝަހީމާއި އެ މީހާ އަފްރާޝީމާ ދެމެދު މެސެޖް މެދުވެރިކޮށް ކޮށްފައިވާ މުއާމަލާތްތަކަށް ބަލާއިރު، ޝަހީމް ކޮމިޝަނަށް ދެއްވީ ތެދު މައުލޫމާތެއް ނޫން ކަމަށް ރިޕޯޓްގެ ހުލާސާ ހާމަ ކުރައްވަމުން ރައީސް ނަޝީދު މިއަދު ވިދާޅުވި އެވެ.

އެ ކަމާ ގުޅިގެން ޝަހީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އޭނާ އަނިޔާވެރި އަމަލުތަކުން ބަރީއަވެގެންވާ ކަމަށެވެ. އަދި ޓީވީ ޕްރޮގްރާމާބެހޭ ގޮތުން އޭނާ ކޮމިޝަނަށް ދީފައި ވާނީ ތެދު މައުލޫމާތު ކަމަށެވެ. އަދި މިހާރު މަސައްކަތްތައް އެ ކުރެވެނީ ހަގީގީ ގާތިލުން ފޮރުވުމަށް ކަމަށެވެ.

"ޑރ. އަފްރާޝިމް މަރާއި މައުސޫމް މީހުނާ ގުޅުވަން ކުރާ މަސައްކަތްތަކީ ހަގީގީ ގާތިލުން ފޮރުވަން ކުރާ މަސައްކަތެއް. އަނިޔާވެރި އަމަލުތަކުން އަޅުގަނޑު ބަރީއަވެގެންވާ ކަން ﷲ ދެނެވޮޑިގެންވާނެ. ޓީވީ ޕްރޮގްރާމާ ބެހޭ ގޮތުން މަރުތައް ތަހުގީގު ކުރާ ކޮމިޝަނަށް އަޅުގަނޑު ދީފައި ވާނީ ތެދު މައުލޫމާތު." ޝަހީމް ވިދާޅުވި އެވެ.

ކޮމިޝަންގެ ރިޕޯޓްގައި ބުނާ ގޮތުން، ޝަހީމާއި އެ މީހާއި އަފްރާޝީމާ ދެމެދު މެސެޖް މެދުވެރިކޮށް ކޮށްފައިވާ މުއާމަލާތްތަކަށް ބަލާއިރު، މެންދުރު އިސްލާމީ މަރުކަޒަށް ވަޑައިގަތުމަށާއި އެ ދުވަހުގެ ރޭ ޓީވީ ޕްރޮގްރާމަށް އަފްރާޝީމް އަރަން އެދިވަޑައިގަތީ އޭރުގެ އިސްލާމިކް މިނިސްޓަރު ޝަހީމެވެ.

އެ ދުވަހުގެ ރޭ އަފްރާޝީމް ޓީވީ ޕްރޮގްރާމަށް އަރަން އެ މީހަކު އެދުނު ސަބަބާއި އެދުނީ އަފްރާޗީމް ތައުބާވެ މީޑިއާގައި އެކަން އާންމުކޮށް އިއުލާން ކުރަން ކަން ޝަހީމަށް އެނގިވަޑައިގަންނަވާ ކަން އެ މެސެޖްތަކުން އެނގޭ ކަމަށް ރިޕޯޓްގައިވެ އެވެ. އަދި ޕްރޮގްރާމަށް އެރޭ ގޮތް ނުވެއްޖެނަމަ އިސްލާމިކް މިނިސްޓްރީގައި ޕްރެސް ކޮންފެރެންސް އެއް ބާއްވަން ވެސް އޭނާ އެދިވަޑައިގެންނެވި ކަމަށް ވެ އެވެ.

ރަހުމު ކުޑަ ގޮތަކަށް ދީނީ އިލްމުވެރިޔާ އަފްރާޝީމް މަރާލީ އޮކްޓޯބަރު 1، 2012 ވަނަ ދުވަހުގެ ރޭ 1:30 ހާއިރު، އޭނާ ދިރިއުޅޭ ހ. ފުންވިލުގެ ސިޑިގޮޅި ކައިރީގަ އެވެ. އޭނާ އަވަހާރަކޮށްލީ ޓީވީއެމްގެ އެ ޕްރޮގްރާމްގައި އިންނެވުމަށްފަހު ގެއަށް ވަޑައިގެން ގޭގެ އެތެރެއަށް ވަދެ ވަޑައިގަންނަވަނިކޮށެވެ.