ހަބަރު

ދައުވާ ކުރަނީ ސިޔާސީ މުސްތަގުބަލު ދުއްވާލަން: ޝަހީމް

އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލާގައި ޑރ. ޝަހީމް އަލީ ސައީދަށް ދައުވާ ކުރަން ނިންމާފައި ވަނީ އެމަނިކުފާނުގެ ސިޔާސީ މުސްތަގުބަލު ދުއްވާލުމަށްޓަކައި ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުން މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ، އެ ކޮމިޝަނުން ބަލަމުން ގެންދިޔަ އަފްރާޝީމްގެ މަރުގެ މައްސަލާގެ ތަހުގީގަށް ޝަހީމް ދޮގު މައުލޫމާތު ދެއްވާފައިވާތީ އާއި، ތަހުގީގަށް ހުރަސް އަޅާފައި ވާތީ، އެ މައްސަލާގައި އޭނާގެ މައްޗަށް ދައުވާ ކޮށްދޭން އެދި ޕީޖީ އޮފީހަށް މައްސަލަ ފޮނުވާފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން ޝަހީމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަފްރާޝީމްގެ މަރުގެ މައްސަލައަކީ އެމަނިކުފާނާ ގުޅުން އޮތް މައްސަލައެއް ނޫން ކަމަށެވެ. އަދި ދައުވާ ކުރަން ނިންމާފައި ވަނީ އެމަނިކުފާނުގެ މަސައްކަތްތަކަށް ހުރަސް އަޅައި ސިޔާސީ މުސްތަގުބަލު ދުއްވާލުމުގެ ބޭނުމުގައި ކަމަށް ޝަހީމް ވިދާޅުވި އެވެ.

އަފްރާޝީމް އަލީ އަވަހާރަކޮށްލީ، ޝަހީމް އިސްލާމިކް މިނިސްޓަރުގެ މަގާމްގައި ހުންނަވަނިކޮށެވެ. އެމަނިކުފާނު މަރުގެ ކޮމިޝަނަށް ދެއްވި ބަޔާނުގައި ޓީވީ ޕްރޮގްރާމަކަށް އަރާވަޑައިގަތުމަށް އެދި ލެއްވީ އަފްރާޝީމް ކަމަށް ވިދާޅުވެފައި ވެއެވެ. އެހެން ނަމަވެސް ކޮމިޝަނުން ހެކީގެ ގޮތުގައި ހޯދި އެ ދެ ބޭފުޅުންގެ ޓެކްސްޓް މެސެޖުގައިވާ ގޮތުން އަފްރާޝީމް މިނިސްޓްރީއަށް އެ ދުވަހު ވަޑައިގަތީ ޝަހީމް އެދިވަޑައިގަތުމަކަށެވެ. އެ މެސެޖްތަކަށް ބެލުމަށްފަހު ކޮމިޝަނުން ނިންމީ ޝަހީމް ދެއްވި މައުލޫމާތުތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށެވެ.

އެހެން ނަމަވެސް ޝަހީމް ވަނީ އެކަން ދިފާއު ކުރައްވާ އެމަނިކުފާނު ދޮގު މައުލޫމާތު ދެއްވާފައި ނުވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ.

އެމައްސަލައާއި ގުޅިގެން ޝަހީމްގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައިވާއިރު، ޝަހީމްއާއި، ސަލަފަށް ފިޔަވަޅު އަޅަން މަޖިލީހުންވެސް ވަނީ ފާސްކޮށްފަ އެވެ.

ޝަހީމަކީ މިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް އަބުދުﷲ ޔާމީންގެ ރަނިންމޭޓްވެސް މެއެވެ. އަދި ޝަހީމަކީ ދުނިޔޭގެ ފާހަގަ ކޮށްލެވޭ އިސްލާމީ 500 ޝަހުސިއްޔަތުންގެ ތެރޭގައި ވެސް ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އަދި އިސްލާމީ ގައުމުގެ ތަކުގެ ޖަމިއްޔާ، އޯއައިސީގެ ސެކްރެޓަރީ ޖެނެރަލްގެ އިސް މުޝީރުގެ މަގާމުގައި މިވަގުތު ހުންނެވީވެސް ޝަހީމެވެ.